ޕީޕީއެމް

ސިޔާސި މީހުންގެ އާއިލާތަކަށް ފުރައްސާރަ ނުކުރަން ޕީޕީއެމްއިން ގޮވާލައިފި

މުހައްމަދު އައުޒަމް

ސިޔާސި މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފުރައްސާރަކޮށް ބައެއް ފަރާތްތަކުން ހިންގަމުންގެންދާ އެކި އަމަލުތައް ކުށްވެރިކޮށް ޕީޕީއެމް އިން ނޫސްބަޔާނެއް ނެރެފިއެވެ.

ޕީޕީއެމް ގެ ނޫސްބަޔާނުގައި ވަނީ ސިޔާސީގޮތުން ރާއްޖޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގަމުންދާ މިފަދަ ދުވަސްވަރެއްގައި ސިޔާސީ ހަރަކާތްތެރިން ނަފްސާނީގޮތުން ބަލިކަށި ކޮށްލުމަށްޓަކައި އެމީހުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް މީސްމީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެމީހުންގެ އާއިލާގެ މެންބަރުންނާއި ދަރީންނަށް ފުރައްސާރަކުރުން ފަދަ ނޭދެވޭ އަމަލުތަކެއް މަދު ބަޔަކުނަމަވެސް ކުރަމުންދާކަން ފާހަގަ ކޮށްފައެވެ.

ދިވެހިރާއްޖެއަކީ މިއަދު އަވައްޓެރި ގައުމުތަކާ އަޅައިބަލާއިރު ތައުލީމީ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އަދި ކުރިއަރަމުން އަންނަ ގައުމަކަށް ވީހިނދު، މިފަދަ ނާތަހުޒީބީ އަމަލުތަކަކީ މި ގަރުނަށް ފެތޭ އަދި ތަހުޒީބީ މުޖުތަމައެއްގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު ބަލައިގަންނާނޭ ކަމެއް ނޫން ކަމަށްވެސް ޕީޕީއެމް ގެ ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ޕީޕީއެމް ގެ ބަޔާނުގައި އިތުރަށްވަނީ މިފަދަ ނާތަހުޒީބީ އަމަލުތަކުން އެއްކިބާވެ، ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ސިޔަސީ ހަރަކާތްތެރިންނަށްވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ހުރިހާ ފަރާތްތަކަށް ޕީޕީއެމް އިން އިލްތިމާސް ކުރާކަމަށް ބުނެފައެވެ.