ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަދި ބ. މާޅޮހުގެ ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީީ)އާ މިއަދު ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުތައް އެމްޓީސީސީ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނީޔާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.
އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 93.14 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އަދި މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ 69.47 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 450 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 7،512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 36،527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭހެން 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 5.1 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1،475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހާލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.