ފޯ ނޭޝަންސް ވޮލީ މުބާރާތް

ހައިރާންކުރުވަނިވި ނަތީޖާއަކާއެކު އަފްގާން ބަލިކޮށް، ސިންގަޕޫރު ފައިނަލަށް

ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އަފްގާނިސްތާނު ބަލިކޮށް، ސިންގަޕޫރުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ގިނަ ބަޔަކަށް ބެލެވިފައި އޮތީ އަފްގާނިސްތާނު ފަސޭހަކަމާއެކު މޮޅުވާނެ ކަމަށެވެ. އެއީ އަފްގާނިސްތާނުން ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 100 ޕަސެންޓް ރެކޯޑަކާއެކު އޮތުމުންނެވެ.

އަނެއްކޮޅުން މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލާ ހަމައަށް ސިންގަޕޫރު ދިޔައީ ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ލީގު ބުރުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި އޮތް އަފްގާނިސްތާން އަތުން ސިންގަޕޫރު މޮޅުވި މެޗުގެ ސެޓުތައް މިއަދު ގެންދިޔައީ 25-18، 25-22 އަދި 25-22 އިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ފެށިގެންވެސް ސިންގަޕޫރުން ލީޑު ކުރަމުން ދިޔަ އިރު، އެޓީމުން ސެޓުގެ ފަހުކޮޅަށް ގޮސް، ކުޅުން އިތުރަށް ރަނގަޅުވެސް ކުރިއެވެ. ރަނގަޅު އެޓޭކްތަކަކާއެކު ސިންގަޕޫރުން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-18 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ސެޓު ފަށައިގެން އަފްގާނިސްތާނުން ކުޅުން ރަނގަޅުކުރި ނަމަވެސް ސެޓު މެދުތެރެއިން ސިންގަޕޫރުން ވަނީ ފަހަތުން އަރައި، ލީޑު ނަގައިފައެވެ. ދެވަނަ ސެޓު ސިންގަޕޫރުން ގެންދިޔައީ 25-22 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެން ވެސް ފެނުނީ ހަމަ ސިންގަޕޫރުގެ ތަފާތެވެ. އަފްގާނިސްތާނުގެ އެޓޭކަރުން ވަރަށް ރަނގަޅަށް ރީޑްކޮށް ސިންގަޕޫރުން މޮޅެތި ބްލޮކްކުރިއެވެ. އަފްގާނުން ހިތްވަރުކޮށް، ސެޓުގެ ފަހުކޮޅުގައި ސްކޯ ހަމަހަމަ ކުރަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ތިންވަނަ ސެޓުވެސް ގެންދިޔައީ ސިންގަޕޫރެވެ.

މުބާރާތުގެ ފައިނަލުގައި ސިންގަޕޫރު ވާދަކުރާނީ މިރޭ ރާއްޖެ އާއި މެލޭޝިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ 8:30 ގައެވެ.