ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ 12 ވަނަ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިއަހަރު ވެސް ރައުހަތު ސްޕޯޓްސް އިން ހޯދައިފިއެވެ.
ގދ. ތިނަދުއަށް އުފަން ޒުވާން ކޯޗު ރައުހަތު ގުދުރަތުﷲގެ އެކަޑަމީން ވަނީ މިދިޔަ އަހަރު ވެސް އެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މިމަހުގެ 24 އިން 28އަށް ކުރިއަށްދިޔަ އެ މުބާރާތުގައި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެ އެކަޑަމީން ވަނީ ގިނަ ރަން ވަނަތަކެއް ހޯދައިފައެވެ. އެގޮތުން 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވިފައިވަނީ ވެސް ރައުހަތު ސްޕޯޓްސްގެ އެތުލީޓުންނެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރައުހަތު ސްޕޯޓްސްގެ އިބްރާހިމް ނާހިލް ނިޒާރު ހޮވުނު އިރު، 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ އެ އެކަޑަމީގެ އިބްރާހިމް ރާފިލް ވާފިރެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ރައުހަތު ސްޕޯޓްސްގެ ސުޒައިން މުހައްމަދެވެ.
އެ މުބާރާތުގެ 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް ވެސް ހޮވިފައިވަނީ ރައުހަތު ސްޕޯޓްސްއެވެ. އޭގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް ހޮވިފައިވަނީ ރައުހަތު ސްޕޯޓްސްގެ އިބްރާހިމް ރާފިލް ވާފިރެވެ.