ދީޕިކާ ޕަޑުކޯން އަދި ރަންބީރު ކަޕޫރަކީ ރައްޓެހިވެގެން އުޅުމަށްފަހު ވަކިވެގެންވެސް ގާތް ރަހުމަތްތެރިކަން ބާއްވަމުން އަންނަ ބޮލީވުޑްގައި މިސާލު ނަގާ އެކުވެރިންނެވެ.
ވަކި ވުމަށްފަހުވެސް ދެ ތަރިންވަނީ އެކީގައި ފިލްމު ތަކެއްގައިވެސް ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން އެދެތަރިންގެ ބައިވެރިން ކަމަށްވާ ރަންވީރު ސިންގް އަދި އާލިއާ ބަޓްވެސް މިވަނީ ހަމަ އެހާ ގާތް ރަހްމަތްތެރިންނަށްވެފައެވެ.
މި ހަތަރު ބައިވެރިންވަނީ ފަހަކަށް އައިސް ބޭއްވި ބައެއް ހަފްލާތަކުގައިވެސް އެކީގައި ވަގުތު ހޭދަކޮށްފައެވެ. އަދި ހަތަރު ބައިވެރިން އެކީގައި އިށީނުމުންވެސް ވެގެން ގޮސްފައިވަނީ މީހުނަށް ބޮޑު ސަޕްރައިޒްއަކަށެވެ.
މިހާރު މިވަނީ ހަތަރު ބައިވެރިންގެ ގުޅުން އެއަށްވުރެ ބޮޑަށް ބަދަހި ވާނެ ކަމުގެ ފެހި ސިގްނަލްވެސް ލިބިފައެވެ. ޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަތަރު ބައިވެރިންނަށް ވަނީ ޔޫއެސް ޓުއާއެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ނިއު ޔޯކް، ނިއު ޖާޒީ އަދި ޗިކާގޯ ހިމެނެއެވެ. މި ޓުއާ އޮންނާނީ އަންނަ އަހަރުއެވެ.
މިދުވަސްވަރު ދީޕިކާ އަންނަނީ ފިލްމު "ޗަޕާކް"ގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި އޭނާއަކީ ލީޑް ބަތަލާގެ އިތުރުން ޕްރޮޑިއުސަރުވެސް މެއެވެ. ރަންވީރުގެ ދެ ފިލްމެއް ކުރިއަށް އޮތްއިރު އޭގެ ތެރޭގައި ފިލްމު "83" އަދި "ތަޚްތު" ހިމެނޭއިރު ރަންބީރު އަދި އާލިއާ އެކީގައި ފިލްމު "ބްރާމަސްތްރާ" އިން ފެނިގެން ދާނެއެވެ.