ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ ހުސްބުޅީގައި ނުވަތަ ހުސް އަތް ދިއްކޮށްލުމުން ގަންނަ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާމިގިލި ދާއިރާގެ ކެމްޕެއިން ލޯންޗްކުރުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގައި ތިއްބަވަންޖެހޭނީ ހުސްބުޅީގައި ގަންނަ މީހުން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވާ ކަމަށާއި ނަމަވެސް އެކަން އޮންނަންޖެހޭނީ އެގޮތަށް ނޫން ކަމަށެވެ.
'' އަޅުގަނޑުމެން ނުދަންނަވަން މިލިއަނަރުންނެއް ނޫނޭ، މިލިއަނަރުންނޭ، އެހެންވީމާ ގާނޫނު އަސާސީ ތައާރަޒުވެއޭ މަޖިލީހުގެ މެންބަރަކަށް ހުންނަން. ރައްޔިތުންގެ މަޖިލީހުގައި ހުންނަން އެންމެ ރަގަޅީ އަވަހަށް އަތްދިއްކޮށްލީމާ، ހަމަ ހުސް އަތާ ދިއްކޮށްލީމާ އަތަށް އަރާކަހަލަ ނޫނީ ހުސްބުޅިއެއް ލީމައި ގަންނަ ކަހަލަ މީހުން ބާވައޭ. ނޫން އެހެނެއް ނޫން އަޅުގަނޑަށް ޔަގީން. އެބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވާހެން ހީވަނީއެކަން. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އޮތީ އެހެނެއް ނޫން. އޮޅުވާލަން ނޫޅުއްވާ ކޮންމެހެން. ތިމާމެން އަމިއްލައަށް ކަންތައްތަކުގެ ތެރެއަށް ވަދެގަންނަން ބޭނުންވާއިރު ބޭނުންވާ ހުރިހާ އެއްޗެއް ބަނޑުދަށުލައިގެން ކަންތައްތައް ކުރާއިރު މިހުރިހާ ވާހަކައެއް މިދެކެވެނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.'' ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ މަޖިލީހުގެ 22 ގޮނޑި ދިނުމަށް ރައީސް ސޯލިހު ނިންމަވައިފައިވަނިކޮށް އެފުރުސަތު ނަގާލީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމު ސަލާމަތާއި ރައްކާތެރިކަން މަތީގައި ބާއްވަން ބޭނުންނަމަ ވިސްނުންތެރިކަމާއެކު މަޖިލިސް އިންތިހާބު ވޯޓްލައިގެން ނިންމަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކައްޗަށް ބިންގާ އެޅުމަށްފަހު އެބިންގަލުގައި، ކައްޗަށް ކުރިއަށްދާން ފެށި ކަމަށާއި ގާނޫނާ ހިލާފަށް ރާއްޖޭގައި ބުދުފައްޅި ހަދާނެކަމަށް ވިދާޅުވުމުން އެގޯޅި އެޅިޔަ ނުދީ ހިފަހައްޓާފައިވާނެ ކަމަށެވެ.
އަދި އޭގެ އިތުރުން މަޖިލީހުން ވަކި ގޮތަކަށް ފާސްކޮށްފައި ވަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުން އެކަމާ ދެކޮޅަށް ވެސް ނުކުންނެވި ކަމަށް ވިދާޅުވިއެވެ.