ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މާމިގިލީ ދާއިރާގެ ކެމްޕޭނު ހަރަކާތްތަކުގައި ރަށްރަށަށް ވަޑައިގަންނަވާއިރު ކަމާބެހޭ ފާރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމަކީ މަޖިލީހު ރައީސްކަން ހަނދާން ނެތުނީ ކީއްވެތޯއާއި، ގައުމުގެ އަމަން ބަލަހައްޓަމުންދާ ފަރާތްތަކުގެ އެހީތެރިކަން ލިބިވަޑައިނުގަތީ ކީއްވެތޯ ގާސިމް ސުވާލު އުފައްދަވައިފިއެވެ.
ގާސިމް މިފަދައިން ވާހަކަފުޅުދެއްކެވީ މަޖިލީހުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް މިރޭ މާމިގިލީގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާ ދެކޮޅު ބަޔަކު ޖަލްސާ ބޭއްވި ސަރަހައްދުގައި އަޑުގަދަކުރަމުންދާތީ އެކަން ކުށްވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ދައުލަތުގެ ދެވަނަ ބާރު ކަމަށާއި ރައީސުލްޖުމްހުރިއްޔާ ނެތް ހާލަތެއްގައި އެމަގާމަށް ވަޑައިގަތުމަށް ގާނޫނު ތަންދޭ ފަދަ ބާރުގަދަ މަގާމެއްގައި ހުންނެވި އިރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަމަން ބަލަހައްޓާ ފަރާތްތަކުގެ އެހީތެރިކަން ނުލިބޭކަމީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
އަދި ދަނގެތީގައި ބޭއްވި ޖަލްސާއަށް ވެސް ހުރަސްއެޅުމަށް ބަޔަކު މަސައްކަތްކުރިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މިރޭ މާމިގިލީގައި ޖަލްސާ ކުރިއަށްދާއިރު އެސަރަހައްދުގައި ފުލުހުންވެސް އެބަތިބި ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށެވެ.
''އަޅުގަނޑު ހިތަށް އަރަނީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަންނަވާއިރު ދައުލަތުގެ ތިން ހަތަރު މިނިސްޓަރުންނާ އެކީގައި ވަޑައިގެން ވާހަކަފުޅުދައްކަވަމުން ދާއިރު، އެހެން ބަޔަކު ސިޔާސީ މަސައްކަތްކުރަން ޕޯޑިއަމެއްގައި އެތާގަ ތިބިއިރު އަމަން ބަލަހައްޓާ މީހުން ފުރުސަތު ދެއްވާނެބާއޭ. އަޅުގަނޑަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހަނދުމަފުޅު ނެތުނީކީއްވެގެންބާވައޭ. ދައުލަތުގެ ތިން މިނިސްޓަރުން ތިއްބެވިކަން އެބޭފުޅުންނަށް އޮޅިވަޑައިގަތީ ކީއްވެގެންބާވައޭ. މީހަމަ ރާއްޖޭގެ މިނިވަންކަން އޮތްވަރުތޯއޭ. އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑަށް ސޮރީއޭ. މީ އަޅުގަނޑުމެން ގަބޫލުކުރާ މިނިވަންކަމެއް ނޫނޭ. ނަމަވެސް އެކަން ކުރުވި ބަޔަކުކުރުވި. އަދި މިހާރުވެސް މިތާގަ އެބަތިއްބެވި ފުލުހުންގެ އެތައްބަޔަކު މެދު ކެނޑުމެއްނެތި އެކަމެއް ހިނގަމުންދާއިރުވެސް ނުހުއްޓުވުނު. މީތޯއޭ އަހުލާގަކީ، ނޫން އެއީ ބަދުއަހުލާގު. އެކުރަނީ ޖެއްސުން. ނިކަމެތިކަން ދިނުން.'' ގާސިމް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާ ކުރިއަށް ދިޔައިރު ބޭރުގައި ބަޔަކު އަޑުގަދަކުރުމުން ގާސިމް ވަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑު ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އުޅެބޮޑުވި ފަސްގަނޑުގައި ކަމަށާއި ކޮންމެ މީހަކުވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމުގެ ވިސްނުން ގެންގުޅެންޖެހޭ ކަމަށެވެ.