ރިޔާސީ އިންތިހާބު

އަނގޮޓި ޖަރީމާ ހިންގަވަން އުޅުއްވީ ރައީސް ޔާމީން ކަމަށް ބުނާ ޓްވީޓެއް އީސީ ޝަރީފު ރީޓުވީޓު ކުރައްވައިފި

އަނގޮޓި އެތެރެކޮށް އެ އަނގޮޓި ބޭނުންކޮށްގެން ޖަރީމާ ހިންގަވަން އުޅުއްވީ ރައީސް ޔާމީން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރައްވާފައިވާ ޓްވީޓެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ރީޓްވީޓު ކުރައްވައިފި އެވެ.

މީހެއްގެ ޓްވީޓެއް އެހެން މީހަކު ރީޓްވީޓު ކުރުމުން އޭގެން ދައްކުވައިދެނީ އެ ޓްވީޓަށް ރީޓުވީޓް ކުރި ފަރާތް ތާއީދު ކުރާ ކަމެވެ.

އަމީތުގެ ޓްވީޓުގައި ވަނީ އަނގޮޓިއާ ގުޅޭ ގޮތުން ރައީސް ޔާމީނަށް ނިސްބަތްކުރައްވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އަމީތު ޓްވީޓުގައި ވިދާޅުވީ، "އަނގޮޓި އަމިއްލަ އަށް އެތެރެކޮށް، އޭގެ ފޮޓޯ ނަގައިގެން ހެކީގެ ގޮތުގައި ހުށަހަޅައިގެން، އިންތިޚާބު އޮޅުވައިލަން އަމިއްލަ އަށް ކުރަން ރާވާފައި ހުރި ކަންކަމުގެ ވާހަކަތައް ހެކީގެ ގޮތުގައި ދައްކައިގެން ޔާމީން ހިނގަން އުޅެނީ ބޮޑު ޖަރީމާއެއް" ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑު އެހުން މިއަދު ކުރިޔަށް ދާއިރު އެންމެ ސީރިއަސް އެއް މައްސަލައެއްގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވާ ކަމަކީ ރާއްޖޭން ބޭރުން ގެނެސްގެން އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން ބޭނުންކުރި ކަމަށް ބުނާ އަނގޮޓި ތަކެއްގެ މައްސަލަ އެވެ.