ފޯރިގަދަ ކުޅުމަކަށްފަހު ގދ. ވާދޫ ބަލިކޮށް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގައި މިރޭ ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލު މެޗު، ގަމުން ކާމިޔާބުކުރީ 8-4 ގެ ނަތީޖާއަކުންނެވެ. މިއީ ގަމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފައިނަލަށް ވާދޫ ނުކުތީ ކުއާޓާ ފައިނަލުގައި މާފަންނު ބަލިކޮށް، ސެމީ ފައިނަލުގައި ދ. ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަނެއްކޮޅުން ފައިނަލަށް ނުކުތް ގަމަކީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތ. ތިމަރަފުށި ކަޓުވާލި ޓީމެވެ. އޭގެ އިތުރުން ސެމީ ފައިނަލުގައި ގަމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންދިޔަ ރ. އިނގުރައިދޫ ވެސް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގަމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ވާދޫގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވެ، އެޓީމުގެ ފަރާތުން ވަރަށް ކުރީކޮޅުގައި ގިނަ ފައުލުތަކެއް ވެސް ފެނިގެންދިޔައެވެ.
ފުރަތަމަ ހާފުގައި ކައިރިކައިރީގައި ގަމުން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅައަކުން ގަމުގެ ފުރަތަމަ ގޯލު ހުސައިން ނާޝިދު ކާމިޔާބުކޮށްދިން އިރު، އައްމަޑޭ ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ.
ފުރަތަމަ ހާފުގައި ގަމުން ޖެހި އަނެއް ހަތަރު ގޯލުގެ ތެރެއިން ތިން ގޯލަކީ ވާދޫން ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީތަކުން ޖެހި ގޯލުތަކެކެވެ. އެ ތިން ޕެނަލްޓީ ވެސް ގަމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އައްމަޑޭއެވެ. އެ ތިން ގޯލާއެކު އޭނާގެ ހެޓްރިކް ފުރިހަމަ ވެގެންދިޔައެވެ. އަދި ގަމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ތޮއްޕެއެވެ.
ނަތީޖާގެ ގޮތުން ބޮޑު ފަރަގެއްގައި އޮތް ނަމަވެސް، ވާދޫން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ވާދޫން ތިން ގޯލު ޖެހިއެވެ. މުސައްނިފް ދިން ބޯޅައަކުން ވާދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މުހައްމަދު އިޔާދު އަލީއެވެ.
ވާދޫގެ އަނެއް ދެ ގޯލަކީ ގަމުގެ ފައުލް ހަމަވެގެން ލިބުނު ދުރު ދެ ޕެނަލްޓީއަކުން ކާމިޔާބުކުރި ދެ ގޯލެވެ. އެ ދެ ޕެނަލްޓީ ވެސް ވާދުއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 6-3 ގެ ނަތީޖާއަކުން ގަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވާދޫން ކުޅުން ރަނގަޅުކުރި ތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ވާދޫން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އަޔާ ދިން ރީތި ބޯޅައަކުން ވާދުއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނާއިލްއެވެ. އެ ގޯލާއެކު ނާއިލް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ގަމުން ވެސް މަސައްކަތްކުރަމުންދިޔައީ އިތުރު ގޯލުތަކެއް ޖަހައި، ފަރަގު އިތުރަށް ބޮޑުކުރުމަށެވެ. ތޮއްޕެ ދިން ބޯޅައަކުން އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ގަމުގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ވާދޫން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ގަމުން ވަނީ އެޓީމުގެ އަށްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ދިން ބޯޅައަކުން އެޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ތޮއްޕެއެވެ. އެ ގޯލާއެކު ތޮއްޕެގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.