މުނިފޫހިފިލުވުން

އަމީތާބް ބައްޗަންގެ އާ ޕްރޮޖެކްޓް އިއުލާން ކޮށްފި

އަމީތާބް ބައްޗަންގެ އާ ޕްރޮޖެކްޓް އިއުލާންކޮށްފިއެވެ. އަމީތާބް އަލަށް އިއުލާންކުރި ޕްރޮޖެކްޓު 'ސެކްޝަން 84' ގެ ވާހަކަ އޭނާ އިއުލާންކޮށްފައިވަނީ ޓުވީޓެއްގައެވެ.

އިއްޔެގެ ވަގުތެއްގައި އަމީތާބް ކުރި ޓުވީޓުގައި ބުނެފައިވަނީ ރިބޫ ދާސްގުޕްތާ ފަދަ ބަޔަކު ހިމެނޭ ޓީމެއްގައި އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ ލިބޭ ބޮޑު އުފަލެއް ކަމުގައެވެ. އެ ފިލްމުގައި މަސައްކަތް ކުރާ ފަރާތްތަކަކީ މަސައްކަތުގެ ދާއިރާގައި ގާބިލު ބައެއް ކަމަށާއި މި މަސައްކަތް އަވަހަށް ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އަމީތާބް ބުނެފައިވެއެވެ.

ފިލްމުގެ ލީޑުން އަމީތާބް ފެނިގެންދާ މި ފިލްމަކީ ކޯޓެއްގެ ތެރޭގައި ދިމާވާ އެކި ކަހަލަ ކަންތައްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ރިބޫ ދާސްގުޕްތާ ލިޔެ އަދި ޑައިރެކްޓު ކުރާ މި ފިލްމަކީ އަމީތާބް އާއި ރިބޫ އެއްކޮށް މަސައްކަތް ކުރާ 3 ވަނަ ފިލްމެވެ. އެ ދެ މީހުން އެއްކޮށް އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި "ޓީން' ކިޔާ ޓީވީ ސީރީޒް އެއްގައެވެ. އޭގެ ކުރިން 2014 ވަނަ އަހަރު އަމީތާބް އާއި ރިބޫ ވަނީ ޓީވީ ސީރީޒް "ޔޫދް"ގައި ވެސް އެއްކޮށް މަސައްކަތްކޮށްފައެވެ.

އަމީތާބްގެ މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިބޫ ބުނެފައިވަނީ އަމީތާބާ އެއްކޮށް 3 ވަނަ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ލިބުމަކީ ބޮޑު އުފަލަކާއި ފަހުރެއް ކަމުގައެވެ. މި ފިލްމާ މެދު ފޮނި އުއްމީދުތަކެއް ކުރާ ކަމަށާއި އަމީތާބް ފިލްމުގެ ލީޑު ކުޅެން އެއްބަސްވުމުން ފިލްމާ މެދު ކުރެވޭ އުއްމީދުތައް އިތުރު ކަމަށްވެސް ރިބޫ ވަނީ ބުނެފައެވެ.

ފިލްމް "ސެކްޝަން 84" ރިލީޒް ކުރެވޭނެ ކަމަށް ލަފާކޮށް އާންމުކޮށްފައިވާ ތާރީހަކީ 12 ޖެނުއަރީ 2024 އެވެ.

މި ފިލްމުގެ އިތުރުން އަމީތާބް މިހާރުވެސް އަންނަނީ އެހެން ޕްރޮޖެކްޓު ތަކެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓައިގަރ ޝްރޮފް އާއި ކްރިތީ ސެނޯން އާއި އެއްކޮށް ފެނިގެންދާ 'ގަނާޕަތު ޕާޓް 1' ގެ އިތުރުން ދީޕިކާއާއި ޕްރަބާސް އާއި އެއްކޮށް ފެނިގެންދާ 'ޕްރޮޖެކްޓް ކޭ' ހިމެނެއެވެ.