އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 39

އަބްދުﷲ ފާރޫގް ހަސަން

(17 މާޗުގެ އަދަދާ ގުޅޭ)

ބައިޒެންޓެއިން ދައުރުގައި އަޔާސޯފިޔާގެ އެތެރޭގެ ހައިއާތު (ސިފައާއި ސޫރައާ) ހުރިގޮތާ ބެހޭގޮތުން މުސްލިމު ލިޔުންތެރީންގެ ބަޔާންތައް ފެންނަނީ ވަރަށް މަދުންނެވެ. أحمــد بــــن رُسْــــتَــــه އަކީ އަޔާސޯފިޔާއާ ބެހޭގޮތުން ތަފްސީލު ލިޔުއްވުންތަކެއް ލިޔުއްވި އެންމެފުރަތަމަ މުސްލިމު ލިޔުންތެރިޔާއެވެ. އޭނާގެ ލިޔުއްވުންތަކަކީ އޭނާ އަމިއްލަފުޅަށް ދެކެވަޑައިގެންނެވި ކަންތަކެއް ނޫނެވެ. އޭނާ މީލާދީން 902، 903 ގައި ދުނިޔޭގައި ހުންނެވިއެވެ. ނަމަވެސް އޭނާގެ ލިޔުއްވުމުގެ މަރްޖިޢަކީ هـــارون يحـيـى އެވެ ކިޔުނު މުސްލިމު ޤައިދީއެކެވެ. هـــارون يحـيـى އަށް އަޔާސޯފިޔާގެ ސަރަޙައްދަށް ވެދެވަޑައިގެންނެވުނީ ޝަހެންޝާހެއްގެ މަހާސަމާއެއް ބޭއްވި ދުވަހެއްގައި ބޯގިނަކުރުމަށްޓަކައި މީހުން ވެއްދި ވެއްދުމެއްގައެވެ. ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން ބާއްވާ ބައެއް ޖަލްސާތަކަށް ބޯގިނަކުރަން ބަންގާޅީން ވައްދާ ވާހަކަ ބުނާތީ އަހަމެވެ. އެހެންކަމުގައިވާނަމަ އެކަމަކީވެސް ދިގު ތާރީޚެއް އޮތްކަމެއް ދޮގެއްތޯއެވެ؟ ކޮންމެއަކަސް هـــارون يحـيـى ވެސް އެދުވަހު އަޔާސޯފިޔާގެ ގޯތިތެރޭގައި ހުންނަވައިގެން "اطــــال اللّـــه بــقـــاء المـلـك سـنــيـن كــثــــيــرة" އެވެ އަޑުފުޅުގެކޮޅަށް ގޮވައިލައްވައި ނަޢުރާކުރެއްވިއެވެ.

އަޔާސޯފިޔާގެ ވާހަކަ ލިޔުއްވި ފާހަގަކޮށްލެވޭ މުސްލިމު މުއައްރިޚުންކުރެ އަނެއްބޭކަލަކީ އަޅުގަނޑުމެންގެ إبــــن بـطــــوطـــة އެވެ. އޭނާގެ ޚާއްޞަކަމަކީ އޭނާ އަޔާސޯފިޔާ ބިނާކުރެއްވުމުގެ ޝަރަފު ســليمــان عـلــيـــه الـسّــــلام ގެ ވަޒީރު އަދި އެކަލޭގެފާނުގެ ބޮޑުދައިތާފުޅެއްގެ ދަރިކަލެއްކަމުގައި ބުނެވޭ آصف بــــن بَـــــرَخْــيــــا އަށް ދެއްވާކަމެވެ. މިއީވެސް އޭނާ ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ ބެހޭގޮތުން ލިޔުއްވި ވާހަކަ ކަހަލަ ވާހަކަޔަކަށްވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ.

