އިމާދު ލަތީފު
މޮރޮކޯގެ ވޯލްޑްކަޕް ތަރި އަޝްރަފް ހަކީމީގެ އަންހެނުން ހިބާ އަބޫކް އޭނާގެ ކައިރިން ވަރިވެ، ހަކީމީގެ ފައިސާޔާއި މުދަލުގެ ދެބައިކުޅަ އެއްބައި ލިބިގަތުމަށް ކުރި މަސައްކަތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކޯޓުން ހިބާއަށް އެންގީ އަޝްރަފު ހަކީމީގެ ނަމުގައި އެއްވެސް މުދަލެއް އަދި ފައިސާއެއް ނެތް ކަމަށާއި ހުރި އެއްޗެއްވިއްޔާ ހުރީ ހަކީމީގެ މަންމަ ފާތިމާގެ ނަންމަތީގައި ކަމަށެވެ.
ހަކީމީގެ ކުލަބް ކަމަށްވާ ފްރާންސްގެ ޕީއެސްޖީން އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު އެއް މިލިޔަން ޔޫރޯ ދެއެވެ. އޭނާ ގެންގުޅޭ އަގުބޮޑު ކާރުތަކާއި އޭނާއަށް ނިސްބަތްވާ ގެދޮރާއި ފުލެޓާއި ރަންރިހީގެ ގަހަނާތައް ގިނަކަމުން އަނބިމީހާ ހީކޮށްގެން ހުރީ އެއީ ހައްތާވެސް ހަކީމީގެ ނަންމަތީގައި ހުރި، އޭނާގެ ތަކެތި ކަމުގައެވެ. އެހެންވެ އަޝްރަފު ހަކީމީއަކީ ވަފާތެރިކަމެއް ނެތް ފިރިޔެކޭ ބުނެ ކޯޓުގައި މައްސަލަ ޖައްސައި ވަރިވެގެން، ހަކީމީގެ މުދަލާއި ފައިސާގެ ދެބައިކުޅަ އެއްބައި ލިބިގަތުމަށް މަސައްކަތް ކުރީއެވެ.
ހިބާ އަބޫކަކީ ސްޕޭނަށް ނިސްބަތްވާ މޮޑެލްއެކެވެ. މި ދެމީހުން ކައިވެނިކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ހަކީމީގެ އުމުރުން 21 އަހަރެވެ. ހިބާގެ އުމުރުން 33 އަހަރެވެ. ހަކީމީއަށްވުރެ ހިބާ 12 އަހަރު ދޮށްޓެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ދެމީހުންނަށް ދެކުދިން ލިބިފައިވެއެވެ. މިހުރިހާ ދުވަސްވީ އިރުވެސް ހަކީމީގެ ހުރިހާ ފައިސާއެއް ޖަމާވަނީ އޭނާގެ މަންމަގެ އެކައުންޓަށް ކަމާއި ހަކީމީގެ ހުރިހާ ގެދޮރާއި މުދަލެއް ރަޖިސްޓަރީ ކުރެވެނީ މަންމަ ފާތިމާގެ ނަމުގައި ކަމެއް ހިބާއަކަށް މޭރުމެއް ނުވެއެވެ.
ހަކީމީގެ ނަމުގައި އެއްވެސް ފައިސާއެއް އަދި މުދަލެއް ނެތްކަން ކޯޓުން ހިބާއަށް އެންގީމާ ދެން ކަންކަން ކުރަންވީގޮތަކާމެދު ގާނޫނީ ވަކީލުންގެ ލަފާ އޭނާ މިހާރު ހޯދަމުންދާ ކަމަށް އެނގިފައިވެއެވެ. ހިބާއަކީ ސްޕޭނުގެ ރައްޔިތަކަށްވިޔަސް އޭނާގެ މައިންބަފައިން ނިސްބަތް ވަނީ ލީބިޔާ އާއި ޓިއުނީޝިޔާއަށެވެ. އެހެންވީމާ އެގޮތުން އޭނާއަކީ ހަކީމީ ފަދައިން އަރަތްބެކެވެ. ހަކީމީ ކައިރިން ހިބާ ވަރިވީ ރޭޕްގެ ތުހުމަތުތަކެއް ކޮންމެވެސް އަންހެނަކު ހަކީމީގެ މައްޗަށް އުފުލައި އޭނާގެ ވާހަކަ ނޫސްތަކަށް އެރި ހިސާބުންނެވެ.