ފުރާނަދަންދެން

ފުރާނަދަންދެން - 09

އާއިޝަތު ލިޔުޝާ

1

"ދަރިފުޅާ! ދޭބަލަ އަޒްކާއަށް ވަރަށް ފިނި ފެންތައްޓެއް ހިފައިގެން އަންނަން" ނުޝައިބާ އެދުނެވެ. ވަގުތުން ތެދުވެގެން ނަތާޝާ ހިނގައިގަތެވެ. އޭނާގެ ހިތުގައިވަނީ އަޒްކާއާއި މެދު ޙަމްދަރުދީ އުފެދިފައެވެ.

"ލުކް އަޒްކާ... އުފާކުރޭ. ޅަ އުމުރުގައި ދަރިން ލިބުމަކީ ބައެއް ހާލަތްތަކުގައި ރިސްކީ ކަމެއް. އެކަމަކު އަބަދުވެސް ކެތްތެރިވާންވާނެ. އަޒްކާގެ ކުރީގެ ފިރިމީހާ ކައިރީގައި ބުނަންވާނެ ދަރިއަކު ލިބެންއުޅޭ ވާހަކަ. ކީއްވެ ތިހާ ވަރަށް ތިރޮވެނީ. އުފަލެއްނު ވާންވީ. އަޒްކާގެ އުމުރުން ތިރީސް އަހަރަށް އަޅާއިރު ތިދަރިފުޅު ހުންނާނީ ބޮޑުވެފައެއްނު. އަޒްކާގެ ކަންތައްތައް ކޮށްލެވޭ އުމުރަށް އަޅާފައެއްނު" އިސްޖަހައިގެން އިނދެ ގިސްލަމުން ދިޔަ އަޒްކާއާއި ވާހަކަދައްކައިގެން ހަމަޖެއްސޭތޯ ނުޝައިބާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ފެންތަށި ހިފައިގެން އައި ނަތާޝާ އިށީނީ އަޒްކާގެ އަނެއް ފަރާތުންނެވެ. އޭނާ އަޒްކާގެ އަތަށް ފެންތަށި ލައިދިނެވެ. ނަމަވެސް އެންމެ ކޯވަރެއްވެސް އަޒްކާއަށް ނުދިރުނެވެ.

"ކު....ކުޑަވަގުތުކޮޅެއް އެކަނިވެލަން ބޭނުން" ވަރަށް ހިތްވަރުކޮށްފައި އަޒްކާ ވާހަކަދެއްކިއެވެ.

"ދަރިފުޅާ! އަޒްކާ ގެއަށް ފޮނުވާލަންޖެހޭނީ އޭނާ ހަމަޖެހުނީމަ ކާންދީފަ. އިހަށް އޭނަ މި ކޮޓަރީގަ ބާއްވާލާ. ދަރިފުޅު ހިނގާ މަންމައާއެކު ބަދިގެއަށް" ނުޝައިބާ ފަހަތުން ހިނގައިގަންނަމުން ނަތާޝާ ފަސްއެނބުރި އަޒްކާއަށް ބަލައިލިއެވެ. ހުއްޓާނުލާ އަޒްކާ ދިޔައީ ރޮމުންނެވެ. ކޮޓަރީ ދޮރުލެއްޕުމާއެކު އެނދުމައްޗަށް އަޒްކާ ވެއްޓިގަތެވެ. އޭނާގެ ރުއިމުގެ އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިޔައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އުފާވެރި މުސްތަގްބަލަކަށްޓަކައި އޭނާ ބިނާ ކުރަމުން އައި ލޯބީގެ ގަނޑުވަރު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބިމާއި ހަމަވީއެވެ. އޭނާއަށް އުފަލެއް ނެތީ ހެއްޔެވެ؟ އުމުރުން އަށާރަ އަހަރުގައި އޭނާ މަންމައަކަށް ވަނީ ހެއްޔެވެ؟ ފާއިތުވެ ދިޔަ މަދު ދުވަސްތަކުގައި އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުގެ އަސްލަކީ މިއީ ހެއްޔެވެ؟ އޭނާއަށް މާބަނޑު މީހުންނަށްވާ ކަހަލަ އެއްވެސް އުނދަގުލެއް ނުވީ ކީއްވެގެން ހެއްޔެވެ؟ އެހުރިހާ ޝަކުވާތަކެއް ވީ އަޒްކާގެ ހިތުގައެވެ. އޭނާ ރޮއެރޮއެ ނޭވާ ހުސްވަން އުޅޭހެން ހީވާން ފަށައިފިއެވެ. ބާލީސްމަތިން އޭނާ ބޯހިއްލާލީ ފޯނު ރިންގްވާން ފެށުމުންނެވެ.

ނާހިދުގެ ފޮޓޯއާއެކު އެ ނަން ފެނުމުން މާބޮޑަށް އޭނާ ހިތުގައި ޖެހުނެވެ. އޭނާ އެކޯލަށް ޖަވާބުދޭނީ ކިހިނެއް ހެއްޔެވެ؟ ނާހިދް ކަހަލަ ތެދުވެރިއެއް އޭނާ ކަހަލަ ފަސްބައިގާ ލަށްޖެހިފައިވާ މީހަކަށް ޙައްޤު ހެއްޔެވެ؟ ނޫނެކެވެ. ނާހިދަށް ޙައްޤުވަނީ ނާހިދް ކަހަލަ ސާފުޠާހިރު ހިތެކެވެ. ނާހިދްގެ އަގުވައްޓާލުމަށް އޭނާ ނާހިދްގެ ދުނިޔެއަށް ނުވަންނާނެއެވެ.

ނަތާޝާއަށް އެކޮޓަރިއަށް ވަދެވުނީ އޭނާ ރޮއެރޮއެ ހުސްވާން ގާތްވެފައި ވަނިކޮށެވެ. އަޒްކާއާއި ދިމާލަށް ނަތާޝާއަށް އާދެވުނީ ދުވެފައެވެ.

