މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ގަމުން ހޯދި އިރު، ތ. އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫން ހޯދައިފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިރޭ ގިނަ އަތޮޅުތަކެއްގެ ޗެމްޕިއަންކަން ޔަގީން ވެގެންދާނެއެވެ. މިއަދު ހަވީރު ކުޅުނު ފައިނަލްތައްވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިރޭ މިހާތަނަށް ކުޅުނު ފައިނަލްތައްވެސް ފެންނަމުންދަނީ ފޯރިގަދަ ކޮށެވެ.
ހާއްސަކޮށް ތ. އަތޮޅުގެ ފައިނަލް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. އެ އަތޮޅުގެ ފައިނަލްގައި އެންމެފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖް ދެފަހަރު ނެގި ތިމަރަފުށި ބަލިވެފައި ވަނީ ކިނބިދޫ އަތުންނެވެ. އެއީ މިހާތަނަށް މުބާރަތުގައި ފެނުނު އެންމެ ހައިރާންކަން ގެނުވި ނަތީޖާވެސް މެއެވެ.
ތިމަރަފުއްޓަކީ ފުޓްސަލްގައި ރާއްޖޭގެ އެންމެ ވަރުގަދަ ނަމެވެ. މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށިވެސް ތިމަރަފުށިން ތިންފަހަރު ނަގާފައިވާ އިރު، މިރޭގެ ފައިނަލުން އެޓީމުން ބަލިކޮށް ކިނބިދޫން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. ތިމަރަފުށި މިރޭ ބަލިވި ނަމަވެސް، އެ އަތޮޅުން ދެޓީމު ޒޯން ބުރަށްދާ ގޮތަށް އޮތުމުން، އެޓީމުވެސް ޒޯން ބުރުގައި ފެންނާނެއެވެ.
މިރޭގެ މެޗުގައި ތިމަރަފުށި ކައިރިން ކިނބިދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަވެސް ލީޑު ނެގީ ކިނބިދޫންނެވެ. އަލީ ފަލާހް ޖެހި ގޯލާއެކު ލީޑު ނަގައިގެން ކުޅެމުންދިޔަ ކިނބިދޫން ރަނގަޅަށް ޑިފެންސްކޮށް މެޗުގައި ކުޅުނުކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް ގޯލްކީޕަރު މުހައްމަދު އަނަސްގެ ގިނަ ސޭވްތަކެއް މެޗުގައި ފެނިގެން ދިޔައެވެ.
މެޗުގައި ތިމަރަފުށިން އެއްވަރު ކުރި ގޯލު، އަލީ ޝިފާއު (ރޮނާ) ޖެހި ނަމަވެސް ދެވަނަ ހާފުގައި މުހައްމަދު ޝާފިއު އާއި އަހުމަދު ހަމްދާން ހުސައިން ޖެހި ގޯލުތަކުން ކިނބިދޫ މެޗު ކާމިޔާބު ކުރިއެވެ. ފަހުން ޖެހި ދެ ގޯލުގައިވެސް މުހައްމަދު ސަހާއު (ބޭލް) ގެ ދައުރު ބޮޑެވެ.
ތ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ އިބްރާހީމް ހަމްދާން (މެސީ) އެވެ.
ލ. އަތޮޅުގެ ފައިނަލްގައި ގަމުން ނުކުތީ އިސްދުއާ ދެކޮޅަށެވެ. މީގެ ކުރިން ހަތަރު ފަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފައިވާ ގަމުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި ދެ ގޯލު ޖަހައި ފައިނަލް މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ.
ގަމުގެ ފުރަތަމަ ދެ ގޯލުވެސް ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ޖަހައިދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އަލީ ސާމިސް (ތޮއްޕެ) ކަނޑާލި ބޯޅައަކަށް އަރައި އަބްދުﷲ ޖުނައިދު (ޖޭއްނޭ) ވަނީ ގަމަށް ތިންވަނަ ގޯލު ޖަހައިދީފައެވެ.
ގަމުގެ ހަތަރު ވަނަ ގޯލަކީ ހިލޭ ޖެހުމެއްގައި ކުޅުނު ރަނގަޅު ޓީމް ޕްލޭއެއްގައި ތޮއްޕެ ޖެހި ގޯލެކެވެ. ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލުގައިވެސް މޮޅަށް ކުޅުނު ތޮއްޕެއެވެ.
އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އިސްދޫގެ އަލީ ހުމޭޒެވެ.