އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރު ނަޝާތު އެނބުރި ރާއްޖެ ވަޑައިގެންފި

1

ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުންގެ ތެރެއިން އަލީ ނަޝާތު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ނަޝާތު ރާއްޖެ ވަޑައިގެންނެވިކަން އިތުބާރު ހުރި ފަރާތަކުން "ވަން"އަށް ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ވަޑައިގެންނެވީ ކޮން އިރަކު ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިމަހުގެ ކުރީކޮޅެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާއި އަހްމަދު އަކްރަމާއި އިސްމާއިލް ހަބީބު އަދި ނަޝާތު ވަޑައިގެންނެވީ ސްރީލަންކާއަށެވެ.

އިލެކްޝަންސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްއިން ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކޮށް، އެ މެމްބަރުން ފިއްލެވީ ކަމަށް ބުނަމުންދިޔައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ އެ މެމްބަރުން ފިއްލެވީ ނޫން ކަމަށާއި އެ މެމްބަރުން ދިޔައީ ޗުއްޓީއަށާއި ބޭސްފަރުވާއަށް ކަމަށެވެ. އަދި ވަރަށް އަވަހަށް ހުރިހާ މެމްބަރުން ވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