އިޔާޒު ނަސީމް
މިއަދަކީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 15 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 16 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 15 މިނެޓު ފަހުންނެވެ.
މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 23 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ނުވަ މިނެޓު ފަހުންނެވެ. ސެނަގޯލްގެ ޑާކާރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 31 މިނެޓު ފަހުންނެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުމަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ ހަނދު މަހެއްގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ލޮލަށް ހަނދު ފެނިއްޖެކަން ސާބިތު ވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހެއްގެ 30 ދުވަސް ހަމަކޮށް އެދުވަހުގެ އިރު އޮއްސުމުންނެވެ. އަދި އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަ، ދެން އޮތް ގޮތަކީ ވެސް ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމެވެ.
ހަމަ ލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާ އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ބައެއް ސަބަބު ތަކުގެ މައްޗަށެވެ. އެހެންކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ނުވަތަ އިރުގެ ދަޅައިގެ ސަބަބުން ހަނދު ނުފެނިދާނެއެވެ.
އިސްލާމީ ގައުމުތަކުގެ ތެރެއިން ފަލަކީ ހިސާބަށް ބަލައިގެން ހަނދު މަސް ފަށާ ތުރުކީ ފަދަ ގައުމުތަކުން މިހާރު ވެސް ވަނީ މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިއުލާން ކޮށްފައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ ފިގުހު ކައުންސިލުން ވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހާ މީލާދީ ގޮތުން ދިމާ ވާނީ 2023 އެޕްރީލް 21 ވާ ހުކުރު ދުވަސް ކަމަށް އިއުލާންކޮށްފައެވެ.
ހަނދު މަސް ފެށުމުގައި އުތުރު އެމެރިކާގެ ފިގުހު ކައުންސިލުން އަމަލު ކުރާ ގޮތަކީ، މާތްވެގެންވާ މައްކާއަށް އިރު އޮއްސުމުގެ ކުރީން އިގްތިރާނުވެފައި، މައްކާއަށް ހަނދު އޮއްސެނީ އިރުއޮއްސުމުގެ ފަހުން ކަމަށްވާ ނަމަ ޖެހިގެން އަންނަ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ.
ހަނދު މަހެއް ފުރިހަމަ ވެ، އަނެއް ހަނދު މަސް ފެށެނީ ދުނިޔެ އާއި އިރާއި ހަނދު އިގްތިރާނު ވުމުންނެވެ. ހިނގަމުން މިދާ ހަނދު މަހުގެ ބުރު ފުރިހަމަ ކުރުމަށް ފަހު، އިރާއި ހަނދާއި ބިން އެއް ރޮނގަކަށް އައިސް އިގްތިރާނު ވީ، އެޕްރީލް 20 ވީ ބުރާސްފަތި ދުވަހު (މިއަދު) މައްކާ ގަޑީން ހެނދުނު 07:12 ގައެވެ. އެއީ ރާއްޖެ ގަޑީން މިއަދު ހެނދުނު 09:12 ގައެވެ.
ސައުދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ހެދުމުގައި ވެސް ހަނދުމަސް ފެށުމުގައި އަމަލު ކުރާ ގޮތަކީ، މައްކާއަށް އިރު އޮއްސުމުގެ ކުރީން އިގްތިރާނު ވެފައި، މައްކާއަށް އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އާ މަސް ފެށުނީ ކަމަށް ބެލުމެވެ. އިގްތިރާނު ވީ މައްކާ ގަޑީން މިއަދު ހެދުނު 07:12 ގައެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 18:42 ގައެވެ. ހަނދު އޮއްސޭނީ 19:05 ގައެވެ. އެހެންކަމުން ސައުދީ އަރަބިއްޔާގައި ހަނދު މަސް ފެށުމުގައި ފަލަކީ ގޮތުން ބަލާ މިންގަނޑުތަކަށް ބެއްޔަސް މާދަމާއަކީ 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ.