ރޯދަމަހަށް ފަހު އެންމެ ގިނަ ބަޔަކު އުފަލާއެކު ތައްޔާރުވަނީ އީދު ފާހަގަ ކުރުމަށެވެ. އެއީ ރާއްޖޭގައި ޒަމާނުއްސުރެ އެކަން އަންނަ ގޮތެވެ. އީދު ނަމާދަށް ފަހު އަދި އީދު ނާސްތާއަށް ފަހު ރަށްރަށުގައި ކުޅިވަރުތައް ކުޅެން ފަށައެވެ. ވަކީން ހާއްސަކޮށް އީދުގެ ފުރަތަމަ ދުވަހަކީ ކުޅިވަރާއި މަޖަލުގައި ހޭދަކުރާ ދުވަހެކެވެ.
ރާއްޖޭގެ ސަގާފަތަށް ބަލާއިރު އާބާދީ ގިނަ ރަށްރަށަކީ އާންމުކޮށް އީދު އެންމެ ބޮޑަށް ފާހަގަ ކުރާ ރަށްރަށެވެ. ވެރިރަށް މާލޭ ސިޓީ ފިޔަވައެވެ. އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. އަތޮޅު އަދި ހދ. އާއި ހއ. އަކީ އީދުގެ މަޖާކުރުންގަނޑު ބޮޑު ރަށްތައް ހިމެނޭ އަތޮޅުތަކާއި ސިޓީތަކެވެ. މާލެއަކީ ރާއްޖޭގެ އާބާދީގެ އެންމެ ގިނަ ބަޔަކު އުޅޭ ރަށް ކަމަށްވިޔަސް މާލޭގައި މިދިޔަ އަހަރުތަކުގައި އީދު ފާހަގަކުރުމަށް ކުޅިވަޅު ހަރަކާތެއް އަދި އޭނުންވެސް ހަރަކާތެއް ނުބާއްވައެވެ.
ބޮޑު ވަރަކަށް ކުރާ ކަމަކީވެސް ފައިމަގުގައި އުޅެވޭނެ ވަގުތެއް ކަނޑަ އެޅުމެވެ. މާލޭގައި މިފަހަރު އީދު ފާހަގަކުރަން ކުރާ ހަމައެކަނި ކަމަކީ އޫރީދޫ މޯލްޑިވްސް އަދި ދިރާގާ ގުޅިގެން ސަލްމާން މިސްކިތުގައި އީދު ނާސްތާއެއް ބޭއްވުމެވެ. އެ ނޫން މާ ހާއްސަ ކަމެއް ނެތެވެ.
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަން" އަށް ވިދާޅުވީ މާލޭގައި އީދު ފާހަގަ ކުރުމުގެ ގޮތުން ކުރާނެ ކަންކަމާ ބެހޭ ގޮތުން އެ ކައުންސިލެއް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ސާފުކުރަން ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ (ނަންނަ) އަށް ގުޅުމުން ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ގޮތުން ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެފަދަ ކަމެއް ނިންމާފައިވާނަމަ އެކަން ސިޓީ ކައުންސިލުން އާންމުކުރާނެ ކަމަށެވެ.
"އުރީދޫ އާއި ދިރާގާ ގުޅިގެން ހެނދުނުގެ ސައެއް ބާއްވާނެ. އެހެންކަމެއް ނިންމާފައިވާނަމަ އެކަމެއް އިއުލާންކުރާނެ" ނަންނަ ވިދާޅުވިއެވެ.
އެހެންކަމުން މިފަހަރު ވެސް އީދު ވެގެން މިދިޔައީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވައި އީދަކަށެވެ.
އެހެން އީދުތަކުގައި މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއް ކަނޑައަޅައި އެ ވަގުތަކީ ހަމައެކަނި ފައިމަގުގައި އުޅޭނެ ވަގުތެއްކަމަށް ކަނޑައެޅިޔަސް މިފަހަރު އެފަދަ ކަމެއްވެސް ކޮށްފައެއް ނުވެއެެވެ. އެހެންކަމުން މި އީދުގެ ހަވީރު ވަގުތުގައި މާލޭގައި ދިރިއުޅޭ ކުޑަ ކުދީންނަށާއި އުމުރުން ދޮށީ ބޭފުޅުންނަށް އެހެން އީދުތަކުގައި މަގުމަތީ އުޅެވުނު ގޮތަށް އުޅުމުގެ ފުރުސަތެއްވެސް ނުލިބޭނެއެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް މާލޭގައި އީދު ފާހަގަ ނުކުރާނެކަން އެނގޭތީ ވަރަށް ގިނަ ބަޔަކު ވަނީ ކައިރި ރަށްރަށަށް އީދު ފާހަގަ ކުރަން ފުރައިފައެވެ. ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހަ ނަންބަރު ޖެޓީއާއި އެމްއެމްއޭ ކައިރި އޮތީ ފުރިފައެވެ. އެއީ އީދު ފާހަގަކުރަން ރަށްރަށް ފުރާ މީހުންނެވެ.
"މީ ވަރަށް ދެރަވަރުކަމެއް، ރާއްޖޭގެ އެހެން ރަށްރަށުގައި އީދު ފާހަގަކުރާއިރު މާލޭގައި އީދު ފާހަގަ ނުކުރުމަކީ އެތައް ލައްކަ މީހުނަށް ވެވޭ ބޭއިންސާފެއް. މިއީ އެންމެ ގިނަ ބަޔަކު އުޅޭތަން. އެކަމަކު މިތަނުގައި ކަމެއް ނޯވޭ" 26 އަހަރުގެ އަރީޝާ އާދަމް ބުންޏެވެ.
އަރީޝާ އެކޭ އެއްގޮތަށް އެހެން ގިނަ ޒުވާނުންނަށްވެސް ދައްކަނީ އެ ވާހަކައެވެ. މާލޭގައި އީދު ފާހަގަ ނުކުރާކަމުގެ ޝަކުވާއެވެ. އާބާދީ ގިނަ މީހުން އުޅޭ މާލޭގައި ކުލަގަދަ ގޮތެއްގައި އީދު ފާހަގަ ކުރެވެން ޖެހޭކަމަށް ފުރަން ގޮސް ތިބި ބައެއް މީހުން ބުންޏެވެ.
"ރަށްރަށުގައި ވެސް އީދު ފާހަގަކުރުމުގެ ބޮޑު ޒިންމާއެއް މި އަދާކުރަނީ ކައުންސިލްތަކުން. މާލޭ ސިޓީ ކައުންސިލަށްވެސް އެކަން ނުވާންވީ ސަބަބެއް ނުވިސްނޭ. ހަމައެކަނި ސިޔާސީ ކަންތަކައިގެން އުޅޭތަން މި ފެންނަނީ." އެހެން މީހަކު އޭނާގެ ރުޅިގަނޑު ބާލައިލީ މިގޮތަށެވެ.
މިއީ އާ ވާހަކައެއް ނޫނެވެ. އީދެއް އަންނަ އިރު މާލޭގައި ކަމެއް އޮވެދާނެ ކަމަށް ވިސްނަނީވެސް މިހާރު މަދު މީހެކެވެ. އެއީ އެފަދަ ކަމެއް ނޯންނަތާ އަހަރުތަކެއް ވެފައި ވާތީއެވެ. މީޑިއާތަކުން ކޮންމެ ފަހަރަކު އީދު ގާތް ވުމުން، ނުވަތަ އީދު ޖެހުމުން މިވާހަކަތައް ދެއްކި ނަމަވެސް އިވޭ ކަންފަތެއް ނެތީމައެވެ.