އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމު ތެރެއަށް ފުލުހުންނަށް ނޭނގި ނުވަދެވޭނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި އެ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ރިޔާސީ އިންތިހާބަށް ފަހު ފުލުހުންނަށް ނޭނގި ވޯޓު ކަރުދާސްތައް ބަހައްޓާ ސެކިއުރިޓީ ރޫމު ތެރެއަށް ވަންނަކަމުގެ ޝަކުވާ ކުރި ނަމަވެސް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޝަކުވާ ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
"ސެކިއުރިޓީ ރޫމު ތެރެއަށް ފުލުހުންނަށް ނޭނގި ނުވަދެވޭނެ ކަމުގެ ޔަގީންކަން އަރުވަން. މިފަހަރު އެ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އީސީއާއި ފުލުހުންނާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުން އިންތިހާބުގެ ސަލާމަތީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށާއި ރާއްޖޭން ބޭރުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ވޯޓު ކަރުދާސްތައް ގެންދިއުމަށް ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
އިންތިހާބުގެ އަމާން ބެލެހެއްޓުމަށް ފުލުހުން ވަނީ ދުރާލާ ތައްޔާރުވެފައި. އެކަމަށް ތަމްރީނުތައް ވެސް ވަނީ ދެވިފައި. އަތޮޅު ތެރެއަށް އިތުރަށް ބޭނުންވާ ފުލުހުން ވެސް މިހާރު އަތޮޅުތަކަށް ވާނީ ފޮނުވާލެވިފައި. އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން އަމާން ވެއްޓެއްގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން މަސައްކަތްކުރާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކެމްޕޭން ކުރުމަށްޓަކައި މުދަލަށް ގެއްލުން ނުދިނުމަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ނުވާނެ ގޮތަށް ކެމްޕޭނުތައް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރާ ކަމަށާއި އިންތިހާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި ސަޕޯޓަރުންގެ އެއްބާރުން ބޭނުންވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އިންތިހާބާ ގުޅޭ ޝަކުވާގެ މައްސަލަތައް ޖުމްލަ ގޮތެއްގައި އެހާ ގިނަ ނޫން ކަމަށާއި އަތޮޅު ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ގދ. އަތޮޅުން ކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
"އަތޮޅުތަކަށް ބަލާ އިރުގައި ގދ. އަތޮޅުގައި ތަންކޮޅެއް ގިނަ މައްސަލަ ހުށަހެޅިފައިވާ ކަން ފާހަގަކޮށްލެވޭ. ގދ. އަތޮޅުން 31 މައްސަލައެއް ހުށަހެޅިފައިވޭ. ޖުމްލަ ގޮތެއްގައި އަތޮޅުތަކުގައި އަދި މާލޭގައި ވެސް ގިނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ. އެ މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. ދެން އެ މައްސަލަތައް ހައްލުކުރުމަށްޓަކައި އިލެކްޝަންސްއާއި އަޅުގަނޑުމެންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.