ރޯދަ 2023

މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި

އިޔާޒު ނަސީމް

މިއަދަކީ (21 މާރިޗު 2023، އަންގާރަ ދުވަހަކީ) 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ޝައުބާން މަސް ފުރިހަމަވެ، ރަމަޟާން މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑީން މިރޭ ރޭގަނޑު 10:23 ގައެވެ.

ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.

ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު މާލެއަށް އިރުއޮއްސުމުގެ ނުވަ މިނެޓު ކުރީން ހަނދު އޮއްސޭނެއެވެ.

މުސްލިމުންގެ ހަރަމްފުޅުތައް އެ ބިމެއްގައި ހުރި ސައުދީ އަރަބިއްޔާގައި ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލަން ދިއުމެއް ސައުދީ އަރަބިއްޔާގައި ނޯވެއެވެ.

ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއްވެސް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މި ގޮތުން އެ ގައުމުގައި އަމަލުކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރިން އިޤްތިރާނުވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ.

ފަލަކީ ގޮތުން ޝައުބާންމަސް ފުރިހަމަ ވެ ރަމަޟާން މަސް ފެށޭނީ ދުނިޔެއާއި އިރާއި ހަނދު އިޤްތިރާނު ވުމުންނެވެ. އިޤްތިރާނު ވާނީ ރާއްޖޭގެ ނިސްބަތުގައި ބަލާއިރު މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު 10:23 ގައެވެ. މައްކާ ގަޑިން މިރޭ 8:23 ގައެވެ. އިޤްތިރާނުވަނީ މައްކާއަށް އިރު އޮއްސޭ ފަހުން ކަމަށް ވާތީ، ސައުދީ އަރަބިއްޔާގައި ހަނދު މަސް ފެށުމުގައި އަމަލު ކުރާ އުސޫލުން ބަލާއިރު، މާދަމާއަކީ (22 މާރިޗު 2023 ވާ ބުދަ ދުވަހަކީ) މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމުގެ ފުރުސަތެއް ނެތެވެ.

ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

އެހެންކަމުން އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށުމުގައި އަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 22 މާރިޗު 2023 ވާ ބުދަ ދުވަހަކީ 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 23 މާރިޗު 2023 ވާ ބުރާސްފަތި ދުވަހެވެ.