ސުޕްރީމް ކޯޓް

ރިޔާސީ އިންތިޚާބުގެ ޝަރީއަތް: ފަހު އަޑުއެހުން، މުޅި ގައުމު އިންތިޒާރުގައި

ރިޔާސީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތުގެ ފަހު އަޑު އެހުން މިއަދު 10:30 ފަށަން ވަނީ ނިންމައިފަ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީން ގަބޫލުފުޅު ކުރައްވައި އެކަން އިއުލާނުކުރެއްވި ނަމަވެސް ފަހުން ވަނީ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވައިފަ އެވެ.

މިއަދުގެ ޝަރީއަތް އަޑުއެހުމަށް ގިނަ ބަޔަކު އިއްޔެ ހަވީރުއްސުރެ ކިޔު ހަދާފައި ވާ އިރު މިއަދު ހެނދުނު ވަނީ ކިޔޫގައި ތިބި މީހުންގެ މެދުގައި ބައެއް ކަހަލަ ހަމަނުޖެހުން ތައް ވެސް ހިނގައިފަ އެވެ. މި ހަމަނުޖެހުންތައް ހިނގަން ދިމާވީ ނަންބަރު ހިފައިގެން ކިޔުގައި ވަކި ބަޔަކު ތިބެ، އެ ނަންބަރަށް ކޯޓަށް ވަންނަން އެހެން ބަޔަކު މަސައްކަތްކުރުމާ ގުޅިގެންނެވެ.

އެ ގޮތުން މި މައްސަލަ ކުރަމަތިވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފެވެ. މަޚުލޫފު ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް އެމައްސަލަ ދިމާވި އިރު ޕީޕީއެމްގެ ބައެއް މީހުން ވެސް ޝަރީއަތުގެ މަޖިލިސް އަޑު އަހަން ކޯޓަށް ވަންނަނީ ނަންބަރު ދީފައި އެހެން މީހުން ބައިތިއްބާފައި ފަހު ވަގުތު ކިޔުއަށް އަރައިގެނެވެ.

ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމަވާނެ އެވެ.