"ޕްލީޒް އަޒްކީ! ސްޓޮޕް ކްރައިންގް.... ދެން ވީކަމެއް ނުވާ ކަމަކަށް ނުވާނެއްނު" އަޒްކާގެ ގައިގައި ބައްދާލަމުން ނަތާޝާ ވާހަކަދެއްކިއެވެ. ވާހަކަދައްކަން ބޭނުންވިޔަސް އަޒްކާއަށް އެންމެ ބަހެއްވެސް ނުކިޔުނެވެ. އޭނާ ރޮމުން ގިސްލެވެމުން ދިޔައިރު އޭނާގެ ހިތާއި ސިކުނޑި ވަނީ އެތައް ޝަކުވާތަކަކާއި ކެކުޅުން ތަކަކުން ފުރި ބާރުވެފައެވެ. ދުވަހަކުވެސް އޭނާގެ ހަޔާތަށް ދެން މިފަދަ އަނިޔާވެރި ހިތާމަވެރި ދުވަހެއް ނުދައްކަވާނެއެވެ.

ކުލަ ބޮކިތަކުން ދިއްލެމުން ދިޔަ ޓެރަސްގެ އެއްފަރާތުގައި މަލުން ޖަރީކޮށްފައިވާ ދެމީހުންގެ ޖާގައިގެ އުނދޯލީގައި ފޯނަށް ބަލަހައްޓައިގެން އިން ނާހިދްގެ މޫނުމަތީގައި ވަނީ އުދާސްކަމެވެ. އޭނާގެ އެއްފަރާތުގައި އަޒްކާއަށް ދިން ހެދުމާއި ބޫޓް ބާއްވާފައި އޮތެވެ. އަޒްކާއަށް ވީނުވީއެއް ނޭނގުމުން އޭނާ އިނީ ހަދާނެ އެއްގޮތެއްވެސް ނޭނގިފައެވެ. ނަތާޝާއަށް ގުޅޭނެ ނަންބަރަކާއި އުޅޭ ތަނެއްވެސް އޭނާއަށް އިނގެނީއެއް ނޫނެވެ. އޭނާ އެންމެ ކަންތައް ބޮޑުވަނީ އޭނާގެ ފޯނަށް އަޒްކާ ޖަވާބުނުދޭތީއެވެ.

"އަޒްކީ......!! ވެއަރ އާރ ޔޫ.... ވައި.......؟ ވައި އާރ ޔޫ އިގްނޯރިންގ މީ؟... ޕްލީޒް... ޑޯންޓް ބްރޭކް މައި ހާރޓް.... ކަމް ބެކް ޓު މީ... އައި ލަވް ޔޫ ސޯ މަޗް އެންޑް ޔޫ ނޯ ދެޓް" ނާހިދްގެ އެއް ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ އޭނާ ދެއަތްތިލަ ތެރޭގައި އޮތް ފޯނުގެ ޑިސްޕްލޭގައެވެ. ފޫހިކަމެއްނެތި އޭނާ އިނީ އަޒްކާގެ ނަންބަރަށް ގުޅާލަ ގުޅާލައެވެ.

"މިރޭތަ އަޒްކީއަށް ފެނުނީ ތިހެން ހަދަން. ކީއްވެތަ އަޒްކީ......؟" އޭނާ އަޒްކާއަށް ލިޔެލާފައި މެސެޖެއް ފޮނުވާލިއެވެ. ހިތަށް އުނދަގޫތަކެއްވެ މޭގައި ރިހުމެއް އުފެދުމުން އޭނާ އިންތަނުން ތެދުވެ ހިނގައިގަތެވެ. ލައިގެން ހުރި ވައިލެޓް ކުލައިގެ ލޭސްފޮތީގެ ކުރުތާގެ މޭމަތިން އިން ދެގޮށް ނައްޓުވާލަމުން އޭނާ މަގުމައްޗަށް ކުރިމަތިވާގޮތަށް ހުއްޓިލީ ރެލިންގް ކައިރީގައެވެ. އޭނާގެ ދެލޮލުން ކަރުނަ ނުފޭބިއެއް ކަމަކު އޭނާގެ މޭތެރޭގައި އޮތް ހިތް ދިޔައީ ގިސްލާ ރޮމުންނެވެ.

********************

އެތައް ބައެއްގެ އުންމީދުތައް އާކޮށްދެމުން ހަމައެއާއެކު އެތައް ބައެއްގެ އުންމީދުތައް ފުނޑުފުނޑު ކުރަމުން އާދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. ވައިބާރެވެ. ހީވަނީ ދެންމެދެންމެ ވާރޭ އޮށްސާލާފާނެ ހެންނެވެ. އަޒްކާ ކުރަމުން ދިޔަ ހިތާމައާއި ދުނިޔެ ބައިވެރިވާ ކަހަލައެވެ. ކްލާހަށް ދާން ތައްޔާރުވެގެން ނަތާޝާ އެނދުގައި ދެލޯ މެރިފައި އޮތް އަޒްކާއަށް ގޮވާލަން އުޅުނެވެ. އޭނާ ފަސްޖެހުނީ އަޒްކާއަށް ނިދުނީ އިރުއެރިފަހުންކަން އެނގުމުންނެވެ. އެހެންކަމުން އޭނާ ކްލާހަށް ދިޔައީ އަޒްކާއަށް ނުގޮވައެވެ. ހެނދުނުގެ ސައި ހިފައިގެން ނުޝައިބާ އެކޮޓަރިއަށް އައީ ނުވައެއްޖަހަން ގާތްވެފައި ހުއްޓައެވެ. އޭރު އަޒްކާ އުޅުނީ ފާހާނާއިގައެވެ. ސައިޑް ކަބަޑްމަތީގައި ސައި ތަބަށް ބެހެއްޓުމަށްފަހު ނުޝައިބާ ކޮޓަރިން ނިކުތް ވަގުތު އަޒްކާ ފާހާނާއިން ނިކުތެވެ. އެންމެ ދުވަހަކުން އޭނާގެ ހަށިގަނޑު އެނގުން ވެލައިފިއެވެ. މޫނުމަތި ހީވަނީ ފެންދަމާލާފައި ހުރި ހެންނެވެ. ދެލޮލުގެ ތިރިން ކަޅު ކުލައިގެ ފަށަލައެއް ލެވިފައިވާއިރު ދެލޯ ވަނީ ބޮނޑިމައްޗާއެކު ދުޅަވެފައެވެ. ބޯކިރުކޮޅެއް ފަދަ ދެލޮލުގެ އެތެރެވަނީ ރަތް ފިޔައެއްހެންނެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. ބަނޑުހައި ވެފައިވާލެއް ބޮޑުކަމުން އޭނާ ބޭނުންވީ ކާއެއްޗެކެވެ. ނުޝައިބާ ބަހައްޓާފައި ހުރި ސައި ތަބަށް އޭނާއަށް ފެނުނީ އޭގެ އިރުކޮޅެއްފަހުންނެވެ. ކޮޓަރި ތެރޭގައި ސައިބޯން އޭނާއަށް ނުކެރުނެވެ. އެހެންކަމުން ހެދުން ބަދަލުކޮށްގެން އޭނާ ސައިތަބަށް ހިފައިގެން ތިރިއަށް ފޭބިއެވެ.

