ޝަހީދާ އަބްދުﷲ ސައީދު
މީހުންގެ ފަހަތުން ދުވުން ފިޔަވައި އެހެންކަމެއް މިސަރުކާރުން އަދި ކުރެވިފައި ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މަޑަވެލީ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެދާއިރާގެ މެންބަރު މުއާޒު ރަޝީދަށް ތާއީދު ހޯދުމުގެ ގޮތުން އެދާއިރާގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ޔާމީން އިއްޔެ ފޯނުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ނެތްކަމަށާއި އެކަން މަތަކުރުމަށް ފާޑުފާޑުގެ ކޮމިޝަންތައް ހަދައިގެން ގާނޫނާއި ހިލާފުކަންތައްތައް ކުރުމަށް ހިތްވަރު ދެމުން އަންނަ ކަމަށެވެ.
އަދި ފަސްމަސް ދުވަސްވެގެންދާއިރު އޮއްޓަރުހުރި ކަމެއް ސަރުކާރަށް ކުރެވިފައި ނުވާ ކަމަށާއި އެވާހަކަ ދެއްކެވުމުން އެމަނިކުފާނަށް ހޫނު ގަނޑެއް އަންނާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާހިސާބަށް ހަލާކުވެ ގޮސްފައި އޮތީ ސިޔާސީ ލީޑަރުންތަކެއް ރައްޔިތުންނާ ދޭތެރޭ ނުވިސްނައި ހިންގާފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
ޔާމީން ވިދާޅުވީ ދިވެހިންނަކީ ކަސްތޮޅު އެޅިފައި ތިބޭ ބައެއް ނޫން ކަމަށާއި ބައެއްގެ އަޅުވެތިކަމުގައި ތިބޭ ބަޔަކަށް ދިވެހިން ވުމަށް ނޭދޭ ކަމަށެވެ.
''ދެންހުރި ސިޔާސީ ވާހަކަތައް ދެއްކީމަ ދެންވާ ގޮތަކީ މީޑިއާއަށްވެސް އަރާނެ، ވައިރަލްވެގެންވެސްދާނެ. އެރިވަރަކަށް ދެން މިހާރު މިއޮތް ސަރުކާރު ހަމަ ނުފުދޭކަން ސަރުކާރަށް އެނގޭނެ. ސަރުކާރުގެ ނުފުދުންތެރިކަން މަތަކުރުމަށްޓަކައި އެމީހުންނަށް އޮންނާނެ ކަމަކީ ފާޑުފާޑުގެ ކޮމިޝަންތައް ހަދައިގެން ގާނޫނާ ހިލާފްކަންތައްތައް ކުރުމަށް ހިތްވަރުދިނުމާ މިކަހަލަ ކަންތައްތައް ކުރެވޭނީ. ސަރުކާރަށް ފަސް މަސްދުވަސް ވެގެންދާއިރު އަދި އޮއްޓަރުހުރި އެއްވެސް ކަމެއް އަދިނެތް ކުރެވިފައެއް. އަހަންނަށް އެނގޭ އަހަރެން މިވާހަކަދެއްކީމަ އަނެއްކާ އަހަންނަށް ހޫނު ގަނޑެއް އަތުވެދާނެކަން. އެކަމުވެސް މީދޯ މީގަ ހަގީގަތަކީ.'' ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ކެމްޕެއިނަށް ހުރި ފައިސާ ނުދީ ފުރީޒުކޮށްފައި ހުރުމުން މަޖިލިސް ކެމްޕެއިނަށް ހުރަސްއެޅިފައިވާ ކަމަށެވެ.
ނަމަވެސް މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު ރަޝީދު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.