ބާޒާރުގައި ލުނބޯގެ އަގު ތިރިކުރަން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ލުނބޯ ޝިޕްމެންޓެއް ގެނެސް، 60 ރުފިޔާއަށް ކިލޯއެއް ވިއްކަން ތައްޔާރުވެއްޖެއެވެ.
އެސްޓީއޯއިން މިއަދު ބުނީ، ބާޒާރުގައި ކޮންމެ ރޯދަ މަހަކު އާންމު ކަބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަތްފޯރާފަށުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"ބާޒާރުގައި ލުނބޮލުގެ އަގު ހިފެހެއްޓުމަށްޓަކައި، އެސްޓީއޯއިން މިދަނީ އިންޑިއާއިން ލުނބޯ އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ތައްޔާރުވަމުން. އެގޮތުން އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަން ނިންމާފައިވަނީ 60 ރުފިޔާއަށް،" އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ލުނބޯ އެތެރެކުރުމުގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގައެވެ.
އާންމު ކަބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެސްޓީއޯ އިން އަންނަނީ ތަފާތު އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި އަދި ބިސް ހުސްނުވާނެ ވަަރަށް އެތެރެކޮށް އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.
އެސްޓީއޯއިން ފިޔާ ބަސްތާއެއް 160 ރުފިޔާއަށް އަދި އަލުވި ބަސްތާއެއް 240 ވިއްކާ އިރު، ބިސް ކޭހެއް ވިއްކަމުންދަނީ 280 ރުފިޔާއަށެވެ. ރީޓެއިލް އަގުގައި އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ނުވަ ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 11 ރުފިޔާއަށް ވިއްކާ އިރު، ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.