ޝަހީދާ އަބްދުﷲ ސައީދު
ރަށުފެންވަރުގެ ވެބްސައިޓު ކަމަށްވާ އައިލެންޑްސް އެމްވީ ވެބް ޕޯޓަލް، އިފުތިތާހު ކުރިފަހުން މިހާތަނަށް ހަތަރު ރަށެއްގެ މައުލޫމާތު އެ ޕޯޓަލްގައި އަޕްޑޭޓު ކޮށްފިއެވެ.
ރަށް މާކެޓްކުރުމުގެ ޓެކްނިކަލް އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އާއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން މިއަދު ބުނީ މި ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ ރޭ އިފުތިތާހު ކުރެއްވިފަހުން މިހާތަނަށް ޕޯޓަލްގައި ހިމެނިފައިވަނީ އއ. އުކުޅަސް، އއ. ރަސްދޫ. ވ. ތިނަދޫ އާއި ވ. ކެޔޮދޫގެ މައުލޫމާތު ކަމަށެވެ.
އަދި މާފުށި ފަދަ ރަށްރަށުގެ މައުލޫމާތު މިހާރު އަޕްޑޭޓު ކުރަމުންދާ ކަމަށާއި އެހެން ރަށްރަށުގެ މައުލޫމާތު ވެސް ކައުންސިލުން ހިއްސާކުރުމަށް އެދިފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިޒަމްގެ ސިނާއަތުގެ ފައިދާގެ މިންވަރެއް ލިއްބައި ދިނުމެވެ.
އެގޮތުން ގެސްޓް ހައުސްގެ ވިޔަފާރިއަށް އިތުރު ދިރުމެއް ގެނައުމުގެ އިތުރުން ކައިރީގައިވާ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންވެސް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް، ވަގުތު ހޭދަކުރުމަށް ޝައުގުވެރިކަން އުފެއްދުން މަގުސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެކަމުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އޭގެ މަންފާކޮށް، އިތުރު ފުރުސަތު ރަށުގެ ރައްޔިތުންނަށް ހުޅުވިގެންދާނެއެވެ.
އެ ޕޯޓަލްގައި މައިގަނޑު ގޮތެއްގައި ހުންނާނީ ރަށާއި ބެހޭ މައުލޫމާތެވެ.
އެގޮތުން އެރަށެއްގެ ތާރީޚާއި ސަގާފަތާއި ކުޅިވަރުތަކާއި ފުލޯކު ވާހަކަތަކާއި ރަށަށް ލިބިފައިވާ އުމްރާނީ ތަރައްގީ އާއި ރަށުގެ ގުދުރަތީ ވެށީގެ މައުލޫމާތު ލިޔެވި، ރަށުގެ ފޮޓޯ އާއި ވީޑިއޯ ހިމެނިފައިވާނެ ކަމަށް ބުނެފައިވެއެވެ.
މި ޕޯޓަލްގެ މައުލޫމާތާއި އަދި ކޮންޓެންޓް އަޕްޑޭޓްކޮށް ބެލެހެއްޓުމަކީ އެރަށެއްގެ ކައުންސިލުގެ މަސައްކަތެއް ކަމަށާއި އަދި ކައުންސިލާ އެެއްކޮށް އެރަށެއްގެ ޒުވާނުންނާއި ޖަމުއިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.