އިއްޔެއަކީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހެވެ. އީދު ބަންދަށް ހަފުތާ ބަންދާއެކު ހަތަރުވަރަކަށް ދުވަސް އެބަ ލިބެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ދިރިއުޅެމުން އަންނަނީ ވެރިރަށް، މާލޭގައި ކަމުން އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުންވަނީ މާލޭގެ ހަލަބޮލި މާހައުލުން ނުކުމެ، ހަމަޖެހުމުގެ ނޭވާއެއް ލުމަށެވެ. ހަމަޖެހިލައިގެން އީދުގެ އުފާ ލިބިގަތުމަށެވެ. އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިފަހަރުގެ އީދަށް މާބޮޑު ކަމެއް ނެތެވެ. ބޮޑު ވަރަކަށް މާއްޔެއް ނެރުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުން ފިޔަވައި އެހެން ކަމެއް ފެންނާކަށް ނެތެވެ.
އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކި ރަށްރަށަށް ދަތުރުކުރަމުންނެވެ. އެގޮތުން އިއްޔެއާއި މިއަދުވެސް އަދި އޭގެ ކުރީ ދުވަހުވެސް ގިނަ ބަޔަކު ވަނީ އެކި ދިމަދިމާއަށް ފުރައިގެން ގޮސްފައެވެ. އެންމެ ގިނަ ބަޔަކު ގޮސްފައިވަނީ ކ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މާފުށި، ގުޅި، ހިންމަފުށި ތުލުސްދޫ އަދި ހުރާ ފަދަ ރަށްރަށުގެ ގެސްޓްހައުސްތައް ވަނީ މި އީދަށް ފުލްވެފައެވެ. ބުކިން ޑޮކް ކޮމް އިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، މާލެ އަތޮޅުގެ އެހެން ރަށްރަށްވެސް އަންނަނީ ފުރެމުންނެވެ. އެގޮތުން، ބައެއް ރަށްރަށުގައި ފުލް ނުވެ ހުރީ އެންމެ ދެތިން ކޮޓަރިއެވެ.
"ވަރަށް ފުލްކޮށް މިދަނީ. ގެސްޓްހައުސްތައް ހުރީ ފުރިފަ. ބައެއް ގެތަކުގައިވެސް މީހުން އެބަ ބައިތިއްބާ. އެގޮތަށްވެސް މިހާރު ޖާގައެއް ނުލިބޭ. އަންނަ ހޯމަ ދުވަހާ ހަމައަށް ފުލްކޮށް މިއުޅެނީ." ގުޅީގައި ގެސްޓްހައުސް ހިންގާ މީހަކު "ވަން" އަށް ބުންޏެވެ.
އީދު ބަންދަށް ރާއްޖެއިން ބޭރަށްދާ ދިވެހީންގެ އަދަދު މިފަހަރު ވަނީ މަދުވެފައެވެ. އޭސް ޓްރެވެލްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވި ގޮތުގައި މިއަހަރުގެ އީދުގައި ރާއްޖެއިން ބޭރަށްދާ ދިވެހިންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ މާލީ ގޮތުން ހުރި ދަތިތަކެވެ. އެގޮތުން ޓެކްސް އަގުބޮޑުވުމާއި ޓިކެޓު އަގުބޮޑުވުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަހަރުގެ އީދަށް މަދު ދުވަސްކޮޅެއް ލިބުމަކީވެސް ރާއްޖެއިން ބޭރަށް މީހުންދާ މިންވަރު މަދުވާ ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޓްރަވެލް އެޖެންސީއެއް ކަމަށްވާ "ފަތުރުވެރިން"ގެ ޑިރެކްޓާ އޮފް ސޭލްސް ފާތިމަތު ލަމާ ލަތީފް ވިދާޅުވި ގޮތުގައި އެ އެޖެންސީ މެދުވެރިކޮށްވެސް މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު މަދެވެ. މިއަހަރު އެ އެޖެންސީ މެދުވެރިކޮށް އެންމެ ގިނަ ބަޔަކު ގޮސްފައިވަނީ ބާލީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިދިޔަ އަހަރަށް ވުރެ މިއަހަރު ކޮންމެވެސް ވަރަކަށް ދަށް. އެއީ މިދިޔަ އަހަރު ވަރަށް ބޮޑު ބަންދެއް ލިބުން. ދެން މިދިޔަ އަހަރަށް ގިނަ ބަޔަކު ތުރުކީ، ދުބާއި އަދި މެލޭޝިއާ ފަދަ ތަންތަން ޗޫސް ކުރި ނަމަވެސް މިއަހަރުގެ އީދަށް ގިނަ ބަޔަކު މިދަނީ ބާލީއަށް. ކައިރި ގައުމުތަކަށް، މިސާލަކަށް އިންޑިއާ، ލަންކާ ފަދަ ކޮމަން އަދި ދިވެހިން ގިނައިން އައިސް ގޮސްއުޅޭ ގައުމުތަކަށް ޓްރެވެލް އެޖެންޓެއް ތުރޫކޮށްދާ މީހުން މަދު." ލަމާ ވިދާޅުވިއެވެ.
މިއަހަރުގެ އީދަށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ދިޔައީ ކައިރި ރަށްރަށާއި އަމިއްލަ ރަށަށެވެ. އެގޮތުން އާއިލާއެކު އީދު ޗުއްޓީ ހޭދަކުރަން އަމިއްލަ ރަށަށް ދިޔަ މީހުންވެސް މަދެއް ނޫނެވެ. މި ފަހަރުގެ އީދުގައި ރާއްޖޭގައި މާ ބޮޑު ކުޅިވަރުތަކެއް ނުކުޅަސް، އީދުގައި ދުރުގައި ތިބި ރަށްޓެހިންނާއި އާއިލާގެ މީހުންނަށް ޒިޔާރަތްކޮށްލުމަކީ އެންމެ ރަނގަޅު ކަމެކެވެ. އީދުގެ އުފަލާއި އަހުވަންތަކަމާއި ރަހިމުގެ ގުޅުންވެސް އޭރުން ދެމެހެއްޓޭނެއެވެ.