"އަނހަ.... ދައްތަ ހީކުރީ ތިރިއަށް ފައިބަން ބޭނުންނުވާނެ ކަމަށް" އަޒްކާ ފެނުމާއެކު ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ނުޝައިބާ ބުނެލިއެވެ.

"އެކަނި ސައިބޯހިތް ނުވީމަ"އަޒްކާ ދިނީ އެއްވެސް އަސަރެއްނެތް ހިނިތުންވުމެކެވެ.

"އާދޭ..." ނުޝައިބާ އަޒްކާގެ އަތުގައި ހިފައިގެން ގޮސް މޭޒު ކައިރީގައި ބޭންދިއެވެ. އޭރު ނަތާޝާގެ ބޮޑުދައިތަ ފަރީޝާ އަޒްކާ އިށިން ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައި އިން އަންހެނަކަށް ޖޫސް ތައްޓެއްދޭން އިނެވެ. އަޒްކާ އިށީނުމާއެކު އެ އަންހެންމީހާގެ ނަޒަރު އަޒްކާގެ މޫނަށް ހުއްޓާލިއެވެ.

"މިއީ ކޮންކުއްޖެއް" ފަރީޝާ ހިނިތުންވުމަކާއެކު އަހާލިއެވެ.

"ނަތާގެ ބެސްޓްފްރެންޑް. ކުޑަ ދުވަސްކޮޅަކު މިގޭ މަޑުކޮށްލަން އައީ" ޖަވާބުދިނީ ނުޝައިބާއެވެ.

"އެހެންތަ! އެކޮއި ހާދަ ބަލިކޮށް ތީނީ. ހުރިހާކަމެއް ރަނގަޅުތަ؟" އަޒްކާގެ މިލާފައިވާ މޫނަށް ބަލަން އިނދެ ފަރީޝާ އަހާލިއެވެ.

"ދޮންދައްތަ ކައިރީގައި ބުނީމެއްނު އަޒްކާ ބަނޑުބޮޑޭ. އެމަންޖެ ކައިވެނި ކުރި މީހާ އެމަންޖެ ވަރިކޮށްފަ ފިލައިގެން ދިޔައީ" ނުޝައިބާ އޮޅުންފިލުވައިދިނެވެ. ވަގުތުން އަޒްކާގެ ދެލޯ ފުރިގެން އައެވެ. ޙަޤީޤަތް ނޭނގި ތިބެ އެތަނުގައި ދައްކަމުން ދިޔަ ވާހަކައިން ތަދުވަމުން ދިޔައީ އަޒްކާގެ ހިތަށެވެ.

"ނުރޮއި... ނުރޮއި... އެއްގޮތަކަށްވެސް ނުރޮއި. ދޫކޮށްލާފައި ދިޔަ މީހަކަށްޓަކައި ތިގޮތަށް ބޭކާރު ކަރުނަތަކެއް އަޅާނެކަމެއްނެތް. ހެއްދެވިފަރާތް ވާނީ އަބަދުވެސް ކެތްތެރިންނާއި، އަނިޔާ ލިބިގެންވާ މީހުންނާއެކު" އަޒްކާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ލޯތްބާއެކު ފަރީޝާ ބުނެލިއެވެ. ކަރުނަތައް ހިންދާލުމަށްފަހު އަޒްކާ އެއްޗެއް ކެވޭތޯ މަސައްކަތް ކުރިއެވެ. ދުރުގައި ހުރި ނުޝައިބާ އިޝަރާތުން ފަރީޝާއަށް ދައްކާލީ އަމީޒާގެ ނަޒަރު އަޒްކާއަށް ހުއްޓިފައިވާ މަންޒަރެވެ. އަމީޒާ މަޑުމަޑުން އޭނާގެ ދެއަތް އުފުލާލުމަށް މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނުމުން ފަރީޝާއަށް ލިބިގެން ދިޔައީ އުފާވެރިކަމާއި ޚައިރާންކަން އެމޫނުމަތިން ފާޅުވާން ހުއްޓެވެ. ނުޝައިބާ ވެސް ހުރީ އެމަންޒަރު ބަލަން ގެއްލިފައެވެ. އަމީޒާ އޭނާގެ ކަނާއަތުން އަޒްކާގެ ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެދިނެވެ. އެބީހުމުން އަޒްކާއަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އޭނާ އަމީޒާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ. އަޒްކާ ހީލުމުން އަމީޒާ އަޅާވެސްނުލިއެވެ. ނަމަވެސް އަމީޒާގެ ދެލޮލުން އަޒްކާއަށް އަޖައިބެއް ކަހަލަ ކުލުނެއް ފެންނަމުން ދިޔައެވެ.

********************

އާދުވަހެއް ފެށިގެން ދިޔައިރުވެސް ނާހިދު އިނީ ޓެރަސްގަ ހުރި އުނދޯލީގައެވެ. އޭނާގެ މޫނުމަތީގައި ދިރުމެއްނެތެވެ. މޭޒުމަތީގައި ހުރި ކޭކް އެ ހުރި ގޮތަށް ހުއްޓެވެ. ލައިޓްތަކާއި ޑެކަރޭޝަނަށް ބޭނުންކޮށްފައިވާ ހުރިހާ އެއްޗެއް އެހުރި ގޮތަށް ހުއްޓެވެ. އުނދޯލީގެ އެއްފަރާތުގައި ބާއްވާފައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވަމުން ދިޔައެވެ. ވަޒީފާއަށް ހާޟިރުނުވާތީ އެކުވެރިން ގުޅަމުން ދިޔައެވެ. ނާހިދު އިނީ ރޯންވެސް ހޭންވެސް ނޭނގިފައެވެ. ބޮޑު ރޭގަނޑެއް ނިމިގެން ދިޔައިރު އޭނާއަށް އެއްވެސް ކަމެއް ހަނދާނެއްނެތެވެ. އަޒްކާއަށް އެބަދަލު އަންނަންވީ ސަބަބެއް އޭނާއަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އޭނާ އެންމެ ކަންބޮޑުވަނީ އިނާޝާއާއި މޯހަންދާސްގެ ކުރިމަތީގައި އޭނާގެ އަގުވެއްޓޭނެތީއެވެ. އެމީހުންނަށް އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އަޒްކާ ވީތަނެއް ހިޔާލަށްވެސް ގެންނަން އޭނާއަށް ނޭނގުނެވެ.

********************

ނަތާޝާ ކްލާސް ނިންމާފައި އައިރު އަޒްކާ ބޯ އޮމާންކުރަން ހުއްޓެވެ. ލޮލުގައި ކަރުނައިގެ އަސަރެއްނެތަސް އަދިވެސް އޭނާގެ އެތެރެހަށި ދަނީ ގިސްލާ ރޮމުންނެވެ. ނަތާޝާ އަޒްކާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލޯގަނޑުން ފެންނަން ހުރި އަޒްކާގެ މިލާފައިވާ މޫނު ފެނުމުން ރޮވިދާނެތީ ނަތާޝާ ތުންފަތުގައި ދަތް އަޅާލިއެވެ.

"އަޒްކާ....!" ރީތިވާން ހުރި އަޒްކާގެ ކުރިމައްޗަށް އަރަމުން ނަތާޝާ ގޮވާލިއެވެ. އަޒްކާ ބަލައިލިއެވެ. އެއްވެސް އަސަރެއްނުވާ ބެލުމެކެވެ.

"ގެއަށް ދަނީތަ...؟" ނަތާޝާ އަހާލިއެވެ. އަޒްކާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން...؟ ފޫހިވާތީ ބޭރަށް ނިކުމެލަނީ ދޯ މަޑުކުރޭ. ނަތާވެސް ދާނަން އަޒްކީއާ އެއްކޮށް. މިއަންނަނީ ޔުނީފޯމް ޗޭންޖްކޮށްގެން" އެނދުމަތީގައި އަތް ދަބަސް ބާއްވަމުން ނަތާޝާ ބުނެލިއެވެ.

"ނޫން... މިދަނީ މިގެއިން އެއްކޮށް ދާންވެގެން..." އަޒްކާ ބުނެލިއެވެ. ނަތާޝާގެ ނިތަށް ރޫއަރައިގެން ދިޔައީއެވެ.

"އެއީ ކީއްވެ...؟ މަންމަ ނޫނީ ބޮޑުދައިތަ އެއްޗެއް ބުނީތަ....؟" ނަތާޝާ ދެރަވެފައި އަހާލިއެވެ.

"ނޫން. މިގޭ އެންމެންވެސް ވަރަށް ރަނގަޅު. ހާއްސަކޮށް ނަތާ މަންމަ. އެކަމަކު ނަތާއަށްވެސް އިނގެއެއްނު. އެ ހިތްހެޔޮކަމަކީ ވަގުތީކަމެއްކަން..." އަޒްކާ ވާހަކަދެއްކިއެވެ.

"އެއީ ކީއްވެ ތިހެން ތިބުނީ...؟ ނަތާމަންމަ އަބަދުވެސް އަޒްކީއަށް ރަނގަޅުވާނެ. ނަތާ މަންމައަކީ ގޯސްމީހެއްނޫން" ނަތާޝާ ވާހަކަދެއްކިއެވެ.

"ނަތާ...! އެއްވެސް މީހަކަށް އޮޅުވާލުމަކީ އަހަރެން ކުރާނެކަމެއްނޫން. އަހަރެން މިގެއިން ދާނީ ނަތާ މަންމައަށް ހުރިހާ ޙަޤީޤަތެއް ކިޔާދީފަ.... އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނީ އޭރުން" އަޒްކާ ވާހަކަދެއްކިއެވެ.

"ނޫން....ނޫން... ޕްލީޒް އަޒްކީ... އަޒްކީ ކޮންމެތަނަކަށް ދިޔަސް ހެޔޮ. މިގޭގައި ނުހުއްޓަސް ހެޔޮ. އެކަމަކު މަންމައަށް ތި ޙަޤީޤަތް ނާންގާތި. ނަތާ ބޭނުން ނަތާގެ ހުރި ހަމައެކަނި އެކުވެރިޔާގެ އަގުހިފަހައްޓަން. ނަތާ ބޭނުމެއްނޫން މި އެކުވެރިކަން މިހިސާބުން ނިންމާލާކަށް. އަޒްކީ ކޮންމެތަނެއްގައި ހުއްޓަސް ނަތާ ބައްދަލުކުރެވޭނެއްނު" އަޒްކާގެ ދެކޮނޑުގައިހިފާ އޭނާއާއި ދިމާލަށް އަނބުރާލަމުން ނަތާޝާ ވާހަކަދެއްކިއެވެ.

"އެންމެރަނގަޅު. ހަމައެކަނި ނަތާއަށްޓަކައި" އިސްޖަހާލަމުން އަޒްކާ ބުނެލިއެވެ.

"ތެންކިޔު... އެކަމަކު ކޮންތާކަށް ތިދަނީ ގެއަށް ނުދަންޏާ..." ނަތާޝާ އަހާލިއެވެ.

"މިއީ އަހަރެން އެކަނި ކުރިކަމެއްނޫން. މިދަނީ ދަރިފުޅުގެ ބައްޕައަށް މިހަބަރުދޭން. އާދޭސްކޮށް ދެފައިގަވެސް ހިފާނަން. ބުނި ކޮންމެކަމެއް ކޮށްފަވެސް އަހަރެން މާހިލްއާއި އިންނަން ބޭނުން. އަނެއްދުވަހު ވަރިކޮށްލިޔަސް މައްސަލައެއްނެތް" ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަޒްކާ ވާހަކަދެއްކިއެވެ.

"ވަރަށް ދެރަވޭ.... ނަތާ އަބަދުވެސް ހުންނާނީ އަޒްކީއާއި އެއްކޮށް. ކޮންމެކަމެއް ބޭނުންވިޔަސް ޕްލީޒް ލެޓް މީ ނޯ އިނގޭ..." އަޒްކާގެ ދަތްދޮޅީ ދަށަށް އަތް ލައްވާލާ ކުޑަކޮށް އުފުލާލަމުން ނަތާޝާ ބުނެލިއެވެ. އަޒްކާ ނަތާޝާގެ ގައިގައި ބައްދާލިއެވެ. އެފަދަ އެކުވެރިއެއް ދެއްވިކަމަށްޓަކައި އޭނާ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.

"ދިޔުމުގެ ކުރިން ވަރަށް މުހިންމު އެއްވާހަކަ އަދި ބުނަންވެފަ އެބައޮތް... ޔަޤީން ނާހިދު ނަތާއާއި ކޮންމެގޮތެއް ހަދާފައިވެސް ބައްދަލުކުރާނެ. އޭނަ ބޭނުންވާނެ އަހަރެން ހުރި ތަނެއް ހޯދަން. ޕްލީޒް ނުބުނައްޗެ..." އަޒްކާ ވާހަކަދެއްކިއެވެ.

"އެކަމަކު ނަތާ ކީކޭ ބުނާނީ...؟ ނަތާއަކަށް ނުކެރޭނެ ކުއްލިއަކަށް ހުރެފައި ދޮގުހަދާކަށްވެސް..." ދެލޯބޮޑުކޮށްލަމުން ނަތާޝާ ބުނެލިއެވެ.

"ނަތާ އެއްވެސް ދޮގެއް ބުނާކަށް ނުޖެހޭނެ. ނަތާ ބުނާނީ އަޒްކީ އައޭ. ވަރަށް ދެރަވެފައޭ ހުރީ. ގެއަށޭ ކިޔާފައި ހިނގައްޖެޔޭ. ނަތާއަށް ނޭނގެޔޭ ދިޔަތަނެއް" އަޒްކާ ވާހަކަދެއްކިއެވެ. ނަތާޝާ ބޯޖަހާލިއެވެ.

********************

ޓެރަސްއަށް އަރައިގެން އައި އިމްރާނަށް އުނދޯލީގައި އަޒްކާއަށް ހަދިޔާއަށް ދިން ރަތް ހެދުން ހިފައިގެން އިން ނާހިދު ފެނި ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އޭނާ ވަށައިގެންވި މާހައުލަށް ބަލައިލިއެވެ. އެއްވެސް ކަމެއް ބަދަލުވެފައި ނެތެވެ. ބަޔަކު ކަމެއް ފާހަގަކޮށްފައެއްވެސް ނެތެވެ. ބަހައްޓާފައި ހުރި ކޭކުން ޒާތެއްގެ ވަހެއް ވެސް ދުވަން ފަށައިފިއެވެ. ޓެރަސްގެ އެއްފަރާތުން އަރައިގެން އައި އަވި ނާހިދުގެ ދެއަތާއި ހަމައަށް ފޯރައިފިއެވެ. އިމްރާން އައިސް ނާހިދުގެ ކައިރީގައި ހުއްޓުމުންވެސް ނާހިދަށް ނޭނގުނެވެ. ނާހިދު ކައިރީގައި އިށީންނަމުން ނާހިދުގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ނާހިދު އެއްވެސް ރިއެކްޓެއް ނުކުރިއެވެ.

"ކިހިނެއްވެފަތަ ތީނީ... ނާޑު....ވަޓް ހެޕެން....؟" ނާހިދުގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވައިގަންނަމުން އިމްރާން ވާހަކަދެއްކިއެވެ. ތެޅިގަނެފައި ނާހިދު އިމްރާންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު އިންތަނުން ފުންމައިގެން ތެދުވިއެވެ.

"ކިހިނެއްވީތަ...؟ ފޯނަށް ގުޅާ ގުޅާ ޖަވާބެއް ނުދިނީމަ ބިރުން ވީގޮތެއް ބަލާލަން މިއައީ... ޑިޔުޓީއަށްވެސް އައީކީނޫން. މުޅި ގޭތެރެވެސް ބަލައިފިން. ބޭރުމީހާ ކައިރީގައި އަހާލީމަ ބުނެފި ނާޑު ވީތަނެއް ނޭނގެޔޭ..." އެއްފައްޗަކަށް އިމްރާން އަމުނާލިއެވެ.

"އިމޫ....! އަހަރެންނަށް އަހަރެންގެ ފުރަތަމަ ލޯތްބެއް ކާމިޔާބެއްނުވި..." އިމްރާނަށް ފުރަގަސްދެމުން ނާހިދު ބުނެލިއެވެ.

"އެއީ..." އެމަންޖެ ނޯ އޭ ބުނީތަ....؟" އިމްރާން އަހާލިއެވެ.

"ނޫން.... އަޒްކީ ވީތަނެއްވެސް ނޭނގޭ. ކޮންމެވެސް ސަބަކާހުރެ އޭނަ ގެއިން ފިލައިފި. ފޯނަށްވެސް ނުގުޅޭ. ހޯދަންދާނެ ތަނެއްވެސް ނޭނގޭ... އޭނަގެ ހަބަރެއްވިތޯ ބަލާލަން ހުރީ އެންމެ މީހެއް. އެކަމަކު ގުޅޭނެ ނަންބަރެއް ނޭނގޭތީ އެކަންވެސް ވާކަށް ނެތް" އިމްރާން ވާހަކަދެއްކިއެވެ.

