ރިޕޯޓް

ފުވައްމުލަކު "ރޭޕް"، ހިމާޔަތުގެ އަތްތަކުން ވަކި އަޅައި ކުރި ޝިކާރަ!

5

އެންމެ އިތުބާރާއި ޔަގީންކަމާ އެކު ހިމާޔަތާއި ރައްކާތެރިކަން ދޭނެ ބައެއް ކަމަށް އަހަރެމެން ގަބޫލުކުރަނީ އާއިލާގެ މެންބަރުންނެވެ. އެއީ އެކަން އޮންނާން ޖެހޭ ގޮތެވެ. އެހެން ނަމަވެސް އަނެއްކާވެސް އިވިގެން މިދަނީ ދިމާ އިދިކޮޅު ވާހަކަތަކެކެވެ. ފުވައްމުލަކު ސިޓީގައި 11 އަހަރުގެ އަންހެން ކުއްޖަކާއި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރީއެވެ. އެހެން ބަހުރުވައަކުން ބުނާ ނަމަ "ރޭޕް" ކުރީ އެވެ. ދެ ހާދިސާގައި ވެސް ހިމެނެނީ ގާތް މީހުންނެވެ. އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ބޭބެއާއި ދޮންބައްޕަވެސް ހިމެނެއެވެ.

މި ހަބަރުތަކުން މުޅި ފުވައްމުލަކުގައި ބިރުވެރިކަން އުފައްދައިފި އެވެ. ނުތަނަވަސްކަން އުފައްދައިފި އެވެ. ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެއެވެ. މި ދެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަކީ ކުރީންވެސް ކުށުގެ ރެކޯޑުތައް އޮތް މީހުން ކަމަށް އެނގިފައިވެއެވެ. އެ ގޮތުން މަސްތުވާ ތަކެއްޗާއި ކުޑަކުދީންނާ ބެހުމުގެ ރެކޯޑުވެސް ބައެއް މީހުންގެ އޮންނަކަމަށް މައުލޫމާތު ލިބެއެވެ. އެ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބީ ކުށެއް ސާބިތު ނުވެގެން ކަމެއް ނުވަތަ ކުށާއި ގުޅިގެން ތަންފީޒުކުރާން ޖެހޭ ހުކުމް ތަންފީޒުކޮށް ނިމުމުންކަން ޔަގީނެއް ނުވެ އެވެ.

މީގެ ތެރެއިން 11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައަށް ބަލާއިރު، ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އެކުއްޖާގެ އެއް ބަފާ ބޭބެ އާއި ބޮޑުބޭބެއަކާއި އަވަށްޓެރިއެކެވެ. އޭގެ ތެރެއިން ބޭބެގެ އުމުރަކީ 25 އަހަރެވެ. ބޮޑުބޭބެގެ އުމުރަކީ 39 ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީނާ އުޅެނީ ފުވައްމުލަކު ފެނަކައިގެ ކޮންޓްރެކްޓް ވަޒީފާއެއްގައެވެ. ދެން ހައްޔަރުކުރި އަވަށްޓެރިޔާގެ އުމުރަކީ 63 އެވެ. މި އަވަށްޓެރިޔާ ދިރިއުޅެނީ އަންހެންކުއްޖާ ދިރިއުޅޭ ގެއާއި ޖެހިގެން ހުންނަ ގެއެއްގައެވެ. މި ކުއްޖާގެ މަންމައަކީ ފުވައްމުލަކު މީހެކެވެ. އިނދެގެން އުޅެނީ ރަށުން ބޭރު މީހަކާއެވެ. މިހާރު އިނދެގެން އުޅޭ މީހާއަށް އެއް ކުއްޖަކު ލިބިފައިވެއެވެ. އޭގެ އިތުރުން އިތުރު ތިން ދަރީން އޭނަގެ ކައިރީ ފުވައްމުލަކުގައި ދިރިއުޅެއެވެ. އެކުދީންގެ ބައްޕައަކީ ކޮން ރަށެއްގެ މީހެއްކަން ޔަގީނެއް ނުކުރެވުނެވެ.

ހާދިސާގެ މައުލޫމާތު 11 އަހަރުގެ ކުއްޖާ އެންމެ ފުރަތަމަ ހިއްސާކުރި ކަމަށް ވަނީ އޭނާގެ ބޮޑުދައިތަކައަކާ އެވެ.