إبــــن بـطــــوطـــة ގެ ލިޔުއްވުމުގެ މުހިންމު އަނެއްކަމަކީ އޭނާ އަޔާސޯފިޔާގެ ގޯތިތެރެއާއި ގޯތީގެ އެކިފަރާތްފަރާތަށް ހުޅުވޭ އީވާންތަކުގެ ވާހަކަ ނުހަނު ޞަރީޙުކޮށް ލިޔުއްވައިފައިވުމެވެ. إبــــن بـطــــوطـــة ޞަރީޙުކޮށް ލިޔުއްވައިފައިވާ ގޮތުގައި އޭނާއަކަށް އަޔާސޯފިޔާގެ އަސްލު ޢިމާރާތުގެ އެތެރެޔަށް ވެދެވަޑައިގެންނެވުމުގެ ހުއްދައެއް ލިބިވަޑައެއް ނުގެންނެވިއެވެ. إبــــن بـطــــوطـــة ލިޔުއްވާގޮތުގައި އޭގެސަބަބަކީ އޭނާ އަޔާސޯފިޔާގެ ދޮރުމަތީގައިހުރި ބޮޑު ޞަލީބުގެ ކުރިމަތީގައި ކުޑަކަކޫޖައްސަވައި ސަޖިދަކުރައްވަން އިންކާރުކުރެއްވުން ކަމުގައި ވެދާނެއެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
"ولايــدعـــــون احــــدا يــدخــلــهـــا حــتّى يسـجــد لـلصـلـيـب الاعـظـــــم .... وهـــــو بــاب الـكـنــيســة مجــــعـــــول فـــــى جــعــبـــة ذهـب"

29 މޭ 1453 ގައި ތުރުކިޔޭއިން އިސްތަންބޫލަށް ވަނުމާއެކު ރަށުގެ އެތަންމިތަނުން ރޮނގާލިގަނޑު އައިސް ފައްޅިޔަށް ވަދެއޮތީ ފުރައިލައިފައެވެ. އެބައިމީހުންގެ ޢަގީދާގައިވާގޮތުން ފާތިޙުން ޤުސްޠަންޠީނު އަޢުޒަމްގެ މަނާރާ ހަމަޔަށް ދިޔުމާއެކު އުޑުން މަލާއިކަތަކު ފައިބައިވަޑައިގަންނަވާނެއެވެ. އެ މަލާއިކަތާ ފާތިޙުން އެބައިމީހުންގެ ވަޒަން އޭޝިޔާއަށް އަބަދުގެ އަބަދަށްޓަކައި ކޮއްޕަވައި ގަންނަވައި ފޮނުއްވައިލައްވާނެއެވެ. ނަމަވެސް މަސީޙީން ޤަބޫލުކޮށްގެން ތިބިގޮތަކަށް ކަންތައްތަކެއް ނުހިނގިއެވެ. ތުރުކިޔޭއިން ފައްޅިޔަށް ވަދެގެން އަތުވެއްޖެއެވެ.

