މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިސްރާއީލްގެ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމަށް ނޫނެކޭ ބުނުމުން، އިންޑޮނޭޝިއާ އަތުން މުބާރާތުގެ ހޯސްޓްކަން އަތުލައިފިއެވެ.
ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މި މަހުގެ 30 އިން ޖޫން 11 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ފީފާއިން ކުރިން ތައްޔާރުވެފައި އޮތް ނަމަވެސް އެ މުބާރާތް މިހާރު ވަނީ ފެށުން ލަސްކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު މުބާރާތުގެ ގުރުއަތުން ބާއްވަން އޮތް ނަމަވެސް، ބާލީގެ ގަވަރުނަރު ވަޔާން ކޮސްޓާ އިސްރާއީލް ޓީމަށް އެ ސްޓޭޓަށް ނުވަދެވޭނެ ކަމަށް ބުނުމުން ގުރުއަތުންވެސް ވަނީ ކެންސަލްކޮށްފައެވެ.
އިސްރާއީލާއި އިންޑޮނޭޝިއާއަކީ ޑިޕްލޮމެޓިކް ގުޅުންވެސް ކަނޑާލާފައިވާ ދެ ގައުމެވެ. އިންޑޮނޭޝިއާއަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ގައުމަކަށްވީ އިރު، ފީފާ އިން އެ ގައުމުގައި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވަން ނިންމުމާއެކުވެސް މަގުތަކަށް މީހުން ނުކުމެ އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ.
އެ ގައުމުގެ ރައްޔިތުން ބުނަމުން ދިޔައީ ފަލަސްތީނާއެކުގައި އެ މީހުން ތިބި ކަމަށާއި އިސްރާއީލަށް މުބާރާތުގައި ވާދަކުރިޔަ ނުދޭން ބޭނުންވާ ކަމަށެވެ. ބާލީ ގަވަރުނަރުގެ ނިންމުމާއެކު އިސްރާއީލަށް އެ ސްޓޭޓަށް ނޭރޭނެ ކަމަށް އަންގާފައިވާ އިރު، އެކަމަށް ހުޅަނގުން ވަނީ ބައެއް ފާޑުކިޔުންތައްވެސް އަމާޒުކޮށްފައެވެ. އެގޮތުން އިންޑޮނޭޝިއާ އިން ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދި ކަމަށް ބުނެ އެކަމަށް ނުރުހުން ފާޅުކޮށްފައިވެއެވެ.
ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިންޑޮނޭޝިއާއަކީ މިހާރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ހޯސްޓް ނޫން ކަމަށާއި މުބާރާތް ދެން ބާއްވާނެ ގައުމަކާއި ތާރީހެއް އެ އިދާރާއިން ވީ އެންމެ އަވަހަކަށް އިއުލާންކުރާނެ ކަމަށެވެ،
2019 ވަނަ އަހަރު އިންޑޮނޭޝިއާއަށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ދިންއިރު އިސްރާއީލް ކޮލިފައިވެފައެއް ނުވެއެވެ. އެއީ ކޮލިފިކޭޝަން ކުޅުނީ އޭގެ ފަހުން ކަމަށްވާތީއެވެ. މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ހެދި، ފަލަސްތީނާއެކު ތިބިކަން ދައްކުވައިދޭން މީގެ ކުރިން ސްޓޭޑިއަމްތަކުގައިވެސް ދިދަ ބޭނުންކޮށް، އަޑުއުފުލި މަންޒަރުތައްވެސް ފެނިގެން ގޮސްފައިވެއެވެ. އެކަމަށް ފީފާއިން ހުރަސްއަޅަން މަސައްކަތް ކުރި ނަމަވެސް، ވޯލްޑް ކަޕްގައިވެސް ފަލަސްތީނުގެ ދިދަތައް ފެނިގެން ދިޔައެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ކަންކަމުގައި ރަޝިއާ ފުޓުބޯޅައިން ބޭރުކޮށްލި ނަމަވެސް އިސްރާއީލަށް ފުޓުބޯޅައިގެ ފުރުސަތު ދޭތީ ފީފާއަކީ ދެ ފުށް ދެގޮތް އިދާރާއެއް ކަމަށް މީގެ ކުރިން ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ.