ތަފާތު ކުށްތަކުގައި މީހުން ޖަލުގައި ބައިތިއްބަނީ އަދަބު ދިނުމަށް ނޫންކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު މާފުށީ ޖަލުގައި ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގައި މީހުން ބައިތިއްބަނީ އަދަބު ދޭންކަމަށް ހީވި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި ޖަލަށް ގެންދެވޭ ކޮންމެ މީހަކީވެސް ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އަނބުރާ މުޖުތަމައަށް ގެންނަންޖެހޭ މީހެއް ކަމަށެވެ.
އަދި ޖަލަށް މީހުން ގެންދަނީ އެމީހުންނަށް ކުރެވޭ ކުށެއްގެ ނަތީޖާއެއްގެ ގޮތުން އަނބުރާ މުޖުތަމައަށް ނުކުތުމަށް ރަނގަޅު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އަދި މުޅި ސިސްްޓަމު ބިނާކޮށްފައިވަނީ ކުށަށް އަދަބު ދިނުމުގެ ބަދަލުގައި އިސްލާހު ކުރަން މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށާއި އަދި އެކަން ކުރުމަށް އޮތް އެންމެ މުހިންމު ކަމަކަށް ވާނީ އިލްމު އުނގަންނައިދިނުން ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަށް އިލްމާއި ހުނަރު ލިބިގެންދާނީ އެކަމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
އަދި މިއަދު ފެށިގެން މިދިޔައީ ގައިދީންނަށް ދުރުގައި ތިބެގެން ތައުލީމާއި ހުނަރު ދަސްކޮށްދިނުމުގެ މުހިންމު ފެށުމެއް ކަމަށާއި ފުރުސަތު ހެޔޮ ގޮތުގައި ބޭނުންކޮށް، އަނބުރާ މުޖުތަމައަށް ނުކުތުމަށް ގައިދީންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ގާއިމްކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު މިއަދު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.