"ގެއިން ފިލީއޭ... ހައް.... ހައު ރޫޑް... އެއީ މީހުން ކަންތައްކުރާ ގޮތްތަ...؟ އޭނަ އެދިޔައީ ނާޑުއަށް ޖަވާބުދީފައެއްނު...." ދެ އުކުޅުގައި އަތް ވިއްދާލަމުން އިމްރާން ބުނެލިއެވެ. އެކުވެރިޔާ ކުރި ހުރިހާ މަސައްކަތަކާއި ކުރި އުންމީދުތައް ފެނަށްވެ ދިޔުމުން އިމްރާން ހުރީ އަޒްކާދެކެ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

"ނޫން... ކޮންމެސް ބޮޑުކަމެއްވެއްޖެ. އަހަރެންގެ ހިތް އަހަންނަކަށް ދޯކާއެއް ނުދޭނެ. އަޒްކީގެ ލޮލުގެ ތެރެއިން އަހަންނަށްޓަކައި ލޯބި އަހަރެން ދުށިން. އޭނަ އަހަންނަށް އިހުސާސްކޮށްދިން ލޯބި. އަޒްކީއަށް ކޮންމެސް ކަމެއް ދިމާވެއްޖެ. އެހެންނޫނީ އޭނަ އެގޮތަށް ކަންތަކެއް ނުކުރާނެ" ނާހިދު ޔަޤީންކަމާއެކު ވާހަކަދައްކަމުން ދިޔައެވެ.

"އެވަރުގެ ކޮންކަމެއް ދިމާވާނީ... އަދިވެސް އެއްވެސް އެއްޗެއް ނުވިސްނޭތަ...؟ އަޒްކާ ބޭނުންނުވީ... ދެން ތިކަމާއި އުޅޭކަށް މަށަކަށް ނުފެނޭ..." އިމްރާން ވާހަކަދެއްކިއެވެ.

"ނޭނގެ... މިއީ އަހަރެންގެ ހިތް ބުނާގޮތް. މިސާލަކަށް އަޒްކީ ބޭނުންނުވިޔަސް ރީތިކޮށް ބުނެވޭނެ ދޯ. ކޮބާތަ ގެއިން ފިލި ބޭނުމަކީ...؟؟ އަހަރެން ގަދަކަމުން އަޒްކީގެ ހިތް ފޭރިއެއް ނުގަންނާނެއްނު...." ނާހިދު ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ހިތް ދެފަހަރު ދެގޮތަށް ވާހަކަދައްކަމުން ދިޔައެވެ.

"ތި ހިޔާލުތަކާއި ވިސްނުންތައް ދޫކޮށްލާފައި ހިނގާ މިތަނުންދާން..." އިމްރާން ބުނެލިއެވެ.

"އަހަންނަކަށްނެތޭ މިކަމުން ސަލާމަތްވެވޭކަށް... އަހަރެން ކޮންޖަވާބެއް މަންމައާއި ބައްޕައަށް ދޭނީ...؟ މަންމަމެން ހާދަ ލޯތްބެއްވެޔޭ އަޒްކީދެކެ. މިކަން މަންމަމެންނަށް އިނގިއްޖިއްޔާ ވަގުތުން އަންނާނެ" ނާހިދު ވާހަކަދެއްކިއެވެ. އޭނާ ދެކޮޅަށް ހިނގަހިނގާ ހުރީ ސިކުނޑި ގޮވާވަރުންނެވެ.

"ތިހެން ވާހަކަދައްކާފަ ދެކޮޅަށް ކިތަންމެ ވަރަކަށް ހިނގިޔަސް އެއްވެސް ސޮލިޔުޝަނެއް ނުފެންނާނެ..." އިމްރާން ބުނެލިއެވެ.

"އިމޫ.... މަންމައާއި ބައްޕައަށް މިކަން އެނގުމުގެ ކުރިން ހިނގާ މަށާއެކު އަޒްކީ ހޯދަން އުޅެމާ.. ޕްލީޒް ޓްރައި ކުރެވިދާނެއްނު. އަހަރެންނަށް ހެޔޮ އަޒްކީ މަގޭ ލައިފަށް ނަޔަސް. މަންމަމެންނާއި އޮތް ގުޅުން ކޮންޓިނިޔު ކުރަން މަ ބޭނުމީ..." ނާހިދު ބުނެލިއެވެ. އިމްރާން ބޯޖަހާލުމުން އޭނާ އަވަހަށް ތިރިއަށް ދިޔައެވެ.

********************

ދުވަހުގެ އެންމެ ހޫނުގަދަ ވަގުތެވެ. އިރު އަރައިގެން އައިރު ވިއްސާރަ ވިލާތަކުން މުޅި ދުނިޔެ ބައްދާލާފައި ވިޔަސް މިހާރު އުޑުމަތީގައި އެންމެ ވިލާކޮޅެއްވެސް ފެންނާކަށް ނެތެވެ. މެންދުރު ނަމާދު ބަންގީގެ އަޑު އަޒްކާގެ ކަންފަތުގައި ޖެހުނީ އޭނާ ގޭ ދޮރުމަތީގައި ހުއްޓައެވެ. އެތެރެއަށް ވަންނަން ނުކެރިފަ ހުރީ ނާހިދުގެ ކުރިމައްޗަށް އަރަން ޖެހޭތީއެވެ. އެހާލަތުގައި އޭނާ ނާހިދާއި ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ. ގޭޓުގެ ދަގަނޑު ތޭރިތަކުގެ ތެރެއިން ގޯތި ތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. ނާހިދު ދުއްވާ ކާރު އޮތެވެ. އެހެންނަމަވެސް ސައިކަލެއްނެތެވެ. އެހެންކަމުން ގޭގައި ނާހިދު ނޫޅޭކަން އޭނާއަށް ޔަޤީންވިއެވެ. މީކާ ގެއިން ނިކުމެގެން ގޭޓާއި ދިމަލަށް އަންނަތަން ފެނުމުން އަޒްކާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ކޮއްކޯ... ކޮންތާކު ހުރެފަ އަންނަނީ... މިއަދު ނުފެންނަނީ..." މަގުމައްޗަށް ނިކުތްއިރު އެއްފަރާތުގައި ހުއްޓިގެން ހުރި އަޒްކާ ފެނުމުން މީކާ ވާހަކަދެއްކިއެވެ.

