ބައިބަލާ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް: ގުރު ނަގައިފި، މާދަމާ ރޭ ވަރުގަދަ ހަތް މެޗެއް

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ ގުރުއަތުލުން އިއްޔެ ބާއްވައިފިއެވެ.

ހުޅުމާލެ އެކްސިބިޝަން ސެންޓަރުގައި އިއްޔެ މުބާރާތުގެ ގުރު ނަގާފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. މި ފަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ވާދަކުރަމުންދާ އިރު، ފުރަތަމަ ބުރަށްފަހު ދެން އޮންނާނީ ގަދަ 16ގެ ބުރެވެ. ފުރަތަމަ ބުރުގައި ދެ ބްރެކެޓެއް ފިޔަވާ ދެން ކޮންމެ ބްރެކެޓެއްގައިވެސް ހިމެނެނީ ދެ ޓީމެވެ. 34 ޓީމު ބައިވެރިވެފައިވުމުން ދެ ބްރެކެޓެއްގައި ތިން ޓީމު ހިމެނޭ އިރު، އެ ތިން ޓީމުގެ ތެރެއިން ގަދަ 16 އަށް ދާ ގޮތަށް ހަމަޖައްސާފައިވަނީ އެއް ޓީމެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ކްލަބު ކާސިންޖީއާއި ކުޑަހެންވޭރު ޔުނައިޓެޑް ވާދަކޮށް، މޮޅުވާ ޓީމު ގަދަ 16 އަށް ދާން އަދި 14 ވަނަ މެޗުގައި އީސްޓް ކޯސްޓާ ވާދަކޮށް މޮޅުވާން ޖެހޭނެއެވެ. އަދި ފުރަތަމަ މެޗުގައި އެސްޑީޒެޑް ޖޫނިއާސްއާއި މީޓް ދަ އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމު، 13 ވަނަ މެޗުގައި މަސްއޮޑި ޓައިޓަންސްއާ ފުރަތަމަ ބުރުގައި އަދި ވާދަކުރަން ޖެހޭނެއެވެ. އެ ދެ ބްރެކެޓް ފިޔަވާ ދެން ހުރި ބްރެކެޓްތަކުގައި، ސީދާ މޮޅުވާ ޓީމު ގަދަ 16 އަށް ދާނެއެވެ.

މިދިޔަ 25 އަހަރުވެސް ބައިބަލާ މުބާރާތް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މި އަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވާނެ ގޮތަކަށް ރާވާ އިންތިޒާމުކުރުމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގައެވެ. އެއީ ބައިބަލާއަށް އައި ބޮޑު ބަދަލެކެވެ. މިދިޔަ 25 އަކަށް އަހަރު ދުވަހު ބައިބަލާ މުބާރާތް އަބަދުވެސް ބާއްވަމުން އަންނަނީ މާލޭގައެވެ.

މި އަހަރު މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން ސްޓެލްކޯއާއި އެސްޓީއޯގެ އިތުރުން އެފްއެސްއެމް އަދި އޮބިއޮންއަކީވެސް މިއަހަރުގެ ޕާޓްނަރުންނެވެ. މިފަހަރު އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ފުރަތަމަ ރޭ އޮންނަ މެޗުތައް (22 އޭޕްރީލް 2023)

މެޗު 1 : އެސްޑީޒެޑް ޖޫނިއާސް - މީޓް ދަ އީގަލްސް (21:00)
މެޗު 2: ކްލަބު ކާސިންޖީ - ކުޑަހެންވޭރު ޔުނައިޓެޑް (21:30)
މެޗު 3: ކްލަބު އެސްޑީޒެޑް - ޖޭކޭ ސްޕޯޓްސް ކްލަބު (22:00)
މެޗު 4: ކްލަބު އޯ ވަން އޯ - ލޮރެންޒޯ ޕާކް (22:30)
މެޗު 5: ލޮރެންޒޯ ހޭނަސް - ވިއޭނާ ޓައުން (23:00)
މެޗު 6: ކްލަބު ޓީނޭޖު - ޓީނޭޖު ޖޫނިއާސް (23:30)
މެޗު 7: ބްރަދާ ހޫޑް ސްޕޯޓްސް ކްލަބު - ބީޖީ ނެކްސްޓް ޖެނެރޭޝަން (00:00)