ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ 22 ގޮނޑި ދޭން ބޭނުންފުޅުވިކަން އެނގޭ ކަމަށާއި އެ ފުރުސަތު ނަގާލީ ކާކުކަން އެނގޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ، ގާސިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވިކަން އަޅުގަނޑުމެންނަށް ބޭނުންވާ 22 ގޮނޑި ދޭން. އެކަމަކު އެމަނިކުފާނު އަތުން އެ ފުރުސަތު ނަގާލީ ކާކުކަން އަޅުގަނޑުމެންނަށް ވިސްނޭ. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު މި ސަރުކާރު ދަމަހައްޓަން. ގާނޫނު އަސާސީގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދަމަހައްޓަން، ނަގަހައްޓަން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިހާބަށް ނުކުންނަން ޖެހުނީ އެއްބަސްވުމާ ހިލާފަށް ބޭރަށް ނެރެ އެއްލައިލީމަ ކަމަށާއި އޭރު ވެސް އެގޮތަށް ނިކަމެތިކޮށް ނުލުމަށް އެދިފައިވާނެ ކަމަށެވެ.
"އޭރުވެސް އަޅުގަނޑު ބުނިން ތިހެން ނުހައްދަވާށޭ، ތިހެއްދެވުމަކީ ވަރަށް ނިކަމެތި ކަމެކޭ، އެހެންނޭ މިހެންނޭ ދާނީ. އެ ނިކަމެތިކަމާއެކު އެއްލައިލާފައި ބުނީ ތިމަންނަމެން 87 ދާއިރާއަށް ކުރިމަތިލާނަމޭ. 87 ދާއިރާއަށް ކުރިމަތިލާން ނިންމީމައި، އަޅުގަނޑުމެން ސަލާން ޖަހަން ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނުކުމެގެން ދާއިރު، ހަތަރު ވަނައަށް ވައްޓަލިޔަސް އަޅުގަނޑުމެންނެއް އެއްލައެއް ނުލެވޭނެ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީއަށް ދޫކުރަން ތިބި ކޮންމެ ބަޔަކާއެކު ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށާއި ޕީޕީއެމްއަށް 32 ދާއިރާ ދޫކޮށްލި ގޮތަށް ޖޭޕީން ވެސް ޕީޕީއެމްއަށް 32 ދާއިރާ ދޫކޮށްލާފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން އެގޮތަށް އެންމެ ގޮނޑިއެއް ދޫކޮށްލަން ބޭނުންނުވި ކަމަށް ވެސް ގާސިމް ފާހަގަކުރެއްވިއެވެ.
"އެމްޑީޕީން ބޭނުމެއް ނުވި އެހެނެއް ވެސް، އެންމެ ދާއިރާއެއް ވެސް އަޅުގަނޑުމެންނަށް ދޫކޮށްލާކަށް ބޭނުމެއް ނުވި. އެހެންނޫންތޯ ވާނީ، އަމިއްލަ އެދުން ބޮޑީ ކާކުގެ ކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވެއްޖެ. އިއްޔެ ވެސް ސާބިތުވީ، އިހަށްދުވަހު ވެސް ސާބިތުވީ،" އޭނާ ވިދާޅުވިއެވެ.