ހުތުބާ

ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެއް: ހުތުބާ

ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށާއި އެއީ މުޖުތަމައުގެ އަމަން އަމާންކަން ނަގާލުމަށް ކުރެވޭ ނުބައި އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ދޮގު ހަބަރު ފަތުރާ މީހާއަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ޠަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށެވެ.

"ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ. އަދި އެއީ މުޖުތަމައުގެ އަމަން އަމާންކަން ނަގާލުމަށް ކުރެވޭ ނުބައި އަމަލެކެވެ. އޭގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ނެތިވެ، ގައުމުގެ ވަހުދަތު ގެއްލިގެންދެއެވެ. މޫސާގެފާނާ ދެކޮޅަށް ފިރުއައުނު ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ އެކަލޭގެފާނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތުތައް އަދާކުރުމީ ވަރަށް މުހިންމު ކަމެއް ކަމަށާއި މުޖުތަމައެއްގެ ކުރިއެރުމާއި ތަރައްގީވުން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން މައުލޫމާތާއި ހަބަރުތައް ފޯރުކޮށްދޭ ހިނދުގައި ވެސް، އެ ހަބަރެއްގެ ނުވަތަ އެ ވާހަކައެއްގެ ތެދު ދޮގު ބަލަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ސޯޝަލް މީޑިއާއާއި ހަބަރު ފަތުރާ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ހަބަރުތައް ލިޔެ ފަތުރައެވެ. މިފަދަ ހަބަރެއް މީހެއް ފުށުން ނުވަތަ އެފަދަ ވަސީލަތަކުން ވިޔަސް ލިބިއްޖެނަމަ އެ ހަބަރު ފެތުރުމުގެ ކުރިން އޭގެ ތެދުދޮގު ބަލަން ޖެހޭނެއެވެ. އިވޭ ކޮންމެ ވާހަކައެއް އެއީ ތެދުކަމަށް ބަލައި އެވާހަކަ ފެތުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ގައުމުގެ އަދާވާތްތެރިން ތަފާތު ގޮތްގޮތަށް ހަބަރުތައް ފަތުރައި، މުސްލިމުންގެ މެދުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން ނަގާލަން މަސައްކަތް ކުރާ ކަމަށާއި މިކަމަކީ މިއަދަކު ނުވަތަ އިއްޔެއަކު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި ދޮގު ވާހަކަތައް ހަދައި، މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް މާތްﷲ ދެއްވާފައިވާ އެއްޗެއް ނޫނެވެ. އެންމެ މޮޅު މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއަށް ވެސް އަބުރާއި އިއްޒަތް ލިބިގެންވެއެވެ. މުއްސަނދިންނާއި ބާރުވެރިން އެބައިމީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އެދޭ ފަދައިން، އަނެކުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް ވެސް އެދެން ވާނެއެވެ. އަދި ހުތުރު ނަން ނަމުން މީހުންނާ މުހާތަބުކުރުމާއި ހުތުރު ބަސްތައް ބުނުމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.