ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަގްބޫލުކަން ހޯދާފައިވާ ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ އަމިއްލަ ޔޫޓިއުބް ސީރީޒްއެއް ލޯންޗްކޮށްފިއެވެ.
"އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގް"ގެ ނަމުގައި ލޯންޗު ކުރި މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ނުފޫޒު ގަދަ ތިން އަންހެނުންގެ އިންޓަވިއު ފެނިގެންދެއެވެ. އެއީ އެމެރިކަން އާޓިސްޓިކް ޖިމްނާސިސްޓް ސިމޯން ބިލްސް، އެމެރިކަން ރެޕާ އަދި އެކްޓްރެސް އޯކްވަފިނާ އަދި ބެލްޖިއަން ފެޝަން ޑިޒައިނަރެއް ކަަމަށްވާ ޑިއާން ވޮން ފޯސްޓެންބާގްއެވެ.
މަޖާ ގޮތަކަށް ކުރިއަށްދާ އެ ސީރީޒްއަކީ އިންސްޕްރޭޝަނަލް މީހުނާ ގުޅޭ ބައެއް އިންޓަވިއުތައް ގެނެސްދިނުމަށް ޕްރިޔަންކާ ކުރިއަށް ގެންދާ ސީރީޒްތަކެކެވެ.
ފުރަތަމަ ޕްރޮގްރާމުގައި ޑިޒައިނަރު ޑިއާން ވަނީ ދަރީން ހޯދުމަށް ޕްރިޔަންކާއަށް ލަފާ ވެސް ދީފައެވެ. އަދި ދަރިން ހޯދަން ބޭނުން ކަަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ދަ ސްކައި އިސް ޕިންކް" ފިލްމުންނެވެ. ފަރްހާން އަޚްތަރާއި ޒައިރާ ވާސިމް އަދި ރޯހިތް ޝެޓީއާ އެކު ޕްރިޔަންކާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީސްކުރާނީ އޮކްޓޯބަރު 11 ގައެވެ.