ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ގދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ބާއްވާ ޖަލްސާގައި ރައީސް ނަޝީދުގެ އަރިހުގައި މުޣުނީ!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ގދ. އަތޮޅުގެ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ތިނަދޫގައި ބާއްވާ ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީން ތާއީދު އަނބުރާ ގެންދިޔަ އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުލް މުޣުނީ ބައިވެރިވެވަޑައިގެންފިއެވެ.

މިހާރު ތިނަދޫގައި ކުރިއަށްދާ އެ ޖަލްސާގެ ކުރިން ރައީސް ނަޝީދު ތިނަދުއަށް ވަޑައިގެންނެވުމުން ވެސް މުޣުނީ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. މުޣުނީގެ އިތުރުން އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް މަރުހަބާ ދެންނެވުމަށް އެއްވިއެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދާއެކު އެންމެ ކުރީ ސަފުން މުޣުނީގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ގދ. އަތޮޅުގެ ދާއިރާތަކަށް ވާދަކުރާ އަނެއް ހަތް ކެންޑިޑޭޓުން ވެސް ފެނިގެންދިޔައެވެ.

މުޣުނީއަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންގޮސްފައިވަނީ މީގެ އަހަރުތަކެއް ކުރީން އޭނާގެ ކުރީގެ އަންހެނުން ފެންމަތި ކުރި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމައި ރައީސް ނަޝީދު ވެސް ވަނީ އެކަން އާންމުކޮށް އިއުލާން ކުރައްވައިފައެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި މުޣުނީ ވިދާޅުވީ ޕާޓީގެ ނިންމުމަކީ ސޯޝަލް މީޑިއާގައި ދައްކާ ހަގީގަތާ ހިލާފު ވާހަކައަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށާއި އެފަދަ ބޮޑު ތުހުމަތަކާ ގުޅިގެން ޕާޓީން އޭނާއަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ނުދީ އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަށް ނިިންމާފައިވުމީ ހަރުދަނާކަމެއް ނެތް ނިންމުމެއް ކަމަށެވެ.

މުޣުނީގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގުކޮށް އޭނާ ވަނީ ދުވަހަކުވެސް އެފަދަކަމެއް ކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތާގައިވެސް އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާގެ ކެންޑިޑެންސީ އަނބުރާ ނުގެންނާނެ ކަމަށާއި، ކެމްޕެއިންގެ މަސައްކަތްތައް އިތުރު ޖޯޝާއި ފޯރީގައި ކުރިއަށް ގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ. އަދިވެސް ހުންނާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި މަސައްކަތް ކުރާނީ އެމްޑީޕީއަށް ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

ފުލުހުންނަށް އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައިވޭތޯ ވެސް މުޣުނީ ވަނީ ބައްލަވައިފައެވެ. ފުލުހުން ބުނީ މުޣުނީގެ މައްޗަށް ކުރާ އެ ތުހުމަތާ ގުޅޭ އެއްވެސް މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.