އެލައިޑް އިންޝުއަރެންސާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްއިން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފިއެވެ.
އެލައިޑުން އިއްޔެ ބުނީ އެ ޕްލޭން އޮންލައިންކުރީ އެ ކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމާ ސެންޓްރިސިޓީ"އަށް އަހަމިއްޔަތުކަން ދިނުމަށް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް އިންޝުއަރެންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުންޝަންތަކެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެލައިޑުން ބުންޏެވެ.
"އެލައިޑް އޮންލައިން ޕޯޓަލް 'މައި އެލައިޑް' އިން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ 40،000-100،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ބައްލަވައިގަނެ ބޭނުން ކުރަމުންދާތާ ފަސް އަހަރު ނުވާ ސައިކަލުތަކަށެވެ..،" އެލައިޑުން ބުންޏެވެ.
އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ފޮނުވާ ޕޭމަންޓް ލިންކުގެ ތެރެއިން ފައިސާ ދެއްކުމުންކަމަށް އެލައިޑުން ބުންޏެވެ.
މިއީ ކަސްޓަމަރުންގެ ވަގުތު ސަލާމަތްކުރުމާއެކު ރައްކާތެރިކަން ކަށަވަރުކުރެވޭނެ މަގެއްކަމަށް އެލައިޑުން ބުންޏެވެ.
މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންގެ ހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑަށް ސަމާލުވާންވީ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނެގުމަށާއި، ސައްހަ މައުލޫމާތު ފޮނުވުމަށްކަމަށް އެލައިޑުން ބުންޏެވެ. އަދި ހިދުމަތް ހޯދުމަށް އެހީތެރިކަން ބޭނުންވާނަމަ 1600 އަށް ގުޅުމަށް ވެސް އެލައިޑުން ވަނީ އެދިފައެވެ.
މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރިފަރާތަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެއް ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން އަންނަނީ މޮޓޯ އިންޝުއަރެންސްގެ ދެ ހިދުމަތެއް ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމުކުރާ "ތާޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.
ތާޑް ޕާޓީ މޮޓޯ ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ ޕްލޭނެކެވެ. ކޮމްޕްރިހެންސިވް މޮޓޯ ޕްލޭނަކީ އަމިއްލަ ނަފުސާއި އުޅަނދު އަދި ތިންވަނަ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކޮށްދޭ ޕްލޭނެކެވެ.