ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް އަންނަ މަހުގެ ނުވަވަނަ ދުވަހު ފަށާ ގޮތަށް ނިންމައިފިއެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެށޭ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މެއި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި ނުވަ ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައެވެ.
ކްލަބު މޯލްޑިވްސްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އެ ޓީމުން ވަނީ 2009، 2011 2014 އަދި 2015ގެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ކްލަބު މޯލްޑިވްސް ކަޕުގައި ދެވަނައަށް އެންމެ ކާމިޔާބު ޓީމުތަކަކީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. އެމްއޭސީއެލް އިން 2007، 2008 އަދި 2010ގެ މުބާރާތް ކާމިޔާބުކުރި އިރު، އެމްޕީއެލް އިން ވަނީ 2006، 2012 އަދި 2013ގެ މުބާރާތް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑެވެ. އަދި އޭގެ ކުރިން 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އެވެ.
ކްލަބު މޯލްޑިވްސްގެ އަންހެން ބައި، 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު އަހަރުގެ ޗެމްޕިއަން މޯލްޑިވްސް އިމިގްރޭޝަނެވެ. އެ ޓީމުން ވަނީ 2010، 2011، 2015 އަދި 2016ގެ މުބާރާތް ކާމިޔާބުކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން 2013 އާއި 2014ގެ ޗެމްޕިއަންކަން ހޯދި އިރު، ފެނަކަ ކޯޕަރޭޝަނުން ވަނީ 2017ގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އެމްޕީއެލްއެވެ.