سـلطـــان محمّـــد الــفــاتــــح އަޔާސޯފިޔާއަށް ވެދެވަޑައިގެންނެވުމުގައި ޢަމަލުކުރެއްވި ގޮތްކޮޅުގެ ވާހަކަ އިސްވެދިޔަތާނގައި އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. ޙިމާޔަތް ހޯދުމަށްޓަކައި އަޔާސޯފިޔާއަށް ވަދެތިބި މަސީޙީންނާމެދު ޢަމަލުކުރެއްވި އޯގާވެރި ގޮތްކޮޅުގެ ވާހަކަވެސްވަނީ ބަޔާންކޮށްފައެވެ. سـلطـــان محمّـــد الــفــاتــــح އިސްތަންބޫލު ފަތަޙަކުރެއްވުމަށްފަހު އެފައްޅި މިސްކިތަކަށް ބަދަލުކުރެއްވިއެވެ. އެކަމަކު އެފައްޅި މިސްކިތަކަށް ބަދަލުކުރެއްވުމަކީ ކްރިސްޓިޔަނުންގެ ޙައްޤަކަށް އަރައިވަޑައިގެންނެވުމެއް ނޫނެވެ. އެޒަމާނުގައި ކަންހިނގާ އުރުފަށް ބަލާއިރު ރަށެއް ފަތަޙަވުމުން އެރަށެއްގައިހުރި ކުރީގެ ސަރުކާރުގެ އުފުލޭ އަދި ނުއުފުލޭ ހުރިހާ މުދަލަކީ އެރަށެއް ފަތަޙަކުރާ ފާތިޙުންގެ މިލްކެކެވެ. އެނގިވަޑައިގަންނަވާނެފަދައިން سـلطـــان محمّـــد الــفــاتــــح އަޔާސޯފިޔާ އެމަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެންނެވީ، ހަނގުރާމައެއްގައި ކޮންސްޓެންޓިނޯޕްލް ފަތަޙަކުރެއްވުމަށް ފަހުގައެވެ. އެއީ ޙައްޤު ގޮތުގައި ކުރެއްވި ހަނގުރާމައެކެވެ. ނަޞާރާ ދީނުގެ މަޝްހޫރު ޢިލްމުވެރިޔާ ސެއިންޓް އޮގަސްޓީން އޮފް ހިޕޯ (St. Augustine of Hippo) ގެ ޢިބާރާތަކުން ދަންނަވާނަމަ، "ޢަދުލުވެރި ހަނގުރާމަ" (Just War) އެއްގައި އެރަށް ފަތަޙަކުރައްވައިގެންނެވެ. އެހެންކަމުން އިސްތަންބޫލުގައިހުރި ބައިޒެންޓެއިން ދައުލަތުގެ ހުރިހައި މިލްކިއްޔާތަކީ އިސްލާމީ ދައުލަތުގެ މިލްކެވެ. އެހެންކަމަށްވުމާއެކުވެސް سـلطـــان محمّـــد الــفــاتــــح އިސްތަންބޫލުގެ މަސީޙީންނަށް އެފައްޅީގެ ފުރިހަމަ އަގުދެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު މިލްކިއްޔާތުންނެވެ. އަޅުގަނޑުގެ ކޮއްކޮ الأسـتــــاذ أحمـــد مـــاجــــــد عــلــــى ވަނީ މި މައްސަލައާމެދު ތާރީޚީގޮތުންނާއި ޤާނޫނީގޮތުން ވަރަށް ތަފްސީލުކޮށް ލިޔުއްވައިފައެވެ. "އަޔާސޯފްޔާގެ ތާރީޚީ ދަތުރު" މި މައިގަނޑު ނަމުގައި އޭނާ ލިޔުއްވި ތަފްސީލީ މަޒުމޫނުގައެވެ. އެހެންކަމުން މިހައިތަނަށް މިވާހަކަ ކުރުކޮށްލަމެވެ.

އަޔާސޯފިޔާ މިސްކިތަކަށް ބަދަލުވުމާ ގުޅިގެން ދީނީގޮތުން އެ ޢިމާރާތަށް ގެންނާންޖެހޭ ބަދަލުތައް އިސްލާމީ ފާތިޙުންގެ ވެރިކަމުގެ ދައުރުގައި ގެންނެވިއެވެ. މުސްލިމުން އިސްތަންބޫލު ފަތަޙަކުރިއިރު އަޔާސޯފިޔާ ހުރީ މަރާމާތުނުކުރެވި ގިނަދުވަސްވުމުގެ ސަބަބުން ވަރަށްބޮޑަށް ވީރާނާވެފައެވެ. ބައުވެ އިންދިރާސުވެފައެވެ. އެހެންކަމުން سـلطـــان الــفــاتــــح އެފައްޅި ވަރަށްބޮޑަށް މަރާމާތުކުރެއްވިއެވެ. އޭގެތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކުރެވެނީ ފައްޅީގެ އެތެރެޔަށް ގެންނެވި ބަދަލުތަކެވެ. އެގޮތުން ފައްޅީގެ ފާރުތަކާއި މަތިވަޑާންގަނޑު ޒީނަތްތެރި ކުރުމަށްޓަކައި ކުރަހައިފައިހުރި ތަސްވީރުތަކާއި ކުރެހުންތައް ފޮރުވައިލެއްވިއެވެ. ޔޫނާނީ މޭސްތެރީންނާއި ކުރެހުންތެރީން ހީކޮށްގެންތިބީ އެކުރެހުންތައް އަބަދުގެ އަބަދަށް ދެމިހުންނާނެ ކަމުގައެވެ. މުސްލިމުންގެ މިސްކިތްތަކުގައި މޮޅުދެރައިގެ ތަފާތެއް ނުހުރެއެވެ. محـــمـــــود އާއި إيـــاز އާ ތިއްބަވަނީ އެއްސަފެއްގައެވެ. ކޮނޑުފުޅާއި ކޮނޑުފުޅު ޖައްސަވައިގެންނެވެ. އެހެންކަމުން ފާދިރީންނާއި ޢާންމުންގެ މެދުގައި ހުރަސްއަޅާ ފާރު (iconostasis) އެންމެފުރަމަޔަށްވެސް ތަޅުއްވައިލެއްވިއެވެ. ހަމައެފަދައިން މަތީދަރަޖައިގެ ފާދިރީންނަށް ޚާއްޞަ މަންސަ (Bema) ވެސް އުވައިލައްވައި އެތަން ނެންގެވިއެވެ. ބައިޒެންޓެއިނުންގެ ޤަދީމީ ފައްޅިތައް ހުންނަނީ ބައިތުލްމަޤްދިސަށް ކުރިމަތިލެވޭގޮތަށެވެ. އެހެންކަމުން އަޔާސޯފިޔާގެ އެތެރެ كــعـــبـــة اللّـــه އަށް ކުރިމަތިލެވޭގޮތަށް ތަރުތީބުކުރެއްވިއެވެ. އަޅުގަނޑުގެ ނަޒަރުގައި ދެން އެންމެ މުހިންމުކަމަކީ އަޔާސޯފިޔާއާ ގުޅިގެން މަދަރުސާއެއް ޢިމާރާތްކުރެއްވުމެވެ. ކުތުބުޚާނާއަކާއި ފަޤީރުންނަށް ކާންދޭ "ބަދިގެއެއް" އިތުރުކުރެވުމެވެ.

ކޮންމެއަކަސް މުސްލިމުން އަޔާސޯފިޔާއަށް ގެނައި އެހެނިހެން ބަދަލުތަކާއި އެކިފަހަރުމަތީން ކުރި ޚަރަދުބޮޑު މަރާމާތުގެ ވާހަކައާއި އަޔާސޯފިޔާގެ ކަރާމަތާ ބެހޭގޮތުން ރިވާވަމުން އައިސްފައިވާ ވާހަކަތައް ތަފްސީލުކޮށް ލިޔާންވެއްޖެކަމުގައިވާނަމަ އެކަމަށްޓަކައި ޖެހޭނީ އަތްމައްޗަށް މާލުއިނޫން ފޮތެއް ލިޔާށެވެ. އެހެންކަމުން އަޅުގަނޑު އެމަސައްކަތަށް ޢުޒުރުވެރިވަމެވެ.

