ބައިބަލާ

ބައިބަލާ ފަރިތަކުރުންތައް ފޯރި އާއެކު ކުރިއަށް، އެސޯސިއޭޝަނުން ސްޕޮންސާޝިޕަށް ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގައި ބައިވެރިވުމަށް ޓީމުތަކުގެ ތައްޔާރީތައް ފަށައިފިއެވެ.

މިފަހަރު މުބާރާތުގައި ބައިވެރިވުމަށްވެސް ރޯދަމަހުގެ ފަހުކޮޅުގައި ފުރުސަތު ހުޅުވާލާއިރު، މުބާރާތަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މިހާރުވެސް އޮތީ ބެލެވިފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭގެ ސަރަހައްދުތަކުގައިވެސް މިހާރު ދަނީ ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ޓީނޭޖާއި ކުޑަ ހެންވޭރުގެ އިތުރުން އީގަލްސް ފަދަ ޓީމުތަކުންވެސް މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު، ކުޅުންތެރިން އިއުލާނު ކުރުމާއި ޓްރާންސްފާގެ ކަންކަންވެސް މިހާރު ފޯރިއާއެކު ދަނީ ކުރިއަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމު ވާދަކުރި އިރު، 1،000 ވަރަކަށް ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އޯވަންއިން ހޯދާފައިވާ އިރު، އެ ޓީމުން ފޯރިގަދަ ފައިނަލުގައި ވާދަކޮށްފައި ވަނީ ޓީނޭޖާ ދެކޮޅަށެވެ.

މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ބައިބަލާ އެސޯސިއޭޝަނުންވެސް ވަމުންދާ އިރު، މި އަހަރު މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ.

ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގެ އިތުރު ސްޕޮންސާތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ސްޕޮންސާޝިޕަށް ބޭނުންވާ ފަރާތްތަކުން ފޯން 7911717 ނުވަތަ 7322222 އާ ގުޅައިގެން ސްޕޮންސާޝިޕް ކަންތައް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

މިފަހަރު އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ މެޗުތައް ލައިވްކޮށް ދެއްކުމަށް އެސޯސިއޭޝަނުން ވަނީ "އެސްއެސް ނެޓް" އާއެކު ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައެވެ.