އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިންސާފު ހޯދޭނީ ކޯޓު މަރުހަލާއިން، އެއީ މަގުމައްޗަކުން ވާނެ ކަމެއް ނޫން: އަދުރޭ

މުހައްމަދު އައުޒަމް

ރާއްޖޭގައި މިހާރު މިއޮތް ނިޒާމުގައި އިންސާފު ހޯދޭނީ ކޯޓު މަރުހަލާއިން ކަމަށާއި އެއީ މަގުމައްޗަކުން ވާނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ރޭ ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ބާރަށް ހަޅޭލައްވައިގެންވެސް އިންސާފެއް ނުހޯދޭނެ ކަމަށެވެ.

"ކޯޓު މަރުހަލާ މެދުވެރިކޮށް އިންސާފު ހޯދޭނީ. އެއީކީ މަގުމަތިން ހޯދޭނެ އެއްޗެއް ނޫން. ނޫނީ ބާރަށް ހަޅޭލައްވައިގެން ހޯދޭނެ އެއްޗެއްވެސް ނޫން. ނޫނީ ތަނެއްގަ ބޮނޑިބަތް ކައްކައިގެން ހޯދޭނެ އެއްޗެއް ވެސް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ޕީޕީއެމް އިން ސިލްސިލާކޮށް އެ ޕާޓީގެ އޮފީސް ކައިރީ ކުރަނީ މުޒާހަރާއެއް ނޫން ކަމަށާއި އެއީ އާންމު މެމްބަރުންނަށް މައުލޫމާތުދިނުމުގެ ބައްދަލުވުމެއް ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ މެމްބަރުން ވޯޓުދީގެން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސް ތަނެއްގައި އެއްވެއުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން ޕީޕީއެމްގެ އޮފީސް ކައިރީ މައުލޫމާތު ދިނުމަށް ކަމަށް ބުނެ އެއްވެ އަޑުއުފުލުމަކީ އެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ. އަދި އެ ސިލްސިލާ އެއްވުންތައް ފެށުމުގެ ގޮތުން ބޭއްވި އެއްވުމުގައި ރައީސް ޔަމީން ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނު ގާނޫނާ ޚިލާފުވެވަޑައިގަތުން ކަމަށް އިދިކޮޅު އިއްތިހާދުގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަދުރޭ ރޭ ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަމުގައި ހުންނެވިއިރުވެސް އަދި ވެރިކަމުން ފައިބައިވަޑައިގެންވެސް ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ ވަރަށް ވަތަނީ ބޭފުޅެއް ކަމަށާއި ވަތަނީ ވާން ޖެހެނީ ދިވެހި ގައުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ފަދަ ކަމެއް މެދުވެރިވާން ޕީޕީއެމް އިން ބޭނުންނުވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ގެއްލިގެންދާކަށް. އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވާކަށް. ބޭރުބަޔަކު ބުނާހާ ގޮތަކަށް ގޮނޑިކޮށްކޮ ސަރުކާރެއް މިތާގަ ހިނގަމުންދާ މަންޒަރުބަލާކަށް ޕީޕީއެމްގެ އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް ހޯދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ ޝަރުއީ ހަމަތަކުގެމަތިން އެމަނިކުފާނާ ޕާޓީ ހަވާލު ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޕީޕީއެމްގެ މިލްކުވެރިކަން ރައީސް މައުމޫނާ ހަވާލުކުރެވިދާނެ ކަމަކަށް. އެހެންވެއްޖެއްޔާ ޕީޕީއެމްގެ މިލްކުވެރިކަން ކެނެރީގޭ މުހައްމަދު ނަޝީދާވެސް ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް. ރައީސް މައުމޫނާ ޕީޕީއެމްގެ އޯނާޝިޕް ހަވާލުކުރެވޭ ކަމުގައި ވަންޏާ ގާސިމް އިބްރާހީމާ ހަވާލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް. ނޫނިއްޔާ އަދާލަތުގެ އިމްރާނާ ހަވާލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް. އެހެންމިދަންނަވާލީ ކީއްވެގެންތޯ؟ ރައީސް މައުމޫނަކީ މިއަދު ޕީޕީއެމްގެ މެމްބަރެއް ނޫން. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނޭ ޕީޕީއެމްގެ ރައީސް ކަމަށް ވެވޭނީ ޕީޕީއެމްގެ މެމްބަރުކަން އޮންނަ ފަރާތަކަށޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރީ ޝަރުއީ ކޯޓަކުން ކުރި ހުކުމެއްގެ ދަށުން ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން ރައީސް ޔާމީނާ ޕާޓީ ހަވާލުކޮށްފައި ވަނިކޮށް ރައީސް މައުމޫން ވަނީ ޕާޓީން ވަކިކޮށްފައި ކަމަށާއި އެހެންކަމުން މިހާރު ޕީޕީއެމްއާ ރައީސް މައުމޫނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.