ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

34 މަސް ތެރޭ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނިމި، ރަންވޭއާއެކު ބޭނުންކުރަން ފެށޭނެ: ފިނޭންސް މިނިސްޓަރު

ކުރިއަށްއޮތް 34 މަސް ދުވަސް ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިލް ނިންމައި، އާ ރަންވޭއާއެކު ބޭނުންކުރަން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ފެނިގެންދިޔައީ ވެލާ އެއާޕޯޓުގެ މަސައްކަތްތައް ވަރަށް މަޑުޖެހި، މަސައްކަތް ނުކުރެވި ދިޔަ ތަން ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ މިންވަރަށް ކުރެވިފައި ނުވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ސައުދީ ޑިވެލޮޕްމަންޓް ފަންޑާއި ކުވެއިތު ފަންޑާއި އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކާ ވާހަކަދައްކައިގެން މަސައްކަތް ވީހާވެސް ހަލުވި މިނެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް 34 މަސް ދުވަސް ތެރޭގައި ތިބޭފުޅުންނަށް ފެންނާނެ އާ އެއާޕޯޓާއި އާ ޓާމިނަލެއް ނިމިގެން އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ މިންވަރަށް އަޅުގަނޑުމެން އެ މަސައްކަތް ކުރެވޭ ތަން. ވަރަށް އަވަހަށް، ވަރަށް ހަލުވި ސްޕީޑެއްގައި ގެންދެވޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެ މަސައްކަތް ނިމި އާ ޓާމިނަލާއި އާ ރަންވޭ ބޭނުންކުރަން ފެށުމުން ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ވަރަށް ބޮޑު ތަނުން އިތުރުކުރެވޭނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް ފެނިގެންދާނެ މިހާރު ރާއްޖެއަށް މިއަންނަ ޓޫރިސްޓު އެރައިވަލްސް 1.4 މިލިއަނަކުން ގާތްގަނޑަކަށް ތިން މިލިއަނަށް އިތުރުވެގެންދާ ތަން. އަސްލު ތަރައްގީ ގެންނަން މި ޖެހެނީ ރަނގަޅަށް ޕްލޭން ކުރެވިގެން. އަޅުގަނޑުމެންނަށް މި ފެނިގެންމިދިޔައީ ރަންވޭއެއް ހެދި، ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެން ދިޔަ އިރު، ރަންވޭއާ އެއްކޮށް ޓާނިމަލް އެޅިގެންނެއް ނުދިޔަ. މިހާރު ރަންވޭ އެއޮތީ ތަރައްގީ ކުރެވިފައި، އެކަމަކު ރަންވޭގެ ބޭނުމެއް އަޅުގަނޑުމެންނަކަށް ނުހިފޭ ޓާމިނަލް ނިމިފައި ނެތީމަ،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް 34 މަސް ތެރޭގައި ނިމޭ ވަރަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.