ގާސިމް އިބްރާހިމް

މިނިވަންކަން ނަގާލަން އެވޭލާ ޒަމާނުއްސުރެ ބަޔަކު މަސައްކަތްކުރާކަން ހަނދާން ނައްތާލައިގެން ނުވާނެ: ގާސިމް

ގައުމުގެ މިނިވަންކަން ނަގާލަން އެވޭލާ ޒަމާނުއްސުރެ ބަޔަކު މަސައްކަތްކުރާކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އޭރުއްސުރެ ފެށިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށްޓަކައި މެދުކެނޑުމެއްނެތި، ކެނޑިނޭޅި ބަޔަކު މަސައްކަތްކުރާކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު ވިސްނަންޖެހޭ އެ ޒަމާނުއްސުރެ، އެވޭލާ އިރުއްސުރެ ފެށިގެން އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށްޓަކައި ބަޔަކު މަސައްކަތްކުރަމުންދާކަން. މިއަދުގެ ޒުވާނުންނަކީ މާދަމާ މިގައުމު ހިންގަން ތިބޭ ބޭފުޅުން. އެބޭފުޅުންނަށް އެނގެން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައިވާ ހުދޫދުތަކުގެ ތެރެއިން ކަންތައްތައް ކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށާއި މީގެ ކުރިން ހިނގައިދިޔަ ކަންތައްތައް އިބުރަތެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން އެގޮތުގެ މަތިން ނުދާ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެ ސަބަބަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖޭގެ ތާރީހުގައި މާޒިވެދިޔަ ތަނުގައި އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ ދިވެހިރާއްޖެއަށް ޗިޗޯރީން ކަމަށްވިޔަސް، އަނދިރި އަނދިރިންގެ ފަރާތުން އައި މީހުން ކަމުގައިވިޔަސް އަދި ދޮންބަންޑާރައިންގެ ވެރިކަމުގައި އައި މީހުން ކަމުގައިވިޔަސް އަދި އެހެން ބަޔަކު ކަމުގައިވިޔަސް، ކޮންތާކުން ކޮންގައުމަކުން ކިހިނެއް އަންނަ ބައެއްތޯ އެއީ،" ގާސިމް ވިދާޅުވިއެވެ.