ރިޔާސީ އިންތިހާބު

ސިއްރުހެކި ބަލައި ނުގަންނަން ނިންމައި އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް އިއްވުން

ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ރިޔާސީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑު އެހުމާ އެކު އަޑުއެހުންތައް ނިންމާލާފައިވާ އިރު، އިތުރު ކަންތައްތަކެއް ސާފުކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަން ނިންމި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން ސްޕްރީމް ކޯޓުން ނިންމާފައިވާ އިރު، އެ ތިން ސިއްރު ހެކިވެރިންވެސް ހުށަހަޅާފައި ވަނީ ވޯޓު އޮޅުވާލުމަށް އަނގޮޓިތަކެއް އެތެރެ ކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ކަމަށް ސާބިތުކުރުމަށެވެ.

ސިއްރު ހެކި ނުނަގަން ސުޕްރީމް ކޯޓުން ނިންމީ އެކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުރިހާ ފަރާތްތަކަށް ޚުލާސާ ބަޔާން ހުށަހެޅުމަށް ފުރުސަތު ދެއްވައިފައިވާ އިރު، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތައްކަން ފާހަގަކުރެވިފައިވެއެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ފަހު، މައްސަލައަށް ތަދައްހުލްވާ ފަރާތްތަކުގެ، ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ، ބަލަމުންދާ މައްސަލައަކީ ސްޕްރީމް ކޯޓުން ބަލަން ޖެހޭ މައްސަލައެއްވެސް ނޫން ކަމަށެވެ.

މައްސަލައަށް ބަލާ އިރު، ފާހަގަކުރެވެނީ ރައީސް ޔާމީނަށް ބަލި ގަބޫލުކުރަން ދަތިވެގެން، ކުރެވުނު އުދާސްތައް ބޭރުކޮށްލުމަށް ހުށަހަޅައިގެން އުޅޭ މައްސަލައެއްގެ ގޮތުގައި ހިސާން ސިފަކުރައްވާފައިވާ އިރު، ހިސާން އިތުރަށް ވިދާޅުވީ އުއްމީދުކުރަނީ ސްޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ކަމަށެވެ.

މައްސަލައިގެ ހުކުމް އިއްވާނެ ވަކިވަގުތެއް އަދި އިއުލާން ކޮށްފައިވާ ނުވާއިރު، މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިމުމާއެކު ހުކުމް އިއްވާނެ ވަކި ވަގުތެއް، އަދި ދުވަހެއް އިއުލާން ކުރާނެކަމަށް ބެލެވެއެވެ.

ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނެ ތިން މީހަކު ދީފައިވާ ހެކިބަހެއްގެ ބަޔާނެއް ރައީސް ޔާމީންގެ ފަރާތުން އިއްޔެ ސުޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެ ތިން ހެކިންގެ ބަޔާން ސިއްރު ކުރަން ރައީސް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ.

ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ވެސް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވެއެވެ.

ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ވެސް ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.

އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެއެވެ.

އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެ މަތީން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.