އެކި ކަހަލަ ޖިންސީ ކުށްތަކުގައި ހުކުމް އިއްވާފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވައިލައިފި އެވެ.
ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހެދި މި ދަފުތަރުގެ ގަވާއިދު މިއަދު ވަނީ ގެޒެޓްކޮށްފައެވެ.
މި ދަފުތަރުގައި، ރޭޕް ކުރުމާއި ހަށި ވިއްކުމާއި ނާސިގެ ހެދުމާއި އެއް ޖިންސުން ގުޅުން ހިންގުމާއި ބްލެކްމެއިލް ކުރުން ފަދަ 21 ބާވަތެއްގެ ކުށްތައް ހިމަނާފައި ވެއެވެ. އަދި އެބާވަތުގެ ކުށެއްގައި ހުކުމްކޮށްފައިވާ މީހުންގެ މައުލޫމާތު އެގާނޫނުގެ ދަށުން ދަފުތަރުގައި ހިމެނެއެވެ.
އެ މީހުންގެ އާންމު މައުލޫމާތާއި ފޮޓޯގެ އިތުރުން، ހަށިގަނޑުގެ ސިފަތަކާއި ގައިގައި ހުރި ހާއްސަ ނިޝާންތަކުގެ ތަފުސީލާއި ކުރި ކުށާއި އިއްވި ހުކުމުގެ ހުރިހާ ތަފުސީލެއް ވެސް ހިމަނާފައިވެއެވެ.
އެކަމަކު މިއީ އާއްމުންނަށް ފެންނަ ގޮތަށް އޮންނަ ދަފުތަރެއް ނޫނެވެ. ނަމަވެސް ދައުލަތުގެ ރަސްމީ ބޭނުންތަކަށް، އެކަމަށް އެދި ހުށަހެޅުމުން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އެފްޕީއޭން ބުނެފައިވެއެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ކުށެއް ސާބިތުވި ނަމަވެސް އެ މައުލޫމާތެއް ދަފުތަރަކު ނުހިމެނޭނެ އެވެ.
އޭގެ އިތުރުން، ހުކުމްކޮށްފައިވާ މީހާ، ބަންދުން ދޫކޮށްލާފައިވާނަމަ އެ މައުލޫމާތުގެ ތަފްސީލު ދަފުތަރުގައި އޮވެ އެވެ. އަދި ހުކުމް އިސްތިއުނާފްކޮށް، އޭނާގެ މައްޗަށް އެ ހުކުމް ސާބިތު ނުވުމުންނާއި ކުށް ސާބިތުވެފައިވާ މީހަކު މަރުވެއްޖެ ނަމަ، އޭނާގެ ނަން ދަފުތަރުން އުނި ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެ ގަވައިދުގައި ބުނާ ގޮތުން މީހެއްގެ މައްޗަށް ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގެ ކޮޕީއެއް، ކޯޓުތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާ ކުރަން ވާނެއެވެ.
އަދި ޖިންސީ ކުށެއް ސާބިތުވެގެން ބަންދުކޮށްފައިވާ މީހަކު ބަންދުން ވީއްލުމަށް ނިންމައިފިނަމަ، އެ މީހަކު ބަންދުން ދޫކޮށްލައި އާންމުންގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ހުޅުވައިލުމުގެ 72 ގަޑިއިރުގެ ކުރިން، އެ މީހަކު ބަންދުކޮށްފައި ހުރި މަރުކަޒަކުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.