ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ވައުދުތަކުގެ ތެރެއިން އެޓަނީ ޖެނެރަލްގެ އޮފީހުން ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާ ގިނަ ވައުދުތައް ފުރިހަމަކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހަށް ކަނޑައަޅުއްވާފައިވަނީ ބާރަ ވައުދެއް ފުއްދުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެގާރަ ވައުދު މިހާރު ފުއްދާފައިވާ ކަމަށް ބުނެފައިވެއެވެ.
އޭޖީ އޮފީހުން ފުއްދި ވައުދުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
- ނުޙައްގު މުއްސަނދިވުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހެޅުން.
- ރިޝްވަތު ހިފާ މީހާއާއި އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ގާނޫނުލްއުގޫބާތަށް ބަދަލުގެނައުމަށް ބިލެއް ހުށަހެޅުން.
- މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހެޅުން.
- އަދުލުއިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުން.
- ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް ބަދަލުކޮށް, ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާކުރަން ފެށުން.
- ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުން.
- ދައުލަތް ދަރަނިވެރިވެ، ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން.
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން.
- ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުން.
- ޖަމްއިއްޔާތަކާބެހޭ ގާނޫނު އިސްލާހުކުރުމަށްޓަކައި ކަމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
މީގެއިތުރުން އޭޖީ އޮފީހުން މިހާރު ވަނީ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހަށް ހުށަހަޅަން ފޮނުވާފައެވެ.