ބޮލީވުޑް

ސޫރްޔަވަންޝީ އިން ކެޓްރީނާ ނުފެންނާނެ ކަމަށް އޭނާގެ ތަރުޖަމާނު ބުނެފި

ރޯހިތް ޝެޓީގެ ފިލްމު ސީކުއެލް ސޫރްޔަވަންޝީގެ ލީޑް ބަތަލާގެ ރޯލުން ކެޓްރީނާ ކައިފް ފެނިގެން ދާނެ ކަމަށް އަޑުތައް ފެތުރޭތާ ވަނީ ދުވަސްތަކެއްވެފައެވެ.

އަކްޝޭ ކުމާރު ލީޑް ބަތަލު ގެ ރޯލުން ފެނިގެންދާ މި ފިލްމުގައި ކެޓްރީނާ ބައިވެރިވާނަަމަ އެއީ ފިލްމު ނަމަސްތޭ ލަންޑަން އަށް ފަހު އެ ދެތަރިން އެކީގައި ކުޅޭނެ ފުރަތަމަ ފިލްމެވެ.

ފިލްމު ބާރަތްގެ މަސައްކަތުގައި މިދުވަސްވަރު ކެޓްރީނާ އުޅޭއިރު އޭނާގެ ތަރުޖަމާނު މިވަނީ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.

ކެޓްރީނާގެ ތަރުޖަމާނު ބުނި ގޮތުގައި އޭނާ ސޫރްޔަވަންޝީ އިން ނުފެންނާނެއެވެ. އަދި ދެކެވެމުންދާ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއްކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަނެއްކާވެސް ބޮޑު ސުވާލަކީ ސޫރްޔަވަންޝީގެ ލީޑް ބަތަލާގެ ބައިން ފެނިގެންދާނީ ކާކުތޯއެވެ. އަންނަ އަހަރު ރިލީސްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެކަމަށްވެއެވެ.