ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ މިހާރު ޕީޕީއެމްގެ މެެންބަރެއް ނޫނަ ކަމަށާއި އެހެން ކަމުން އެމަނިކުފާނާ ޕީޕީއެމް ހަވާލުކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ރޭ ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ޕީޕީއެމްގެ މިލްކުވެރިކަން ރައީސް މައުމޫނާ ހަވާލުކުރެވިދާނެ ކަމަކަށް. ރައީސް މައުމޫނަކީ މިއަދު ޕީޕީއެމްގެ މެމްބަރެއް ނޫން. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނޭ ޕީޕީއެމްގެ ރައީސް ކަމަށް ވެވޭނީ ޕީޕީއެމްގެ މެމްބަރުކަން އޮންނަ ފަރާތަކަށޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރީ ޝަރުއީ ކޯޓަކުން ކުރި ހުކުމެއްގެ ދަށުން ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން ރައީސް ޔާމީނާ ޕާޓީ ހަވާލުކޮށްފައި ވަނިކޮށް ރައީސް މައުމޫން ވަނީ ޕާޓީން ވަކިކޮށްފައި ކަމަށާއި އެހެންކަމުން މިހާރު ޕީޕީއެމްއާ ރައީސް މައުމޫނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
"އެހެންވެއްޖެއްޔާ ޕީޕީއެމްގެ މިލްކުވެރިކަން ކެނެރީގޭ މުހައްމަދު ނަޝީދާވެސް ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. ރައީސް މައުމޫނާ ޕީޕީއެމްގެ އޯނާޝިޕް ހަވާލުކުރެވޭ ކަމުގައި ވަންޏާ ގާސިމް އިބްރާހީމާ ހަވާލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް. ނޫނިއްޔާ އަދާލަތުގެ އިމްރާނާ ހަވާލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާ އިރު، ޕީޕީއެމްގެ ބާރުތައް އެޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫނާ ހަވާލުކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މައްސަލަ ހުށަހެޅީ ގދ. ތިނަދޫ، ބީޗްރެސްޓް، އަހުމަދު ރަޝީދު އެވެ. އެ މައްސަލައިގައި ޝަރީއަތް މިދިޔަ އާދީއްތަ ދުވަހު ވަނީ ފަށައިފަ އެވެ.
ޕީޕީއެމުން ރައީސް ޔާމީންގެ ލީޑަރޝިޕުގެ ދަށުން ދާދި ފަހުން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ނިންމައިފަ އެވެ.