އަޔާސޯފިޔާ މިސްކިތެއްގެގޮތުގައި ހުންނަތާ ހަތަރުސަތޭކަ އަހަރުވީފަހުން (ދުނިޔޭގެ އެއްވަނަ ބޮޑުހަނގުރާމަޔަށްފަހު) އަޔާސޯފިޔާ އަލުން މަސީޙީ ފައްޅިޔަކަށް ހެދުމުގެ މަސައްކަތް ފެށިއްޖެއެވެ. އެމަސައްކަތްކުރީ ޔޫރަޕުގެ ނަސްރާނީ ބާރުތަކުންނެވެ. ފަރަންސޭސި ސިފައިންގެ ގެމައެއް ފުރިހަމަ ހަތިޔާރާއެކު އަޔާސޯފިޔާގެ ސަރަޙައްދަށް ވަނެވެ. ނަމަވެސް سـلطـــان وحـيـــدالــدّيـــــن خــــان ގެ އަމުރުފުޅަށް މުސްލިމު ތުރުކިޔޭއިންގެ ކޮމާންޑަރެއްކަމުގައިވާ މޭޖަރ تــــوفــيــــــق ބޭ ފަރަންސޭސީންނަށް ވަރުގަދަޔަކަށް ތަޙައްދީކުރައްވައި ފަރަންސޭސީންގެ ފިޔަވަޅުތަކަށް ހުއްޓުން އަރުވައިލެއްވިއެވެ. ފަރަންސޭސީންނަކަށް ބާރުގެ ބޭނުންކޮށްގެން އަޔާސޯފިޔާއަށް ވަންނާކަށެއް ނުކެރުނެވެ. އެބައިމީހުން ނާކާމިޔާބުވެގެން އެނބުރި ދިޔައީއެވެ.

ތުރުކިޔޭގެ މިނިވަންކަމުގެ ހަނގުރާމަ ނިމުމަށްފަހު ނަޞާރާ އެޖެންޓުން އަނެއްކާވެސް މަސައްކަތް ފަށައިގަތެވެ. އެވެރީންގެ އެޖެންޓު ތުރުކިޔޭގެ ލާދީނީ ލީޑަރ مـصـطـفــــى كمــال އަޔާސޯފިޔާ ކްރިސްޓިޔަން ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަޔާސޯފިޔާ ދާރުލްއާސާރަކަށް ހެއްދެވުމުގެ ނަމުގައެވެ. އެމަސައްކަތުގެ ތެރޭގައި مـصـطـفــــى كمــال ވަނީ އަޔާސޯފިޔާއާ ގުޅިގެން سـلطـــان الــفــاتــــح محمّـــد ثــانـــــى ބިނާކުރެއްވި އިސްލާމީ މަދަރުސާއާއި سـلطـــان بــايـــزيــد ثــانـــــى ބިނާކުރެއްވި މުންނާރު ތަޅައިލައްވައިފައެވެ. އަޔާސޯފިޔާގެ އެތެރޭގައި ބައިޒެންޓެއިން ރޯމަނުލް ކުރަހައިފައިހުރި މަސީޙީ ތަސްވީރުތަކާއި ކުރެހުންތައް ފޮރުއްވަން މުސްލިމު ރަސްރަސްކަލުން ލައްވައިފައިހުރި ކުލަތައް ފިލުއްވައި ޕްލާސްޓަރުތައް ނައްޓަވައި އަލުން އެ ތަސްވީރުތައް ހާމަކުރައްވައިފިއެވެ. އަޔާސޯފިޔާ ދާރުލްއާސާރަކަށް ހަދައި ހުޅުވީ 1 ފެބްރުއަރީ 1935 ގައެވެ.

