ޑރ. މުހައްމަދު ޖަމީލް އަހްމަދު

މިވަގުތަކީ މަގާމު ދިފާއުކުރުމަށްޓަކައި ހެޔޮކަމެއް ކޮށްދިން މީހާއަށް ފުރަގަސްދޭންވީ ވަގުތެއް ނޫން: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

މިވަގުތަކީ ބައެއްގެ މަގާމު ދިފާއު ކުރުމަށް ނުވަތަ ބަޔަކަށް ލިބިފައިވާ މަންފާއެއް ދިފާއު ކުރުމަށްްޓަކައި ތިމާއަށް ހެޔޮކަމެއް ކޮށްދިން މީހާއަށް ފުރަގަސްދޭންވީ ވަގުތު ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވީ މިވަގުތަކީ ގާސިމް އިބްރާހީމްގެ ރަހުމަތްތެރިންނާއި އެކުވެރިން ފެންނަންޖެހޭ ވަގުތު ކަމަށާއި މިވަގުތުގައި އެމީހެއްގެ ހުރި އިހުލާސްތެރިކަން ދައްކަން ޖެހޭ ކަމަށެވެ.

މިއަދު އެމީހެއްގެ ތެދުވެރިކަން ދައްކަން މުޅި ގައުމު އެދޭ ކަމަށާއި މިއަދު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިރާސްތާއިން އޮމާންކަމާއެކު ދަތުރުކުރަން ކޮންމެ ރައްޔިތަކުވެސް އެދޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ މިއަދު ގެނެސްފައިވާ ޑިމޮކްރެޓިކް ނިޒާމަކީ ކޯލިޝަނެއް މެދުވެރިވެގެން ގެނައި ނިޒާމެއް ކަމަށާއި މި ނިޒާމު ގެނައުމަށް ވީ ވައުދުތަކާއި އަހުދުތަކުގެ މަތިން ހަނދާން ނެތް ކަމަށެވެ. އަދި އެ ނިޒާމު އެއްވެސް ބަޔަކަށް ނުވަތަ ވަކި ފަރުދެއްގެ ފިކުރުގެ މައްޗަށް ގުރުބާކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ކޯލިޝަން މިއަދާ ހަމައަށް ދެމިގެން ދިޔައީ އެންމެން އެކުވެގެން ކަމަށާއި އެކުވެރިކަމާއެކީ ނޫނީ ކުރިއަށް އޮތް ޑިމޮކްރަސީއަށާއި ދައުލަތުގެ ހަމަތަކާއި އިންތައް ނުބެލެހެއްޓޭނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން އެންމެން ގުޅިގެން ގެނައި ކޯލިޝަނުން، އެންމެ ފަރުދަކަށްޓަކައި ކޯލިޝަނުން ވީ ގުރުބާނީތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލު ވިދާޅުވީ ގާސިމް އިބްރާހީމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި އަމިއްލަ އުފާތައް ގުރުބާންކުރެއްވި ބޭފުޅެއް ކަމަށާއި ގާސިމަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް އަޚެއް ކަމަށެވެ.

އެހެންކަމުން ދާއިރާގެ ކޮންމެ ރައްޔިތަކުވެސް ގާސިމަށް ވޯޓް ދިނުމަށް ޖަމީލު އިލްތިމާސް ކުރެއްވިއެވެ.