"ގެޔަށްގޮސް އެ ކުއްޖާ ރޮވިފަ އިންކަމަށް ވަނީ. އެގަޑީގަ އެކުއްޖާގެ ބޮޑުދައިތަޔަކުވެސް އެގޭގަ އިން. މި ބޮޑުދައިތަ އަސްލު ދިރިއުޅެނީ ފުލެޓުގަ. ދެން އޭނަ އެކުއްޖާ ކައިރީ ލައްކަ އަހައިގެން އެންމެ ފަހުން އެވާހަކަތައް ކިޔައިދިނީ. ކުއްޖާއަށް ވަރަށް ބިރުވެސް ދައްކާފަ ހުރީ. ދެން އެގަޑީ ގޭތެރޭގަ ވަރަށް އަޑުވެސް ގަދަވެ ބޮޑު ޒުވާބުގަނޑެއްވެސް ހިނގިކަމަށްވޭ. އެގަޑީގަ ފުލުހުން ގޮސް ބޭބެ ގެންދިޔަކަމަށް ވަނީ." މައުލޫމާތު އެނގޭ މީހަކު "ވަން"އަށް ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ކުއްޖާ ގެއިން ބޭރަށްވެސް ގެންގޮސްފައިވެއެވެ. އެ ގޮތުން ކުއްޖާ އުޅޭ ގެއާއި އިންވެގެން އެއް ގެ ދޫކޮށްފައި ހުންނަ ގެސްޓްހައުސް އަކަށްވެސް ގެންދިޔަ ކަމަށްވެ އެވެ. އެ ގެސްޓްހައުސް ކުނިކަހައި ބަލަހައްޓަނީ އެކުއްޖާއާ ބެހުނު މީހުންގެ ތެރޭގައި ހިމެނޭ 63 އަހަރުގެ މީހާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާއިރު، އަނެއްބަޔަކު ބުނެފައި ވަނީ އެތަން ބަލަހައްޓަނީ ކާކުކަން ސީދާ ނޭނގޭ ކަމަށާއި އެހެންނަމަވެސް އެ ފިރިހެންމީހާގެ އަންހެނުން އެތަން ކުނިކަހައި ސާފުކުރާން އުޅޭ މަންޒަރު ވަރަށް ގިނައިން ފެންނަ ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި މި ދެ ހާދިސާވެސް ހިނގި އިރު، ދެވަނަ ޝިކާރައަކަށްވީ އެންމެ 13 އަހަރުގެ ކުޑަކުޑަ ކުއްޖެކެވެ. މި ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދޮންބައްޕަ އެވެ. އެއީ ފުވައްމުލަކު މީހެކެވެ. އުޅެނީ ފުވައްމުލަކު ފެނަކައިގެ ކޮންޓްރެކްޓް ވަޒީފާއެއްގައެވެ. ކުރީން ރާއްޖެއިން ބޭރުގައިވެސް އުޅުނެވެ. އޭނާގެ ފޭސްބުކް އެކައުންޓު ބަލައިލުމުން ފެންނަނީ ދީނީ ވާހަކަތަކެވެ. ކުއްޖާގެ މަންމައަކީ ފުވައްމުލަކު މީހެއް ނޫނެވެ.

މި ދޮންބައްޕަގެ އެފްބީ އެކައުންޓުން އެންމެ ފަހުން ޕޯސްޓެއް ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އޭގެ ކުރީން މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު ތަފާތު ޕޯސްޓެއް ކޮށްފައިވެއެވެ.

"އާއިލާގެ އެންމެހައި މެންބަރުންނާއި އެކުވެރީން އަހަރެންނަށް މައާފުކުރުން އެދެމެވެ. ރުޅީގައި އެއްވެސް އެއްޗެއް ބުނެވިފައިވާ ނަމަ ނުވަތަ ކަމެއް ކުރެވިފައިވާ ނަމަ މައާފަށް އެދެމެވެ. މާތްﷲ އަހަރެމެންނަށް މައާފު ކުރައްވާށި އެވެ. މަގުދައްކަވާށި އެވެ. ދޫ ރައްކާތެރިކުރައްވާށި އެވެ. ހިތްތައް ސީދާކުރައްވާށި އެވެ."

މިފަދަ ވާހަކަތަކެއް އެފްބީ ޕޯސްޓުތަކުން ފެނުނު ނަމަވެސް އޭނާގެ އަމަލުތައް ފެންނަނީ ދިމާ އިދިކޮޅަށް ކަމަށް އޭނާ ދަންނަ މީހުން ބުނެއެވެ.

ކައިރިކަރީގައި ހިނގި މި ދެ ހާދިސާއަކީ މުޅި ފުވައްމުލަކު ސިޓީ ސިއްސުވައިލި ދެ ހާދިސާ އެވެ. ބަރަކާތްތެރި ރޯދަމަހެއްގެ ތެރޭގައި މިކަންކަން މިހެން ހިނގަމުން ދިޔައީ އާއިލާގެ ތެރޭގަ އެވެ. ބޭބެއާއި ދޮންބައްޕައާއި ބޮޑުބޭބެއިންގެ މަގާމުގައި ތިބެގެން ކުޑަކުޑަ ދެ އަންހެން ކުދީން "ޝިކާރަ" ކުރީ އެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުގައި، މި ދެކުދީންވެސް ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި ގެއިން ބޭރުގައިވެސް ގެންގުޅެފައިވެ އެވެ. ސުވާލަކީ މި ހުރިހާ ކަމެއް ހިނގައި މި ދިޔައީ އެ ކުދީންގެ މައިންބަފައިންނަށް އެއްވެސް ވަރަކަށް ނޭނގި ހެއްޔެވެ؟ ނޫނީ ބަލާން ޖެހޭ ވަރަށް ނުބެލިގެން ހެއްޔެވެ؟ މައިންބަފައިންގެ އިހުމާލެއް އެބަ އޮތް ހެއްޔެވެ؟ މުޖުތަމައުގެ ޒިންމާއަކީ ކޮބައިހެއްޔެވެ؟ އަހަރެމެންގެ ޒިންމާއަކީ ކޮބައިހެއްޔެވެ؟ ފެއިލިވީ ކޮން ބަޔަކު ހެއްޔެވެ؟ ކޮން ކަމެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ އެންމެ 11 އަހަރާއި 13 އަހަރުގެ ކުދީންނެވެ. ފުވައްމުލަކު ސިޓީގެ ދެ ސްކޫލެއްގައި ކިޔަވާ ދެ ކުދީންނެވެ. އެ ކުދީންނަށް ހައްގު އިންސާފު ލިބޭން ޖެހެ އެވެ. ހެޔޮ ގޮތުގައި، އެންމެންގެ ލޯތްބާއި ފުރިހަމަ އިހުތިރާމާއި ގަދަރު ލިބިގެން ދިރިއުޅުމުގެ ފުރުސަތު ލިބޭން ޖެހެއެވެ. ސްކޫލުތަކުންނާއި މުޖުތަމައުން އެކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެސް ކުރާން ޖެހެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