ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

އަމާޒަކީ ވެބްސައިޓު މެދުވެރިކޮށް ގެސްޓްހައުސްތަކަށް ބުކިން ހެދޭނެގޮތް ހަމަޖެހުން: މަލީހު

ޝަހީދާ އަބްދުﷲ ސައީދު

ވެބްސައިޓެއް ހަދައިގެން ގެސްޓް ހައުސްއަށް ބުކިން ހޯދުމަކީ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި ނަމަވެސް ސަރުކާރުގެ އަމާޒަކީ ވެބްސައިޓު މެެދުވެރިކޮށް ގެސްޓްހައުސްތަކަށް ބުކިން ހެދޭނެގޮތް ހަމަޖެހިގެން ދިއުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ޝުވެކްް ސިނަމާގައި މިރޭ ބޭއްވި ''އައިލެންޑްސް އެމްވީ ވެބް ޕޯޓަލް'' އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މި ވެބްސައިޓުގެ ސަބަބުން އެއްރަށުން އަނެއް ރަށަށް މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އަދި ޑައިވިން ސައިޓްތަކާއި ރަށުގައި ހުރި ކަމާބެހޭ ހުރިހާ މައުލޫމާތެއް ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދިރާސާއެއްކޮށްފައިވާ އިރު، އެ ދިރާސާއިން ރާއްޖޭގައި 500 އަށްވުރެ ގިނަ ގެސްޓްހައުސް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޓޫރިސްޓް އެނދުތަކުގެ 21 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކުން ކަމަށެވެ.

މިރޭ އިފްތިތާހު ކުރެވިގެންދިޔަ ވެބްސައިޓުތަކުން އެރަށަކާ ބެހޭ މައުލޫމާތު އެރަށެއްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެރަށެއްގެ އާސާރީ ތަންތަނާއި ލޯކަލް ޓޫރިޒަމާއި ދަތުރުފަތުރުގެ މައުލޫމާތުވެސް އެނގެން ހުންނާނެ ކަމަށެވެ.

އަދި އެރަށެއްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ހުރިހާ ބާރެއް ކައުންސިލުތަކަށް ދޫކޮށްލާފައިވާ އިރު އެރަށެއްގެ ވެބްސައިޓުން ލިބެން ހުރި ހުރިހާ މައުލޫމާތެއް ރާއްޖެއާއި ބޭރު ދުނިޔެއަށް ހިއްސާކުރެވޭނެއެވެ.

ރަށުފެންވަރުގެ ވެބްސައިޓުތައް ކަމަށްވާ އައިލެންޑްސް އެމްވީ ވެބް ޕޯޓަލް، އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމ މުހައްމަދު ސޯލިހެވެ.

އައިލެންޑްސް އެމްވީ ވެބް ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.