"މީކާ... އަހަރެން ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަން. އަހަރެންނަށް ކަމެއް ކޮށްދީބަލަ..." މީކާގެ އަތުގައި ހިފާލަމުން އަޒްކާ ބުނެލިއެވެ. އަޒްކާ ވާހަކަތަކެއް ދެއްކުމުން މީކާ އަލުން އެތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅެއްވީތަނާ އައީ ބްރީފްކޭހެއް ދަމަމުންނެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން އޭނާ އެއަށް އެރިއިރުވެސް މީކާ ހުރީ ވާނުވާ ނޭނގިފައެވެ.

ދާންވީ އެޑްރެސް ބުނުމުން ޑްރައިވަރ ޓެކްސީ ދުއްވާލުމާއެކު އަޒްކާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. އޭނާ ކުރަން އެއުޅޭ ކަމަކީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަށް އެނޫންގޮތެއް ނެތެވެ. ބޭނުންކުރާ ވަރަށް އެކައުންޓަށް ފައިސާ ޖަމާކޮށްދީފަ ހުރިކަން ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ހިތާހިތުން މޯހަންދާސްއަށް ޝުކުރުއަދާކުރިއެވެ. އަޅާލާނެ މީހަކުނެތި މަގުމައްޗަށް ގިނަވާން ތައްޔާރުވި ވަގުތު އެދެމަފިރިން ވަނީ ފައިސާއަށް ދަތިނުވާވަރު ކޮށްދީފައެވެ. އުފަން މައިންބަފައިންނަށް ވުރެވެސް ހެޔޮ އެދެމަފިރިންގެ މަތިން ހަނދާންވުމާއެކު އަޒްކާއަށް މާބޮޑަށް ރޮވިއްޖެއެވެ.

ގ.ޑޭޒީމާއަށް ޓެކްސީ ހުއްޓާލުމާއެކު ޑްރައިވަރއަށް ފައިސާ ހަވާލުކޮށްފައި އަޒްކާ ޓެކްސީއިން ފޭބިއެވެ. އިރުކޮޅަކު އެގެއާއި ދިމާލަށް ބަލަން ހުރުމަށްފަހު ފެހިކުލައިގެ ދޮރާށިން ހުޅުވާލުމަށް އަތްނެގި ވަގުތު ދޮރާށި ހުޅުވާލާފައި އަންހެން ކުއްޖެއް ނިކުތެވެ. އަޒްކާ ބީރައްޓެހި ބެލުމަކުން ބަލަން ހުއްޓަސް ފަޒާ އަޒްކާއަށް ހިނިތުންވުމެއްދިނެވެ.

"ކީތްކުރާ ކުއްޖެއް..." އެކުވެރިކަމާއެކު ފަޒާ އަހާލިއެވެ.

"އަ...އަޅު...މީ މާހިލް އެބައުޅުއްވާތޯ..." އަޒްކާ އުނދަގުލުން އަހާލިއެވެ. ފަޒާ ހިނިތުންވެލިއެވެ.

"އެބައުޅޭ... ތިއީ ކޮންކުއްޖެއް... ހިނގާ އެތެރެއަށް..." އަޒްކާގެ ފޮށީގައި ހިފާލަމުން ފަޒާ ބުނެލިއެވެ.

"ތިއީ.....؟؟؟" އަޒްކާ އަހާލިއެވެ.

"މިއީ ފަޒާ... މާހިލްގެ ވައިފް.... މާހިލް ނުބުނޭތަ...؟؟" ފަޒާ ވާހަކަދެއްކިއެވެ.

"ހަނދާންވެއްޖެ. މާހިލް ބުނި..." ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަޒްކާ ބުނެލިއެވެ. ފަޒާއާއި އެކުގައި އެތެރެއަށް ވަދެގެން ދިޔައިރު އަޒްކާގެ ހިތުގައިވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. މާހިލް ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އޭނާ ބިރުގަންނަން ފެށިއެވެ. ފަޒާއާއި މާހިލްގެ ރީތި ދިރިއުޅުމަށް ވަދެގަންނަންޖެހޭތީ އޭނާއަށް އުނދަގުވަމުން ދިޔައެވެ.

"އިށީނދޭ... މިއަންނަނީ މާހިލްއަށް ގޮވާލާފައި" ސޯފާގައި އިށީންނަން ބުނުމަށްފަހު ފަޒާ ސިޑިން އަރައިގެން ދިޔައެވެ. އަޒްކާ އިށީނުމަށްފަހު ހުރިހާ ދިމާ ބަލާލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. މީގެކުރިންވެސް އޭނާ ވަނީ މާހިލްއާއި އެކުގައި މިގެއަށް އައިސް އެތައް ވަގުތެއް ހޭދަކޮށްފައެވެ. ކުއްލިއަކަށް ކުރިމަތިން ބުރުހާނުއްދީން ފެނުމާއެކު އަޒްކާ ފުންމައިގެން ތެދުވިއެވެ. ހީވީ ބިރެއް ފެނުނުހެންނެވެ. ވާނީވެސް އެހެންތާއެވެ. މާހިލްގެ ބައްޕަ އޭނާއަށް އެފެނުނީ އަދި އަލަށެވެ. މާހިލް ސިޑިން ފައިބައިގެން އައީ ބުރުހާނުއްދީން އަޒްކާއަށް ބަލަހައްޓައިގެން ހުއްޓައެވެ.

"އަޒްކީ.....!!!" މާހިލް ގޮވާލިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އަޒްކާ މާހިލްއާއި ސަލާންކޮށްލިއެވެ. އެކުޑަ ވަގުތުކޮޅުގައި މާހިލް އަޒްކާއާއި މެދު ވިސްނާލިއެވެ. އޭނާ ބޭނުންވި ފަދައިން އޭނާގެ ލޯތްބަށް އެދި އަޒްކާ އައީތާއެވެ. އޭނާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

"ދަރިފުޅާ މިއީ ކޮންކުއްޖެއް..؟" ބުރުހާނުއްދީން އަހާލިއެވެ.

"މިއީ އަޒްކާ. ބައްޕައަށް އިނގެއެއްނު އާސިމް. އަޅުގަނޑުގެ އެކުވެރިއެއް. މިއީ އާސިމްގެ ވައިފް. އާސިމް ރަށުން ބޭރަށް ކަމެއްގަ ދާންޖެހޭތީ މިގޭގަ އަޒްކާ ބަހައްޓާފައި އެދިޔައީ. އަޅުގަނޑު ކައިރީގައި އާސިމް ބުނި. އަޒްކާ މިހާރު ބަނޑުބޮޑުވެފަ އިނީމަ ރަނގަޅަށް ބަލާދެއްޗޭ..." މާހިލް ފަރިތަކަމާއެކު ވާހަކަދެއްކިއެވެ. އޭނާ އަޒްކާ ބަނޑުބޮޑު ކަމަށް ބުނީ ކުރިއަށް ވުރެ ފަލަކަމަށް އަޒްކާ ދައްކާތީއެވެ.

"ތެދެއް ބައްޕާ... އަޅުގަނޑު ކައިރީގައިވެސް މާހިލް ބުނި" ފަޒާ ބުނެލިއެވެ. ތެދެކެވެ. އެކަހަލަ ވާހަކައެއް މާހިލް ފަޒާ ކައިރީގައި ބުންޏެވެ. ފަޒާއަށް ނޭނގުނީ މާހިލް ދެއްކީ އެހެން އެކުވެރިއެއްގެ ވާހަކަކަމެވެ.

"އެގޭގައި އިތުރު ބަޔަކު ނެތީތަ...؟ ބުރުހާނުއްދީން އެސުވާލުކުރާނެކަން މާކުރިންވެސް މާހިލްއަށް އިނގުނެވެ.

"އާސިމްގެ މަންމަވެސް ބައްޕަވެސް ނިޔާވެފައި ވަނީ. އޭނަ އެކަނި އުޅެނީ އަބަދުވެސް" މާހިލް ބުނެލިއެވެ.

"އެހެންތަ...؟ އެހެންވިއްޔާ ވިސްނާތި. މީހެއްގެ އަމާނާތެއް އެއީ... ރަނގަޅަށް ބަލާތި. އެއްވެސްކަމެއްގަ ފަރުވާކުޑަ ނުކުރާތި..." ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އޭނާ މައްޗަށް އަރައިގެން ދިޔުމުން ޝައިތާނީ ބެލުމަކުން މާހިލް އަޒްކާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލިއެވެ.

"ފަޒާ ދާންވީނުން އަޒްކާއަށް ކޮޓަރި ދައްކަން..." މާހިލް ބުނެލިއެވެ. އަޒްކާގެ ކައިރީގައި ހުރި ފޮށި ދަމަމުން ކުރިއަށް ހިނގައިގަތެވެ. ފަޒާގެ ފަހަތުން މަޑުމަޑުން ހިނގައިގަތް އަޒްކާ މާހިލްއަށް ބަލައިލިއެވެ. އެވަގުތު މާހިލް ނުލަފާ އިޝާރާތެއް ކުރިއެވެ. އަޒްކާ ރުޅިއަޔަސް ހިނިތުންވުމެއްދިނެވެ.

"އިރުކޮޅަކުން މެންދުރު ކާން ހަދާނަން. އަޒްކާ ރެސްޓްކޮށްލާ އިނގޭ... މިއަންނަނީ ފިހާރައަކަށް ގޮށްސަ. އެގަޑީގަވެސް ފިހާރައަށް އެއްޗެއް ގަންނަން ނިކުތް ގަޑީގައޭ އަޒްކާއާއި ދިމާވީ" ހިތްހެޔޮކަމާއެކު ފަޒާ ވާހަކަދެއްކިއެވެ. ފަޒާ ނިކުމެގެން ދިޔުމުން އަޒްކާ ދޮރުލައްޕާ ލޮކްކުރިއެވެ. މާހިލް ވައްދަން ބޭނުންނުވާތީއެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްގެން އޭނާގެ މަގްސަދް ހާސިލެއް ނުވާނެއެވެ. އޭނާ އަލުން ދޮރުހުޅުވާ ކައިރިކޮށްލިއެވެ. އެނދުގައި އިށިންއިރު އޭނާގެ ހިތުގައި ސުވާލެއް އުފެދިފައިވިއެވެ. މާހިލް އޭނާ ބަނޑުބޮޑޭ އެބުނީ ކީއްވެގެން ހެއްޔެވެ...؟ މާހިލަށް އެކަން އިނގުނީ ކިހިނެއް ހެއްޔެވެ...؟ ކައިރީގައި އޮތް ފޯނު އޭނާ ނެގިއެވެ. ނާހިދުގެ ނަބްރާއި ހުރިހާ އެއްޗެއް އޭނާ ބްލޮކް ކުރިއެވެ. އޭނާގެ ހަޑިމުޑުދާރު ދިރިއުޅުމުން ނާހިދު މިންޖުކުރެވުނީތީ އޭނާ ހުރީ އުފަލުންނެވެ. އޭނާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގާ ހުޅިއެއް ޖަހާލި ވަގުތު ކޮޓަރި ތެރެއިން ދޮރުލައްޕާ ލޮކްކޮށްލި އަޑު އިވުނެވެ. އޭނާ އެނބުރި ބަލާލިއެވެ. ނުލަފާ ޒާތަކަށް ހިނިއައިއްސަ ހުރި މާހިލް ފެނުމުން އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. މާހިލްގެ އަމަލުތައް ހުންނާނެގޮތް އޭނާއަށް އޮޅިފައެއްނެތެވެ. އޭނާއާއި ދިމާލަށް މާހިލް ފިޔަވަޅު އަޅަމުންދާ ވަރަކަށް އޭނާގެ ހިތުގެ ތެޅުން ދިޔައީ ގަދަވަމުންނެވެ. އެއް އަތުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓުވަން ފެށުމުން އޭނާ މާހިލް ހުއްޓުވަން ބޭނުންވިއެވެ. މާހިލްގެ ވިސްނުން އޭނާއަށް ބަދަލުކުރެވޭނީ މާހިލް އެދޭގޮތަށް ކަންތައްކޮށްދީގެން ލޯތްބާއެކު ކަމަށްވާތީ އޭނާ ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއިން ހިނިތުންވެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