ނަމަވެސް އިސްލާމްދީނުގެ ޢަދުއްވުން އެބައިމީހުންގެ އަނގަތަކުންފުމެ މާތް اللّـــه ގެ ނޫރުފުޅު ނިއްވައިލާން އުޅުނުކަމުގައިވިޔަސް އެކަމެއް ނުވާނެއެވެ. ކަރުދާހުގެ ނަވަކީ އަބަދު ފެންމަތީގައި ހުންނާނެ އެއްޗެއް ނޫނެވެ. ތުރުކިޔޭގެ ޖައްވުންވެސް އިސްލާމީ ނިދާގެ އަޑު ހިމޭންކޮށް ކަނޑުވައެއް ނުލެވޭނެއެވެ. ތުރުކިޔޭގެ މަޝްހޫރު މުސްލިމު ލިޔުންތެރިޔާ يــحـيـى كــمـــال ވިދާޅުވެފައިވާ ފަދައިން ތުރުކިޔޭއިންގެ އިސްލާމިއްޔަތާއި ޤައުމިއްޔަތުގެ ރޫޙާނީ ދެ ބިންގަލަކީ سـلطـــان محمّـــد الــفــاتــــح ގެ އަމުރުފުޅަށް އަޔާސޯފިޔާގައި ގޮވައިލެވުނު ބަންގީގެ އަޑާއި ޔަވޫޒު سـلطـــان سـلــيــم ގެ އަމުރުފުޅަށް ހިރްކާއި ސާދެތު ދާއިރެސީގައި ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ރިދާކޮޅުގެ ކުރިމަތީގައި ކިޔެވުނު ކީރިތި ޤުރްއާނުގެ މޫރިތި އަޑެވެ. ތުރުކިޔޭ ފެންމަތީގައިއޮވެ ތުރުކިޔޭއިންގެ ނޭފަތުކުރި ހިކޭހައިހިނދަކު އެއުރެންގެ ތެރެޔަކުން އެއަޑުތައް ކެނޑިގެނެއް ނުދާނެއެވެ. ކަނޑުވައެއްވެސް ނުލެވޭނެއެވެ. އެގޮތުން مـصـطـفــــى كمــال ގެ ލާދީނީ މަސައްކަތުގެ ފެށުމާއެކު އެމަސައްކަތުގެ ރައްދު ޢަމަލުވެސް ވަނީ ފެށިފައެވެ. އެކަން އެނގެނީ ތުރުކިޔޭގެ މުސްލިމު ލިޔުންތެރީންގެ ގަލަމީ ޖިހާދުންނާއި ލާދީނީ مـصـطـفــــى كمــال އާ ދެކޮޅަށް އެކިސިފަސިފައިގައި މުސްލިމުން ކުރަމުންއައި ހިތްވަރުންނެވެ. ތުރުކިޔޭގެ މުސްލިމު ލިޔުންތެރިޔާ عـثمــان ޔުކްޝެލް ސަރުދާން ގެޝްތީ "އަޔާސޯފިޔާ" މި މައިގަނޑު ނަމުގައި ލިޔުއްވި މަޒުމޫނެއްގައި ލިޔުއްވައިފައިވެއެވެ. "އޭ އަޔާސޯފިޔާއެވެ! އޭ ޝާނާއި ޝައުކަތު ލިބިގެންވާ މިސްކިތާއެވެ! މޮޅިނުވާށެވެ! فــاتــــح ގެ ދަރީން ލަސްތަކެއްނުވެ އަތުވެދާނެއެވެ. އަދި ހުރިހައި ބުދުތަކެއް ތަޅައި ސުންނާފަތިކޮށްފައި ތިބާ އަނެއްކާވެސް މިސްކިތަކަށް ބަދަލުކުރާނެއެވެ. އެދުވަހަކުން އެބައިމީހުންގެ ކަރުނައިގެ ދެމިގެންދާ ސައިލުން އެބައިމީހުން ވުޟޫކުރާނެއެވެ. އަދި އެމީހުން اللّـــه އަށް ސަޖިދަކުރާނެއެވެ! ތަހުލީލާއި ތަކުބީރުގެ އަޑުން ތިބާގެ ފަޅުވެފައިވާ ގުއްބުތައް އަނެއްކާވެސް ގުގުމާން ފަށާނެއެވެ. އެދުވަހެއްވާނީ ދެވަނަ ފަތަޙައިގެ ދުވަސްކަމުގައެވެ!" ތުރުކިޔޭގެ މުސްލިމުންގެ ލޮލުން ހުއްޓުވުމެއްނެތި އޮހޮރުނު ލޭކަރުނަޔާއި އެބައިމީހުން ދެއްކި ސާބިތުކަމާއި ގަދަހިތްވަރުން އަޔާސޯފިޔާ އަލުން މިސްކިތަކަށް ބަދަލުކުރައްވައި އެކަން އިޢުލާންކުރެއްވީ ތުރުކިޔޭގެ މިހާރުގެ ރައީސް رجـب طـيّـب اُرْدُغَــان އެވެ. 10 ޖުލައި 2020 ގައެވެ.

(ނުނިމޭ)