ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ހުވަފެންތައް ބިލާހަކަށް ހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓާނެ ކަމަށާއި އެމަސައްކަތް ކުރައްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހި ގައުމަށް އިޚުލާސްތެރިކަމާއެކު ހިދުމަތްކޮށްދީފައި ވަނީ ކާކުކަން ރައްޔިތުންނަށް އޮޅިފައި ނުވާނެ ކަމަށާއި އަދި އަނިޔާ ލިބެމުންދާ މީހަކު ހުރިނަމަ އެމީހަކު ސަލާމަތްކުރުމަށް ވާހަކަދައްކާފައިވަނީ ކާކުކަން ވެސް އެނގޭނެ ކަމަށެވެ.
''އަޅުގަނޑުމެން ރައީސް ނަޝީދަށް އެފެނިވަޑައިގަންނަވާ ހުވަފެންތައް އެއީ ބިލާހަކަށް ހަދާނަން ﷲ އިރާދަކުރެއްވިއްޔާ. އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް އެދިވަޑައިގަންނަވާ ގޮތަކަށް ހާސިލެއް ނުކުރެވޭނެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ. ތާ އަބަދާއަބަދު އަޅުގަނޑަށް ސޭޓު ކިޔާ މަހުޖަނު ކިޔާ އޭތިމީތި ކިޔާ ބިލް ބޯޑު ހިފައިގެން ނުކުތީމަ އަޅުގަނޑު ހަމަ އިންޗިއެއްވެސް ފަހަތަށް ޖެހޭނެތޯއޭ އަޅުގަނޑު މިދަންނަވަނީ. ބަލަ މީހުން ކަންތައްތައް ކޮށް އުޅެނީ ކޮންމެވެސް ކަމެއްކޮށް އުޅުމުގައޭ. ސޯޝަލް މީޑިއާގައި ހައެއްކަ މީހުންނަށް ރެއާއި ދުވާލު ކޮންމެވެސް ބޭރު ގައުމަކުން ލާރިކޮޅެއް ހޯދައިގެން އައިސް މީހުންނަށް ލާރިދީގެން ތަޅާތަޅާ ކަނާތުން ވާތަށް ވާތުން ކަނާތަަށް ތަޅާބުރުވަމުން ގެންދާއިރުވެސް ވާކަމެއް ހަމަ ހަރާމޭ އިނގޭތޯ.'' ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިގުތިސޯދީ ވިޔަފާރިވެރިންނަކީ ގައުމުގެ ކުރިއެރުން ކަމަށާއި އެހަގީގަތް ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް އަނިޔާ ލިބެމުންދާ މީހުންގެ ހަމަލާތައް އަމާޒުވަމުންދަނީ އެމަނިކުފާނާ ދިމާއަށް ކަމަށެވެ. އަދި ނަޝީދަށް 2008 ގައި ވެރިކަމާ ހަމައަށް ވަޑައިގަނެވުނީވެސް އެމަނިކުފާނުގެ މަސައްކަތުންކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ހަނދާން ނެތިގެން މިއަދު ''ސޭޓު'' އޭ ވިދާޅުވެ ނަޝީދު ވާހަކަފުޅުދައްކަވާއިރު އެދުވަހުވެސް އެއީ ''ސޭޓު''ކަން އެނގިވަޑައި ނުގެންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި މިފަހަރުގެ އިންތިހާބުގައި ގައުމު ސަލާމަތްކުރަން އެދޭނަމަ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައިގެން ތިބެ ވޯޓް ދިނުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން ހޭލާ ތިބުމަށްވެސް ގާސިމް އިލްތިމާސްކުރެއްވިއެވެ.