ފުލުހުންގެ ތަހުގީގު ބިނާކުރަން ވާނީ ކުށްވެރިޔާ ސަލާމަތް ނުވެވޭނެ ގޮތަށް އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަދުލު އިންސާފަށް ވާސިލުވުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ފުލުހުންގެ ތަހުގީގު ކަމަށާއި އެހެންވީމާ ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ، އެތައް ގުނައެއް އަވަސް ކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދުލު އިންސާފު ނުލިބުން. ފުލުހުންގެ ތަހުގީގު ބިނާކުރަން ވާނީ ކުށްވެރިޔާ ސަލާމަތް ނުވެވޭނެ ގޮތަށް. އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނުގައި ވެސް ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަމަކީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު އިތުބާރާއި ޔަގީންކަން އުފެއްދުން ކަމަށެވެ.
"އެކަން ހާސިލުކުރުވުމަށް މީހުން ކުށްތަކަށް އަރައިގަތުން މަދުވެ، ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަކީ ދެތިން ދުވަހަކަށް ބާއްވާ މަހާސިންތާއަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް ކުރަމުންދާން ޖެހޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މިއަހަރުން ފެށިގެން 2024 ގެ ނިޔަލަށް ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރައްވައިފައެވެ.