ބޮލީވުޑް

ބާރަތްގެ ޓްރެއިލާ އެވެންޖާސް ފިލްމާއެކު ރިލީސް ކުރަނީ

އަލީ އައްބާސް ޒަފަރުގެ ފިލްމް ބާރަތް އަކީ މިއަހަރު ނެރޭ އެންމެ ބޮޑެތި ފިލްމު ތަކުގެ ތެރެއިން އެއް ފިލްމެވެ.

ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާ އާއި އެކި ލުކްސްތަކުގެ ޕޯސްޓުތައް މީސް މީޑިއާގައި ހިއްސާ ކުރާތާ ދުވަސްތަކެއްވެފައިވާއިރު ފޭނުން ތިބީ ފިލްމުގެ ޓްރެއިލާ ބެލުމަށް ކެތްމަދުވެފައެވެ.

މިހާރު މިވަނީ ފޭނުންނަށް އުފާވެރި ހަބަރެއް ލިބިފައެވެ. ފިލްމު އުފައްދާ ފަރާތުން މިވަނީ ފިލްމު ބާރަތްގެ ޓްރެއިލާ ރިލީސް ކުރުން އަންނަ އޭޕްރިލް 24 ގައި އޮންނާނެ ވާހަކަ އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ހޮލީވުޑް ފިލްމް 'އެވެންޖާސް- އެންޑް ގޭމް" އޭޕްރިލް 26 ގައި އަޅުވާއިރު އެ ފިލްމާއެކު ބާރަތްގެ ޓްރެއިލާ ދެއްކުމަށް ހަަމަޖެހިފައިވާ ކަމަށްވެސް ފިލްމު އުފައްދާ ފަރާތުން މައުލޫމާތު ދެއެވެ. މިއީ މި ޓްރެއިލާ އިތުރަށް ހާއްސަކޮށްލާނެ ކަމެކެވެ.

ފިލްމުގައި ސަލްމާން އަދި ކެޓްރީނާގެ އިތުރުން، ދިޝާ ޕަޓަނީ، ޓާބޫ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާރު މުހިއްމު ރޯލުތަކުން ފެނިގެން ދާނެއެވެ.

ބާރަތް ފިލްމު ރިލީސް ކުރަނީ މިއަހަރު އީދަށެވެ.