ގާސިމް އިބްރާހިމް

ކުރީގެ މިތުރުން މިހާރު ހަތުރުންނަށް ވެދާނެ، އަދި ކުރީގެ ހަތުރުން މިހާރު މިތުރުންނަށް ވެދާނެ: ގާސިމް

ކުރީގެ މިތުރުން މިހާރު ހަތުރުންނަށް ވެދާނެ ކަމަށާއި އަދި ކުރީގެ ހަތުރުން މިހާރު މިތުރުންނަށް ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ތެރެއިން އިއްޔެ، އިހަށްދުވަހު އަޅުގަނޑުމެންގެ މިތުރުންގެ ގޮތުގައި ތިބި މީހުން މިއަދު ހަތުރުންނަށް ވެސް ވެފައި އޮވެދާނެ. އަދި ހަތުރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު މިތުރުންނަށް ވެސް ވެފައި އޮވެދާނެ. އެއީ އިލާހީ ގާނޫނު،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް މީހަކާ މެދުގައި ބަދަލު ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މިއަދު ކިތަންމެ ވަރަކަށް އެއްޗެހި ގޮވި ނަމަވެސް އަނެއް ދުވަހު އެކަމެއް ހިތަކު ނުހުންނާނެ ކަމަށެވެ.

"އެއްވެސް އިންސާނަކަށް އަނިޔާއެއް ލިބެމުންދާ ކަމަށްވަންޏާ އެކަމުގެ އަސަރާއި ޖަޒުބާތަކީ ހިތުގައި އަޅާ ވަރަށް ބޮޑު ވޭނެއް. އެހެންވީމާ އަޅުގަނޑާ ދިމާއަށް މީހަކު ކިތަންމެ ވަރަކަށް އެއްޗެހި ކިއެއް ކަމަކު، އަނެއްދުވަހު އަނެއް ފަރާތަށް އެނބުރި ލާއިރު، އަޅުގަނޑުމެންގެ ހިތަކު ނުހުންނާނެ އެކަމެއް. މިހާރު ވެސް އެކަހަލަ މަންޒަރު އެބަފެނޭ،" އޭނާ ވިދާޅުވިއެވެ.