އިލެކްޝަންސް ކޮމިޝަން

ވަގުތު ކުޑަތަންވެއްޖެ، އަދިވެސް 266 ކެންޑިޑޭޓުން ސޮއިނުކުރޭ

ޝަހީދާ އަބްދުﷲ ސައީދު

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ 386 ކެނޑިޑޭޓުންގެ ތެރެއިން އަދިވެސް 266 ކެންޑިޑޭޓުން ސޮއިކުރައްވާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ނިޔަލަށް 386 ކެންޑިޑޭޓުންގެ ތެރެއިން ވޯޓާސް ލިސްޓްގައި ސޮއިކުރީ 120 ކެންޑިޑޭޓުން ކަމަށެވެ.

އަދިވެސް ސޮއިކުރުމުގެ ފުރުސަތު މާދަމާ 2:00 އަށް އެބައޮތް ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް ޝަރީފް އިލްތިމާސްކުރެއްވިއެވެ.

އަންނަ މަހު ހައެއްގައި އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން އެމްޑީޕީން މިހާތަނަށް ލިސްޓްގައި ސޮއިކޮށްފައިވަނީ 35 ކެންޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީން 41 ކެންޑިޑޭޓުންގެ ތެރެއިން ލިސްޓްގައި 10 ކެންޑިޑޭޓުން ސޮއިކޮށްފައިވާއިރު، އަމިއްލަ 174 ކެންޑިޑޭޓުންގެ ތެރެއިން ލިސްޓްގައި ސޮއިކޮށްފައި ވަނީ 47 ކެންޑިޑޭޓުންނެވެ.

އަދި ޕީއެންސީގެ 22 ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު ލިސްޓްގައި ސޮއި ކޮށްފައިވާއިރު، އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުންގެ ތެރެއިން ލިސްޓްގައި ސޮއިކޮށްފައި ވަނީ ހަތަރު ކެންޑިޑޭޓުންނެވެ.

އަދި ލޭބާރ ޕާޓީގެ 10 ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު ލިސްޓްގައި ސޮއިކޮށްފައިވާއިރު، އެމްޑީއޭގެ އަށް ކެންޑިޑޭޓުންގެ ތެރެއިން ހުރިހާ ކެންޑިޑޭޓުން ވެސް ލިސްޓްގައި ސޮއިކޮށްފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކެންޑިޑޭޓެއް ވެސް އަދި ލިސްޓްގައި ސޮއިކޮށްފައިނުވާ ކަމަށާއި ޑީއާރްޕީގެ ފަސް ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ލިސްޓްގައި ސޮއި ކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.